ވަޒީފާއާބެހޭ މައްސަލައަކަށް ޖަވާބުދާރީވާން ފެނަކައަށް އަމުރެއް
3 ނޮވެމްބަރު 2026 | އަންގާރަ 12:36ކައުންސިލް އިންތިހާބަށްފަހު ވަޒީފާ އިއާދަކޮށްނުދިން މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަށް ނެތް ކަމަށް ބުނެ ފެނަކައިން ނެގި އިޖުރާއީ ނުކުތާ އެ ތަނުން ބޭރުކޮށްލައިފި. ޝަފީގު ހުށަހެޅި މައްސަލައަކީ ގާނޫނީ މުއްދަތުގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައި، އެކަމަށް ރަސްމީކޮށް ޖަވާބުދާރީވުމަށް ޓްރައިބިއުނަލުން މިހާރު ވަނީ ފެނަކައަށް އަމުރުކޮށްފައި


ވަޒީފާއާބެހޭ ޓްރައިބިއުނަލް | ވަޒީފާއާބެހޭ ޓްރައިބިއުނަލް
ގއ. ދެއްވަދޫ ފެނަކަ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމު އަލުން އިއާދަކޮށްދީފައި ނުވާ މައްސަލައާ ގުޅިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް ފެނަކަ ކޯޕަރޭޝަނަށް އެ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
މި މައްސަލައަކީ ގއ. ދެއްވަދޫ ތަރިވިދާގެ، އަހްމަދު ޝަފީގު ފެނަކަ ކޯޕަރޭޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ޝަފީގަކީ 20 މާޗް 2017 އިން ފެށިގެން އެ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމު އަދާކުރަމުން އައި މުވައްޒަފެކެވެ. ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށްޓަކައި 15 ފެބްރުއަރީ 2026 އިން ފެށިގެން އޭނާ ހުރީ ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑްކޮށްފަ އެވެ.
އިންތިހާބުން ނާކާމިޔާބުވުމާ ގުޅިގެން، އަލުން ވަޒީފާއަށް ރުޖޫއަވުމަށް އެދި މިދިޔަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އޭނާ ފެނަކައަށް ސިޓީ ހުށަހެޅި ނަމަވެސް، އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައި ނުވާތީ ޝަފީގު މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ މިދިޔަ އޯގަސްޓް މަހުގެ 31 ގަ އެވެ.
ޝަފީގުގެ ފަރާތުން ޓްރައިބިއުނަލްގައި އެދިފައި ވަނީ އޭނާ މަގާމަށް އިއާދަކޮށްނުދިނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ވަޒީފާ އަނބުރާ އިއާދަކޮށްދީ، ވަޒީފާއަށް ނުކުުތުމަށް އެދި ސިޓީލީ ތާރީހުން ފެށިގެން މައްސަލަ ހުށަހެޅި ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
މި މައްސަލައާ ގުޅިގެން ފެނަކައިން އިޖުރާއީ ނުކުތާއެއް ނަގައި ބުނެފައި ވަނީ، ކުންފުނީގެ ގަވާއިދުގެ ދަށުން އިންތިހާބަށް ކުރިމަތިލުމުން އޭނާ ވަޒީފާއިން ވަގުތީގޮތުން ވަކިވާނެ ކަމަށާއި އެ މުއްދަތުގައި މުސާރަ ނުލިބޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މުވައްޒަފުން މައްސަލަ ހުށަހަޅަންޖެހޭ ގާނޫނީ މުއްދަތު (3 މަސް ދުވަސް) ފާއިތުވެފައިވާތީ، ޝަފީގު ހުށަހެޅި ފޯމު ބާތިލްކޮށްދިނުމަށް ފެނަކައިން އެދުނެވެ.
ނަމަވެސް، މައްސަލައިގެ ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ޓްރައިބިއުނަލުން ނިންމާފައި ވަނީ، އިންތިހާބަށްފަހު އަލުން ވަޒީފާ އިއާދަކޮށްދިނުމަށް އެދި ކުންފުނިން ކަނޑައަޅާފައިވާ 3 ދުވަހުގެ މުއްދަތުގެ ތެރޭގައި ޝަފީގު ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން، މި މައްސަލައަކީ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ފެނަކައިން އެދުނު އިޖުރާއީ ނުކުތާ ބާތިލްކޮށް، މައްސަލައަށް ރަސްމީކޮށް ޖަވާބުދާރީވުމަށް ފެނަކަ ކޯޕަރޭޝަނަށް ވަނީ އަމުރުކޮށްފަ އެވެ.











