ދެ މިލިޔަން ފީފާގެ ތެލާއެކު ދަތުރުކުރި ސުޕަޓޭންކަރެއް މައިނެއްގައި ޖެހި އަލިފާން ރޯވެއްޖެ
31 އޮކްޓޯބަރު 2026 | ހޮނިހިރު 06:33ހުއްދަ ނެތް ސަރަހައްދަކުން ދަތުރުކުރި ސުޕަޓޭންކަރެއް ކަނޑުއަޑީގެ މައިނެއްގައި ޖެހި ރޯވިއިރު، މިއީ ހުކުރު ދުވަހު ހުރްމުޒް ކަނޑުއޮޅިން މިފަދަ ހާދިސާއެއް ކުރިމަތިވި ހަތަރުވަނަ އުޅަނދު. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުގެ ސަލާމަތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައި


ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގެ ހަނި މަގުތަކުން، މުދާ އުފުލާ ދެ ޓޭންކަރެއް ދަތުރުކުރަމުން ދަނީ | އަނަދޮލު އޭޖެންސީ
އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ސުޕަޓޭންކަރެއް ކަނޑުއަޑީގެ މައިނެއްގައި ޖެހި، ބާރުގަދަ ގޮވުމަކާއެކު ރޯވެ އަނދަމުންދާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯގެ (އައިއާރްޖީސީ) ކަނޑުގެ ސިފައިން ހުކުރު ދުވަހު ބުނެފި އެވެ. މިއީ، ހުކުރު ދުވަހުގެ ފަތިހުން ފެށިގެން މި އިސްތިރާޖީ ގޮތުން މުހިންމު ކަނޑުއޮޅިން ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވެފައިވާ ހަތަރު ވަނަ އުޅަނދު ކަމަށް ވެސް އައިއާރްޖީސީން ބުންޏެވެ.
އައިއާރްޖީސީގެ ނޭވީ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދެ މިލިޔަނަށްވުރެ ގިނަ ފީފާގެ ސާފުނުކުރާ ކާޑު ތެޔޮ ބަރުކޮށްގެން މި ސުޕަޓޭންކަރު ދަތުރުކުރަމުން ދިޔައީ، ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ މަގުތަކާ ޚިލާފަށް، ހުއްދަ ނެތް ދެކުނުގެ މަގަކުން ކަމަށެވެ. އެ ސަރަހައްދުން ދަތުރު ނުކުރުމަށް އަންގައި ރޭޑިއޯ މެދުވެރިކޮށް ތަކުރާރުކޮށް ދިން އިންޒާރުތަކަށް އެ އުޅަނދުން އެއްވެސް އިޖާބައެއް ނުދޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.
ކަނޑުއަޑީގެ މައިނެއްގައި ޖެހުމުގެ ސަބަބުން ބާރުގަދަ ގޮވުމެއް ގޮވައި، މުޅި އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށް އައިއާރްޖީސީން ބުންޏެވެ. އެ ފައުޖުން ބުނީ، ޓޭންކަރު މަސައްކަތް ކުރަމުން ދިޔައީ ހުއްދަ ދީފައި ނުވާ ދެކުނު މަގުން ކަނޑުއޮޅިން ބޭރުވުމަށެވެ.
އީރާނުގެ ލާވާން ޖަޒީރާގެ ދެކުނުން 40 ނޯޓިކަލް މޭލު ބޭރުން، ޖީއެމްޓީ ގަޑިން 18:00 ހާއިރު ކަނޑުގެ އުޅަނދަކަށް ގޮތް ނޭނގޭ އެއްޗަކުން ހަމަލާއެއް އަރާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސްއިން (ޔޫކޭއެމްޓީއޯ) ވެސް ރިޕޯޓުކޮށްފައިވެ އެވެ. އެ ހަމަލާ އަމާޒުވީ އުޅަނދުގެ ވާތްފަރާތަށް ކަަމަށް ޔޫކޭއެމްޓީއޯއިން ބުންޏެވެ.
މި ހާދިސާގެ ސަބަބުން އުޅަނދުގައި އަލިފާން ރޯވި ނަމަވެސް، އުޅަނދުގެ ހުރިހާ ފަޅުވެރިން ސަލާމަތުން ތިބި ކަމަށާއި ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ޔޫކޭއެމްޓީއޯ އިން ބުންޏެވެ. ނަމަވެސް، ޔޫކޭއެމްޓީއޯއިން ރިޕޯޓުކުރި ހާދިސާއާއި އައިއާރްޖީސީން ހާމަކުރި ޓޭންކަރާ ގުޅުމެއް ވާކަން އަދި ސާފުވެފައެއް ނުވެ އެވެ.
ފާއިތުވި ހަފުތާތަކުގައި ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ވަށައިގެން ވިޔަފާރި އުޅަނދުފަހަރަށް ކުރިމަތިވި މި ފަދަ އެތައް ހާދިސާތަކެއް އީރާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި ގޮތުން ކަނޑުއަޑީގެ މައިންތަކުގައި ޖެހި ތެޔޮ ޓޭންކަރުތަކަށް ގެއްލުން ލިބުނު ކަމަށް ބުނާ ހާދިސާތައް ވެސް ހިމެނެ އެވެ.
ގަލްފު ކަނޑާއި ޢުމާން ކަނޑު ގުޅުވައިދޭ ހުރްމުޒް ކަނޑުއޮޅިއަކީ، މުޅި ދުނިޔޭގެ ތެލާއި ގުދުރަތީ ގޭސް (އެލްއެންޖީ) ބައިނަލްއަގުވާމީ ބާޒާރުތަކަށް އުފުލުމުގައި އެންމެ މުހިންމު އެއް މަގެވެ.
މި ސަރަހައްދުގެ ކަނޑުގެ ސަލާމަތީ މަސްރަހު ނުތަނަވަސްވެފައި ވަނީ، ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން، މުޅި ސަރަހައްދުގައި އީރާނުން ބަދަލުހިފުމުގެ ފިޔަވަޅުތައް އަޅަން ފެށި ހިސާބުންނެވެ. ހަމަމިއާއެކު، އޭގެ ފަހުން ޑިޕްލޮމެޓިކް ގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޖޫން މަހު ވޮޝިންގޓަނާއި ތެހްރާނާ ދެމެދު އެއްބަސްވުމެއްގެ އޮނިގަނޑުގައި ސޮއިކުރި ނަމަވެސް، ކަނޑުގެ ސަލާމަތީ ކަންކަމާއި ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުގެ އިންތިޒާމުތަކާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތައް އަދިވެސް ދަނީ ކުރިއަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











