މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުން: ހަގީގީ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން ލިބޭ ހެއްޔެވެ؟
14 އޮކްޓޯބަރު 2026 | ބުދަ 11:38ސްޓެލްކޯގެ ބެލުމުގެ ދަށުގައި އޮތް ރަށްރަށުގެ އިންޖީނުގެތަކާއި ނެޓްވޯކްތައް ވޭތުވެދިޔަ 17 އަހަރު ތަރައްގީ ކުރެވިފައެއް ނެތް. ކުރީ ސަރުކާރުން ފެނަކަ މެދުވެރިކޮށް ގެނައި ޒަމާނީ ބަދަލުތައް މިހާރު ހުއްޓުމަކަށް އައިސްފައިވާއިރު، މިއީ ލާމަރުކަޒީ ނިޒާމަށް ނުރުހޭ މެނޭޖްމަންޓެއްގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ބޮޑު ދެރައެއް


ފެނަކައިން ވަނީ ޒަމާނާ އެއްވަރަށް އިންޖީނުގެ ތަރައްޤީކޮށް، ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވި، ރަށްރަށަށް އެކަމުގެ ހައްލު ހޯދާދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި | ރާއްޖެއެމްވީ ގްރެފިކްސް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔުޓިލިޓީގެ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މި ޒިންމާ އަދާކުރުމުގެ ގޮތުން 2009 ވަނަ އަހަރު ސަރުކާރުން ނިންމީ 6 ޔުޓިލިޓީ ކުންފުނި އުފައްދައި، ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން މި ހިދުމަތްތައް ދިނުމަށެވެ. މި ބަދަލާއެކު ސްޓެލްކޯގެ އިހްތިސާސްގެ ދަށަށް ކަނޑައެޅިގެން ދިޔައީ ގްރޭޓަރ މާލެ ސަރަހައްދާއި، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅެވެ.
ސްޓެލްކޯއާ ހަވާލުކުރެވުނު ސަރަހައްދުތައް:
ގްރޭޓަރ މާލެ ރީޖަން: މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު
މާލެ އަތޮޅު (ކ): ކާށިދޫ، ގާފަރު، ދިއްފުށި، ތުލުސްދޫ، ހިންމަފުށި، ހުރާ، މާފުށި، ގުރައިދޫ، ގުޅި
އަލިފު އަލިފު އަތޮޅު (އއ): ރަސްދޫ، ތޮއްޑޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، މާޅޮސް، ފެރިދޫ، ހިމަންދޫ
އަލިފު ދާލު އަތޮޅު (އދ): ދަނގެތި، ދިއްދޫ، ދިގުރަށް، ފެންފުށި، ހަންޏާމީދޫ، ކުނބުރުދޫ، މާމިގިލި، މަހިބަދޫ، މަންދޫ، އޮމަދޫ
ވާވު އަތޮޅު (ވ): ފެލިދޫ، ފުލިދޫ، ކެޔޮދޫ، ތިނަދޫ، ރަކީދޫ
މި ރަށްރަށަކީ ޒަމާނުއްސުރެ ރައްޔިތުންގެ ބުރަ މަސައްކަތުންނާއި އަމިއްލަ ޚަރަދުގައި އިންޖީނުގެތައް އަޅައި، ނެޓްވޯކްތައް ގާއިމުކޮށްގެން ހިންގަމުން އައި ރަށްރަށެވެ. އެ ރައްޔިތުން ކުންފުންޏަކާ މި މަސައްކަތް ހަވާލުކުރީ ޒަމާނާ އެކަށޭނަ ޒަމާނީ ބަދަލުތަކެއް އަންނާނެ ކަމުގެ ފޮނި އުންމީދުގަ އެވެ. ނަމަވެސް، 2009ން ފެށިގެން މިއަދާ ހަމައަށް 17 އަހަރު ފާއިތުވެގެން ދިޔައިރުވެސް، މި ދެންނެވި ރަށްރަށުގެ މައިގަނޑު އިންފްރާސްޓްރަކްޗަރ އަށާއި ކަރަންޓު ނެޓްވޯކްތަކަށް އެދެވޭ އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެ އެވެ. އިންސްޓިޓިއުޓްތަކުގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ ރުހުމާއި ހިތްހަމަޖެހުމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި ވިޔަސް، މި ރަށްރަށުން ފެންނަނީ މުޅިން އިދިކޮޅު މަންޒަރެކެވެ.

