އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ
24 އޮކްޓޯބަރު 2026 | ހޮނިހިރު 08:58އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާއެއް ދީފިނަމަ، ރައްދުގައި ގަލްފު ސަރަހައްދުގެ ކަނޑުއަޑީގެ މުވާސަލާތީ ކޭބަލްތަކާއި އެމެރިކާގެ ޓެކް ކުންފުނިތަކުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތެހެރާނުން ދީފި. މި ފަދަ ހަމަލާއެއްގެ ސަބަބުން ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކަށާއި އިންޓަނެޓްގެ ޚިދުމަތަށް ބޮޑެތި ބުރޫތަކެއް އެރުމުގެ ބިރު އޮތްއިރު، މިއީ އާ ހަނގުރާމައެއް ހުއްޓުވުމަށް ވޮޝިންގޓަނަށް ޕްރެޝަރު ކުރުމުގެ އުކުޅެއް ކަމަށް ތަޖުރިބާކާރުން ދެކޭ


ބަންދަރް ޢައްބާސްގެ އައްސޭރިފަށުގައި އޮތް އީރާނުގެ އައިއާރްޖީސީގެ މަނަވަރެއްގައި އައިއާރްޖީސީގެ އޮފިސަރަކު ފޯރިމަރަނީ | ދި އަރަބް ވީކްލީ
އެމެރިކާއާއި އިސްރާއީލުން އީރާނަށް އަލުން އުދުވާނީ ހަމަލާއެއް ދީފިނަމަ، ރައްދުގައި ގަލްފުގެ ސަރަހައްދުގައި އަޅާފައިވާ ކަނޑުއަޑީގެ މުވާސަލާތީ ކޭބަލްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ތަފްސީލީ ޕްލޭނެއް ތެހެރާނުން އެކުލަވާލައިފި އެވެ.
މި ޕްލޭނާ ގުޅޭގޮތުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް، އީރާނުގެ ސަލާމަތީ އިސް ދެ އޮފިޝަލަކު ރޮއިޓަރސް ނޫސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޮޝިންގޓަނާއެކު ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތައް ފޭލުވެ، އަލުން ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި މި ސަރަހައްދުގެ ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާ އަމާޒުވެދާނެ ކަމަށެވެ. ތެހެރާނުން މި ފަދަ ހަމަލާތައް ދޭނީ ކޮން ގޮތަކަށް ނުވަތަ ސީދާ ކޮން ސަރަހައްދަކަށް ކަމުގެ ތަފްސީލު އެ ބޭފުޅުން ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް، ހަމަލާއަކަށްފަހު މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓްގެ ގުޅުންތައް ކެނޑިފައިވާ މުއްދަތު ދިގުދެންމުމުގެ ބޭނުމުގައި، އެ ކޭބަލްތައް މަރާމާތުކުރުމަށް ކުރާ މަސައްކަތްތަކަށް އީރާނުން ހުރަސްއަޅާނެ ކަމަށް އޮފިޝަލުންގެ ތެރެއިން އެކަކު ފާހަގަކުރެއްވި އެވެ.
"އީރާނަށް ހަމަލާއެއް ދީފިނަމަ، ދެން އެއްވެސް ރަތް ރޮނގެއް ނޯންނާނެ... ކަނޑުއަޑީގެ ކޭބަލްތަކުން ފެށިގެން ގޮސް ސިއްރު މަރުކަޒުތައް ހިމެނޭހެން އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާ އަމާޒުވާނެ،" އެ އޮފިޝަލު ވިދާޅުވި އެވެ. ހަމަމިއާއެކު، އީރާނަށް އެ ކަނޑުއަޑީގެ ކޭބަލްތަކާ ހަމައަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ކަމަށާއި އެ ތަކެތި ހަލާކުކޮށްލުމަކީ ދަތި ކަމެއް ނޫން ކަމަށް ބަޔާންކުރައްވައި، "އަލިފާނާ ނުކުޅުމަށް" އެ އޮފިޝަލު ވަނީ ވޮޝިންގޓަނަށް އިންޒާރު ދެއްވާފަ އެވެ.
އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ސިޔާސީ ގޮފީގެ ވެރިޔާ ނައިބު ޔަދުﷲ ޖަވާނީ ބުދަ ދުވަހު ވިދާޅުވީ، އީރާނުގެ އަސާސީ އުމްރާނީ ވަސީލަތްތަކަށް ހަމަލާއެއް އަތުވެއްޖެނަމަ، ހުރްމުޒް ކަނޑައޮޅީގެ އަޑީގައިވާ އިންޓަނެޓްގެ މައިގަނޑު ހަތް ކޭބަލަކަށް އީރާނުން ހަމަލާދީފާނެ ކަމަށެވެ. މި މައްސަލައިގައި އެމެރިކާގެ ޚާރިޖިއްޔާއިންނާއި އީރާނުގެ ޚާރިޖިއްޔާއިން ރޮއިޓަރސްގެ ސުވާލުތަކަށް ޖަވާބެއް ނުދެ އެވެ. ގަލްފުގެ އެއްވެސް ޤައުމަކުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ހުރްމުޒް ކަނޑައޮޅީގެ ކޭބަލްތަކާއި ދުނިޔޭގެ އިންޓަނެޓްގެ ނުފޫޒު
އދ. ގެ އިންޓަނޭޝަނަލް ޓެލެކޮމިޔުނިކޭޝަން ޔޫނިއަނުން (އައިޓީޔޫ) ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔޭގެ އިންޓަނެޓް ޓްރެފިކްގެ ގާތްގަނޑަކަށް %99 ދަތުރުކުރަނީ ކަނޑުއަޑީގެ ކޭބަލްތައް މެދުވެރިކޮށެވެ. ނަމަވެސް، ޓެލެކޮމިއުނިކޭޝަން ދިރާސާތައް ކުރާ 'ޓެލެޖިއޮގްރަފީ' ކުންފުނީގެ ރިސަރޗް ޑިރެކްޓަރު އެލަން މޯލްޑިން ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ ބޭންޑްވިޑްތުގެ %1 އަށްވުރެ ކުޑަ މިންވަރެއް ހުރްމުޒް ކަނޑައޮޅި ހުރަސްކުރާތީ، އެ ސަރަހައްދަށް އީރާނުން ދޭ ހަމަލާތަކެއްގެ ސަބަބުން މުޅި ދުނިޔެއަށް ކުރާނެ ނޭދެވޭ އަސަރު ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ.
އީރާނާއި އޮމާން ވަކިކޮށްދޭ ހުރްމުޒް ކަނޑައޮޅިއަކީ ގަލްފުގެ ކަނޑުގެ ސަރަހައްދު، އޮމާން ކަނޑަށާއި އަރަބި ކަނޑާ ގުޅުވައިދޭ މައިގަނޑު މަގެވެ. މަސްރަހުގެ ދާރިސުން ވިދާޅުވާ ގޮތުގައި، އެއްފަހަރާ ގިނަ ކޭބަލްތަކެއް ބުރިކޮށްލައިފިނަމަ، އިންޓަނެޓްގެ ސްޕީޑް ދަށްވެ، މާލީ މުއާމަލާތްތަކަށާއި އީ-ކޮމަރސް އަދި ކްލައުޑް ކޮމްޕިއުޓިންގ ޚިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އެރުން އެކަށީގެންވެ އެވެ. މި ފަދަ ހަމަލާއެއްގެ އަސަރު ފޯރާ މިންވަރު ބިނާވާނީ އޮޕަރޭޓަރުން ޓްރެފިކް އެހެން ދިމާލަކަށް ބަދަލުކުރާ ގޮތެއްގެ މައްޗަށާއި، ބަދަލުގައި ބޭނުންކުރެވެން ހުރި ގުޅުންތަކުގެ ކެޕޭސިޓީގެ މައްޗަށް ކަމަށް މޯލްޑިން ވިދާޅުވި އެވެ.
