ބޭންކް އޮފް މޯލްޑިވްސްއިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި
5 ނޮވެމްބަރު 2026 | ބުރާސްފަތި 08:27ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޑިސެމްބަރު 31 ގެ ނިޔަލަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ. ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އެޕަލް ބަންޑަލް އާއި ރިސޯޓު ދަތުރުތަކުގެ އިތުރުން އަގުހުރި އެހެނިހެން އިނާމުތައް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) | ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ.
ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ.
ބޭންކުން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު ކޯޑު މެދުވެރިކޮށް ކުރާ މުއާމަލާތްތައް ވެސް ގުރުއަތުގައި ހިމެނޭނެ އެވެ. މިއީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއެކު ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމި ނިންމުމެއް ކަމަށް ބޭންކުން ބުނެ އެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިއަކަށް ވަރަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުން ލިބޭ އިނާމާއި، މެކްބުކް ނިއޯ އާއި އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް ހިމެނެ އެވެ.
މީގެ އިތުރުން ބ. ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއް ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރިއަކަށް ލިބޭނެ އެވެ. އަދި ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއަކާއެކު މަންތާ ރޭ ނުވަތަ އެންމަޑި ބަލަން ދިއުމުގެ ފުރުސަތަކީ ވެސް މި ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެ އަގުހުރި އިނާމެކެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑުގެ ހިދުމަތް ދެމުން އަންނަ ބޭންކެވެ. އެގޮތުން އެ ބޭންކުން ދަނީ ކަސްޓަމަރުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް މިފަދަ ތަފާތު ޕްރޮމޯޝަންތައް މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.










