ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
4 ނޮވެމްބަރު 2026 | ބުދަ 10:48ފުށިދިއްގަރު ފަޅުގައި އީގަލް ހިލްސް ކުންފުންޏާއެކު ހިންގާ މަޝްރޫއަކީ ގައުމީ މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ، އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. މި މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ދޫކުރުމާއި، ފަލަސްތީނަށް އަނިޔާވެރިވާ ފަރާތްތަކަށް ވާގިވެރިވާ ކަމަށް ތުހުމަތުކުރެވޭ ބަޔަކަށް ބިން ދިނުމުގެ ކަންބޮޑުވުންތައް އެ ގަރާރުގައި ފާހަގަކޮށްފައިވޭ


މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް | ރައްޔިތުންގެ މަޖިލިސް
ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އެމްޑީޕީ އިން ގަރާރެއް ފާސްކޮށް، އެ ގަރާރު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ސޮއިކުރައްވާ ހުށަހެޅުއްވި ގަރާރުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައި އާންމު މުހިއްމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ގަރާރުގައި ބުނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253-5 ވަނަ މާއްދާގެ (ހ) ގައި އެފަދަ ވޯޓެއް ނެގުމަށް ކަނޑައަޅާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި ރާއްޖޭގެ ބިމުގެ އެއްވެސް ބައެއްގެ މިލްކުވެރިކަން ބޭރުގެ ފަރާތްތަކަށް ދިނުން މަނާކޮށް، ބޭރުގެ ފަރާތަކަށް ބިން ކުއްޔަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ދެވޭނީ 99 އަހަރަށް ވުރެ ދިގު ނުވާ މުއްދަތަކަށް ކަމަށް ވެސް ގަރާރުގައިވެ އެވެ.
ސެޕްޓެމްބަރު 21 ވަނަ ދުވަހު ދުބާއީގައި އީގަލް ހިލްސް ކުންފުންޏާ ދެމެދު، ރަސްމާލޭގެ ނަމުގައި ފުށިދިއްގަރުފަޅުން ހިއްކާފައިވާ ބިމުގައި، "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ މަޝްރޫއަކަށް ވިޔަފާރީގެ ޝަރުތުތަކުގެ އެއްބަސްވުމެއް ނުވަތަ ކޮމަރޝަލް ޓަރމްސް އެގްރީމަންޓެއްގައި ސޮއިކޮށްފައިވާއިރު ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ނިމުނު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ލިޔުމުން ފޮނުވި ޖަވާބުގައި އެ އެއްބަސްވުމަކީ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމެއްގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ބިން ދޫކުރާނީ 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ކަމަށާއި ސަރުކާރަށް ލިބޭނީ ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީގެ 10 އިންސައްތަ އާއި ވިއްކާ ޔުނިޓްތަކުގެ އަގުގެ 4 އިންސައްތަ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ގަރާރުގައި ބުނީ، މި މަޝްރޫއުގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާ ގޮތާއި ގުޅިގެން ރައްޔިތުން އެކަމުގައި ދެކޭ ގޮތެއް ބަލާއިރު، މިއީ ރާއްޖޭގެ އެތައް ރައްޔިތުންނެއް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަކަށް ވާތީ އާއި ރާއްޖެއަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކު އަބަދުވެސް ތިބޭނެ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގައި 7 އޮކްޓޫބަރު އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުމަކީ ވެސް މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އެއްވެސް ބިމެއް ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކުރާ ފަރާތްތަކަށް ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއްގެ ބޭނުމަށް ދޫކޮށްލުމަކީ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމަކަށް ނުވާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ. މި މަޝްރޫއުގެ ފައިސާ ލިބޭ ފަރާތްތަކާ ބިމުގެ ބޭނުން ކުރާނެ ފަރާތްތަކާ ބެހޭ މައުލޫމާތު މިހާތަނަށް ރައްޔިތުންނަށް ހާމަވެފައިވާ މިންވަރުން ވެސް އަސާސްތަކާ ޚިލާފު ޝައްކު އުފެދޭ ފަދަ ކަންކަން ހުރި ކަމަށް ފެންނަ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނީ ބިމުގެ އަގާއި ބިމުގެ ކުލި ވެސް ނުނަގާ ކަމަށާއި މިހާރު އޮތް ގާނޫނުތަކުގެ ދަށުން މި ޝަރުތުތަކަށް ބިން ދޫކުރުމުގެ ފުރުސަތު ނެތުމުން އަލަށް ގާނޫނެއް ހަދަން ޖެހޭ ކަމަށެވެ. އަދި ފުރިހަމަ އެއްބަސްވުމެއް ސޮއިކުރުމުގެ ކުރިން އެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް ސަރުކާރުން ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
ދައުލަތުގެ ފައިސާ އިން ހިއްކާފައިވާ މިހާ ބޮޑު ބިމެއް ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކެއް ވަޒަންވެރިވެގެން އުޅުމުގެ ފުރުސަތު އޮންނަ ގޮތަކަށް ދޫކުރަމީ ދައުލަތުގެ ބިމާއި، ދައުލަތުގެ މާލިއްޔަތާއި، ގައުމުގެ ދިގު މުއްދަތުގެ މަސްލަހަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ވާތީ، މި ކަމުގައި ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާތީ އެކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މަޖިލީހަށް މުހިއްމު ކަމެއް ކަމަށް ވެސް ގަރާރުގައިވެ އެވެ.
އެހެންކަމުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ 3 ވަނަ މާއްދާ އާއި 6 ވަނަ މާއްދާގެ (ށ) އާއި، 8، 9، 10، 11، 12 އަދި 19 ވަނަ މާއްދާގެ (ހ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރުމަށް ސަރުކާރާއި، އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުން ކުރިއަށް ގެންދިޔުމަށް ދިވެހި ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތް އަދި ވޯޓަށް އަހާ ސަބަބާއި މުއްދަތުގެ އިތުރުން ގާނޫނުގައިވާ ގޮތުގެ މަތިން ގަރާރުގައި ހިމަނަން ޖެހޭ ކަންކަން އެމްޑީޕީގެ އެ ގަރާރުގައި ހިމަނާފައިވެ އެވެ.











