ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމުމާ ގުޅޭ "އެއްބަސްވުމަކާ ވަރަށް ގާތްވެއްޖެ": ޓްރަމްޕް
1 ނޮވެމްބަރު 2026 | އާދީއްތަ 02:29ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމާ ވަރަށް ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. މީގެ އިތުރުން، އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ކިއުބާގެ ކޮމިއުނިސްޓް ވެރިކަން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
ޑިސެންބަރު މަހު އެމެރިކާގެ ފްލޮރިޑާގައި ހުންނަ 'ޓްރަމްޕް ނޭޝަނަލް ޑޯރާލް' ރިޒޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓުގެ ކުރިން، ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ސުލްހައިގެ ތާރީޚީ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަކުރައްވައި، މި ހަނގުރާމަ ހައްލުކުރުމަށް "ވަރަށް ރަނގަޅު ފުރުސަތެއް" އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. "އަޅުގަނޑު ދެކޭގޮތުގައި އެ މައްސަލައިގައި އެއްބަސްވުމަކާ ހަމައަށް ވާސިލުވުމާ މިހާރު މިތިބީ ވަރަށް ގާތުގައި،" ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީގެ ދެމެދުގައި އޮތް އަދާވާތްތެރިކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޖީ20 ސަމިޓުގެ ތެރޭގައި ރަޝިއާ-ޔޫކްރެއިން އެއްބަސްވުމެއް ގާއިމުކުރެވިދާނެތޯ ސުވާލު ދެންނެވުމުން، ޓްރަމްޕް އެ ކަން ދޮގެއް ނުކުރައްވަ އެވެ. އަދި، ދެ ފަރާތުގެ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމުގެ ޔަގީންކަން ފާޅުކުރައްވަމުން، "އަޅުގަނޑަށް ހީވަނީ އެ ކަން ކާމިޔާބުވުމުގެ ވަރަށް ރަނގަޅު ފުރުސަތެއް އެބައޮތް ހެން. ހަމަމިއާއެކު އަޅުގަނޑުމެން މި ދަނީ އެހެން ގިނަ އެއްބަސްވުންތަކެއް ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
މިއާއެކު، އީރާނުގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އެ ޤައުމުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދިނުމަށް ވޮޝިންގޓަނުން ސާބިތުކަމާއެކު ދެމިއޮތް ކަމަށެވެ. އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ވިދާޅުވެ، ވޮޝިންގޓަނުން "އެ ކަން އެއްކޮށް ނިންމާލާނެ" ކަމަށް ވެސް ޓްރަމްޕް ބަޔާންކުރެއްވި އެވެ.
ކިއުބާގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ލަފާކުރެއްވީ، އެ ޤައުމުގެ ކޮމިއުނިސްޓް ވެރިކަން މާ ގިނަ ދުވަހަކު ދެމި ނޯންނާނެ ކަމަށެވެ. އަދި ވެނެޒުއެލާއަށް ފަހު، އެމެރިކާގެ ސަމާލުކަން ކިއުބާއަށް ހުއްޓާލެވިދާނެ ކަމުގެ އިޝާރާތެއް ކުރައްވަމުން، އެއީ ފޭލުވެފައިވާ ޤައުމެއް ކަމަށާއި ވަރަށް އަވަހަށް މީހުން އެ ޤައުމަށް އެނބުރި ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ގޮތުން، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އެ ޤައުމުގެ ހާލަތު ވަރަށް ގާތުން މޮނިޓަރު ކުރައްވަމުން ގެންދަވާ ކަން ވެސް ޓްރަމްޕް ފާހަގަކުރެއްވި އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











