ދަރަވަންދޫގައި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި، ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: އާޔަތުﷲ
21 ސެޕްޓެމްބަރު 2026 | ހޯމަ 10:22ބ. ދަރަވަންދޫ ބަނދަރާއި ސްކޫލް ހޯލް އަދި ޕޮލިސް ސްޓޭޝަން ފަދަ މުހިންމު މަޝްރޫއުތައް ހުއްޓިފައިވާތީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައި. މި މަސައްކަތްތައް ފެނަކައާ ހަވާލުކުރި ނަމަވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާކަމަށާއި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަޝްރޫއުގެ މައުލޫމާތު ވެސް ސަރުކާރުން ހާމަނުކުރާކަމަށް ބ. ހިތާދޫ ދާއިރާގެ އެމްޑީޕީ ރައީސް އާޔަތުﷲ ވިދާޅުވި


ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ބ. ދަރަވަންދޫގައި ކުރިއަށްގެންދަން ނިންމި ތަރައްޤީގެ މުހިންމު މަޝްރޫއުތައް ހުއްޓި، ރައްޔިތުންނަށް ސަރުކާރުން އޮޅުވާލަމުންދާ ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޔަތުﷲ ވިދާޅުވީ ނިމިދިޔަ ވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު ދަރަވަންދޫ ބަނދަރުގެ 40 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށެވެ. މާޅޮހަށްވުރެ ކުރިން ފެށި އެ މަސައްކަތް ނުނިމި މިހާރު 3 އަހަރު ވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރަވަންދޫ އަށް ވަޑައިގަތުމުން ރައްޔިތުން އެދުނު އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ފެނަކައާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ނުފެށި ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.
އެތަނަށް ގެންދިޔަ ދިހަގަނޑު ފައްޗާއި ދެ ބަސްތާ ޖަމްބޯ ހިލަޔާއި ހިލަވެއްޔާއި ސިމެންތިކޮޅަކާ ގެންގޮސް މިހާރު އެހެރީ ގަނޑުވެފައި. މި ލޯކަލް ކައުންސިލް އިންތިޚާބު ތެރޭގައި ރައްޔިތުންނަށް ދައްކަން މި އެއްޗެހި އަރުވައިފި. އަދި މަސައްކަތެއް ނެތް ފެށިފައެއް. ފެންސުގަނޑު ވެސް ނެތް ޖެހިފައެއްއާޔަތުﷲ
މީގެއިތުރުން ދަރަވަންދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް ފެނަކައާ ހަވާލުކުރި ނަމަވެސް، ބޮޑު ވަޅެއް ކޮނެ މަދިރި އާލާވާން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ފެނަކަ އުވާލައި އެ މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރަމުންދަނީ ޒިންމާއިން ރެކުމަށް ކަމަށް ތުހުމަތު ކުރައްވަމުން، މިފަދަ ގޮތްގޮތަށް ކަންކަން ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.
ހަމައެއާއެކު، ދަރަވަންދޫ ސިއްހީ މަރުކަޒުގެ އައު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އަދި އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ކޮން ބަޔަކާ ކަން ވެސް އެނގެން ނެތް ކަމަށް ވިދާޅުވެ އާޔަތުﷲ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.











