ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން!
20 އޮކްޓޯބަރު 2026 | އަންގާރަ 08:16އޮޑިޓް އޮފީހުގެ ބަޖެޓު ކުޑަކުރުމުން ދައުލަތުގެ މާލީ ޒިންމާދާރުކަން ކަށަވަރުކުރުމަށް ހުރަސްއެޅޭނެތީ، އެކަށީގެންވާ ބަޖެޓަކާއި ވަސީލަތްތައް އެ އޮފީހަށް ފޯރުކޮށްދިނުމަށް މެމްބަރު މައުރޫފް ޒާކިރު ގޮވާލައްވައިފި. ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނިވިކަމާއި އާމްދަނީއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި، މިފަދަ މުސްތަގިއްލު މުއައްސަސާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި

ދައުރުގެ ފަހުކޮޅު އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަމުންދާތީ މެމްބަރު މައުރޫފްގެ ކަންބޮޑުވުން! | ރާއްޖެ ޓީވީ
އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ބަޖެޓު މާލިއްޔަތު ކޮމިޓީން ކުޑަކޮށްފައިވާތީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގައި މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ރިޕޯޓާމެދު ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން ބަލާއިރު، މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓަށްވުރެ އެތައް ގުނަ ދަށް ބަޖެޓެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ސަރުކާރުގެ މާލީ މުއާމަލާތްތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތާއި، ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނިވިކަމާއި، ރައްޔިތުންގެ އިތުބާރު ދައުލަތުގެ އާމްދަނީއާއި ހޭދައާމެދު އިތުރުކުރުން ފަދަ ގިނަ ކަންކަން އޮޑިޓް އޮފީހަށް ލާޒިމުކޮށްފައިވާއިރު، އެ އޮފީހަށް އެކަށީގެންވާ ވަސީލަތްތަކާއި ބަޖެޓު ލިބިދީފައި އޮންނަން ޖެހޭނެ ކަމަށެވެ.
އަހަރުން އަހަރަށް އޮޑިޓް އޮފީހުގެ ބަޖެޓު ކުޑަވަމުންދާއިރު، ދައުރެއްގެ ފަހުކޮޅަށް އަޅާއިރު މި ގޮތަށް ކަންކަން ވެގެން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، އޮޑިޓް އޮފީހަކީ ސަރުކާރުގެ މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއް ކަމަށާއި، އެހެންކަމުން އެ އޮފީހަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
މެމްބަރު މައުރޫފް ޒާކިރު ވަނީ އަދިވެސް އިތުރު އިސްލާޙު ގެނެސް، އޮޑިޓަރ ޖެނެރަލް އޮފީހަށް އެކަށީގެންވާ ބަޖެޓެއް ހަމަޖައްސައިދިނުމަށް ގޮވާލައްވާފަ އެވެ. މެމްބަރު ވިދާޅުވީ، އޮޑިޓް އޮފީހުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންދެވޭނީ އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ލިބިގެން ކަމަށާއި، އެހެންނޫނީ ދައުލަތުގެ މާލިއްޔަތު ބަލަހައްޓާ މުހިންމު އިދާރާއެއްގެ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ ދައުލަތުގެ މާލިއްޔަތު ބަލަހައްޓައި، ސަރުކާރުގެ ހޭދަތައް ބެލުމުގައި މުހިންމު ދައުރެއް އަދާކުރާ މުސްތަގިއްލު އިދާރާއެކެވެ. މި އިދާރާގެ މަސައްކަތުގެ ސަބަބުން ސަރުކާރުގެ މާލީ މުއާމަލާތްތަކުގައި ހިނގާ ގޯސްތައް ހާމަކުރެވި، ރައްޔިތުންގެ ފައިސާ ރަނގަޅަށް ހޭދަކުރެވޭތޯ ބަލަ އެވެ.