މިއާއެކު، ހަނގުރާމައިގެ ހާލަތެއްގައި ކޭބަލްތައް މަރާމާތުކުރުމަކީ ދަތި ކަމަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އިންޝުއަރެންސްގެ އަގު އިންތިހާއަށް އުފުލުމާއި، ކަނޑުގެ ސަރަހައްދަށް ވަނުމަށް ހޯދަންޖެހޭ ހުއްދަތައް ލިބުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން މަރާމާތުގެ މަސައްކަތްތައް އިތުރަށް ދިގުލައިގެން ދާނެ ކަމަށް ބެލެވެ އެވެ.
'ވަރުގަދަ ރައްދެއް': ޑިޖިޓަލް އުމްރާނީ ވަސީލަތްތަކަށް އޮތް ނުރައްކާ
ކަނޑުއަޑީގެ ކޭބަލްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ތައްޔާރުކުރެވޭ ޕްލޭންތަކުން ހާމަވަނީ، އެމެރިކާއިން އަލުން ދޭ އަސްކަރީ ކެމްޕޭނަކަށް މީގެ ކުރިއަށްވުރެ މާ ވަރުގަދަ ރައްދެއް ދޭންޖެހޭނެ ކަމަށް އީރާނުގެ އިސްވާރުން ދެކޭ ދެކުމެވެ. އީރާނުގެ ސަލާމަތީ އިސް އޮފިޝަލެއް ކަމަށްވާ މުޙުސިން ރެޒާއީ މި މަހުގެ ކުރީކޮޅު އިންޒާރު ދެއްވަމުން ވިދާޅުވީ، އާ ހަނގުރާމައެއް ފެށިއްޖެނަމަ، ގަލްފުގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާއާ ގުޅުންހުރި ޑިޖިޓަލް އުމްރާނީ ވަސީލަތްތައް ކަމުގައިވާ ޑޭޓާ ސެންޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މަރުކަޒުތަކަށް ހަމަލާދެވިދާނެ ކަމަށެވެ.
ވޮޝިންގޓަނާ ގާތްގުޅުމެއް ބާއްވާ ގަލްފުގެ ޤައުމުތަކުން މި ފަދަ ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، "ކަނޑުއަޑީގެ ކޭބަލްތަކަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ އަޅުވަންވާނީ ތެހެރާނުގެ ކޮނޑުގައެއް ނޫން، ވޮޝިންގޓަންގެ ކޮނޑުގަައި،" ކަމަށް އީރާނުގެ ދެވަނަ ސަލާމަތީ އޮފިޝަލު ވިދާޅުވި އެވެ.
ވޮޝިންގޓަންގައި ހުންނަ މިޑްލް އީސްޓް އިންސްޓިޓިއުޓްގެ އީރާން ޕުރޮގުރާމުގެ ޑިރެކްޓަރު އެލެކްސް ވަތަންކާ ވިދާޅުވީ، މި ފަދަ އިންޒާރުތަކުގެ މައިގަނޑު ބޭނުމަކީ އާ ހަނގުރާމައެއް ހުއްޓުވުމާއި، ގަލްފުގެ ސަރުކާރުތަކާއި އެމެރިކާގެ ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކަށް ބިރުދައްކައިގެން ވޮޝިންގޓަނަށް ޕްރެޝަރު ކުރުމެވެ.
"އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެ ބޭފުޅުންގެ އިންވެސްޓްމަންޓް ޕްލޭންތަކަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅިގެން ޓްރަމްޕަށް ޕްރެޝަރު ކުރުމަށް ގަލްފުގެ ޤައުމުތަކަށާއި ކުންފުނިތަކުގެ އިސް ވެރިންނަށް ތެހެރާނުން ބާރުއަޅަން ބޭނުންވޭ،" ވަތަންކާ ވިދާޅުވި އެވެ.
ރަތް ކަނޑާއި ޓެކްނޮލޮޖީ އިންވެސްޓްމަންޓްތަކުގެ މުސްތަގުބަލު
ހުރްމުޒް ކަނޑައޮޅިއަށްވުރެ ބޮޑަށް ރަތް ކަނޑުގައި ހުރި ކޭބަލްތަކަކީ މާ ނުރައްކާތެރި އަދި ނާޒުކު އަމާޒަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ޚާއްސަކޮށް ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ކަމަށް ހުޅަނގުން ތުހުމަތުކުރާ ހޫޘީ ހަނގުރާމަވެރިންގެ އެހީތެރިކަން ލިބިއްޖެ ހާލަތެއްގައި މި ނުރައްކާ އިތުރުވާނެ އެވެ. ނަމަވެސް، އެ ސަރަހައްދުގެ ކޭބަލްތަކަށް ހަމަލާދޭން ރާވާފައިވާ ކަމުގެ އެއްވެސް ރަސްމީ ބަޔާނެއް ތެހެރާނުން މިހާތަނަށް ދީފައެއް ނުވެ އެވެ.
މޯލްޑިން ބަޔާންކުރެއްވި ގޮތުގައި، ވިލާތާއި އިރުމަތީ އެފްރިކާ އަދި އޭޝިޔާއާ ދެމެދު ޑޭޓާ ދަތުރުކުރަނީ ރަތް ކަނޑު ހުރަސްކޮށެވެ. މިއީ، މުޅި ދުނިޔޭގެ ބައިނަލްއަގުވާމީ ޑިމާންޑްގެ ގާތްގަނޑަކަށް %3 އަދި ސަރަހައްދުތަކުގެ މެދުގައި ދަތުރުކުރާ ޓްރެފިކްގެ ގާތްގަނޑަކަށް %10 އެވެ.
ގަލްފުގެ ޤައުމުތަކުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖެންސްގެ މައި މަރުކަޒުތަކަށް ވުމަށް ޓަކައި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާއިރު، އެމެރިކާގެ ޓެކް ކުންފުނިތަކާއެކު އޮންނަ ގުޅުން އަންނަނީ ވަރުގަދަކުރަމުންނެވެ. 2026 މާރިޗު މަހުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގެ ތެރޭގައި ޔޫއޭއީގައި ހުރި އެމެޒަން ކުންފުނީގެ ވެބް ސަރވިސަސްގެ ދެ މަރުކަޒަކަށް އީރާނުން ސީދާ ހަމަލާދީފައިވާއިރު، ބަޙުރައިންގައި ހުރި އެ ކުންފުނީގެ މަރުކަޒެއް ކައިރީގައިވާ އުމްރާނީ ވަސީލަތްތަކަށް ވެސް ގެއްލުން ލިބުނެވެ. މާރިޗު މަހުގެ ހަނގުރާމަ އެންމެ ހޫނުގަދަ ދަނޑިވަޅުގައި އައިއާރްޖީސީން ވަނީ މައިކްރޯސޮފްޓް، ގޫގުލް، އެޕަލް އަދި އެންވިޑިއާ ފަދަ އެމެރިކާގެ ޓެކް ކުންފުނިތަކަކީ ހަމަލާދިނުން ހުއްދަ އަމާޒުތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މި ނުރައްކާތަކާ ގުޅިގެން، އެއްގަމު މަގުން އަޅާ ގުޅުންތަކަކީ އިންޓަނެޓް ޓްރެފިކަށް ބޭނުންކުރެވިދާނެ ބަދަލު މަގުތަކަކަށް ވާތީ، ގަލްފުގެ ޤައުމުތަކާއި އެމެރިކާގެ ޓެކް ކުންފުނިތަކުން ދަނީ ނިޒާމުތަކުގެ ހަރުދަނާކަން އިތުރުކުރުމަށް އިތުރު ވަސީލަތްތައް ގާއިމުކުރަމުންނެވެ. މި ގޮތުން، 2030 ވަނަ އަހަރުގެ ނިޔަލަށް މެދުއިރުމަތީގެ ކަނޑުއަޑީގެ އަދި އެއްގަމު މަގުތަކުގެ މުވާސަލާތީ ގުޅުންތަކަށް 400 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް މައިކްރޯސޮފްޓުން ވަނީ ޕްލޭންކޮށްފަ އެވެ.
މަސްދަރު: ރޮއިޓަރސް