ބ. ފުޅަދޫގެ ކުރީގެ އިންޖީނުގެ | ރާއްޖެ އެމްވީ
ރައްޔިތުން އެދޭ އަދި ބޭނުންވާ އަސާސީ ބަދަލު:
ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުންނަނީ މީހުން ދިރިއުޅޭ އަވަށްތަކުގެ މެދުގަ އެވެ. އިންޖީނުތަކުގެ ގަދަ އަޑާއި، ދުވާ ވިހަ ދުމުގެ ސަބަބުން ރައްޔިތުން އުޅެމުންދަނީ ނަފްސާނީ އަދި ޖިސްމާނީ ބޮޑު ތަކުލީފެއްގަ އެވެ. މީގެއިތުރުން، ޒަމާނާ އެއްގޮތަށް ކަރަންޓު ވިއުގަ (ނެޓްވޯކް) އަޕްގްރޭޑް ނުކުރެވި ހުރުމުގެ ސަބަބުން، ހަމަހަމަކޮށް އަދި އެކަށީގެންވާ ވޯލްޓޭޖުގައި ކަރަންޓު ނުލިބި، ރައްޔިތުންގެ އަގުބޮޑެތި މުދަލާއި ހިފާގެންގުޅޭ ސާމާނު ހަލާކުވެ، އިންތިހާއަށް ބޮޑެތި ގެއްލުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

ކުރިން އޮޅުވެލިފުށީގައި ބޭނުންކުރަމުން ދިޔަ އިންޖީނުގެ ހުރީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި، މީގެ ސަބަބުން ދުމާއި އަޑުގަދަވުމުގެ އުނދަގޫ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުން ދިޔަ | ރާއްޖެ އެމްވީ
ފެނަކައިން ގެނައި އިންގިލާބީ ބަދަލު:
ނަމަވެސް، މި ހާލަތު ބަދަލުކުރެވިދާނެކަން ފެނިގެންދިޔައީ ފާއިތުވި އެމްޑީޕީ ސަރުކާރުގަ އެވެ. 17 ޑިސެމްބަރ 2018 ގައި އައު މެނޭޖްމަންޓުން ފެނަކައާ ހަވާލުވުމަށްފަހު، އެންމެ އިސްކަމެއް ދިނީ އިހުލާސްތެރިކަމާއި ތެދުވެރި ނިޔަތާއެކު ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށެވެ. އެގޮތުން، ރަށްރަށުގެ މެދުގައި ހުރި ބާ އަޑުގަދަ އިންޖީނުގެތަކާއި، "ބޮނބިނަރު" ފަދަ ބަލިކަށި ނެޓްވޯކްތަކާއި، ކޮޅުފިލާ ގޮނޑީގައި ހިންގި އޮފީސްތައް ދޫކޮށް، ޒަމާނީ އިންފްރާސްޓްރަކްޗަރތަކާއި އޮފީސް އިމާރާތްތައް ބިނާކުރި އެވެ. ނަތީޖާއެއްގެ ގޮތުން، އެންމެ 5 އަހަރު ދުވަހުގެ ތެރޭގައި ފެނަކައިން ޚިދުމަތް ދިން 153 ރަށުގެ ތެރެއިން 80 އިންސައްތަ ރަށުގައި ރައްޔިތުން އެދޭ ފަދަ ޒަމާނީ ފެންވަރުގެ ޚިދުމަތް ގާއިމުކޮށްދީ، ބޮޑު ތަސައްލީއެއް ހޯދައިދިނެވެ. ސްޓެލްކޯގެ ޚިދުމަތަށް 100 އަހަރަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު ފޯރުކޮށްނުދެވި ހުރި އެތައް ޚިދުމަތެއް، ފެނަކައިގެ ކުރު ތާރީޚުގެ ތެރޭގައި ރަށްރަށުގެ ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައިވާކަން އެއީ ފެންނަން އޮތް ހަގީގަތެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ފެނައިކައިން ހަދަމުން ދިއަ އޮފީސް އިމާރާތްތައް | ރާއްޖެ އެމްވީ
ސްޓެލްކޯގެ ފަސްފަހަތާއި، ސުވާލު އުފެދޭ ސަބަބުތައް:
ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ބެލުމުގެ ދަށުގައި އޮތް އަތޮޅުތެރޭގެ 32 ރަށަށް މިފަދަ ހެޔޮ ބަދަލެއް ނުގެނެވުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ޒަމާންވީ ސްޓެލްކޯގެ ސީނިއަރ މެނޭޖްމަންޓަކީ ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެއަށް ޔުޓިލިޓީ ޚިދުމަތް ފުޅާކުރުމުގެ ކޮންސެޕްޓަށް ނުރުހޭ، އެކަމަށް ފުރަގަސްދޭ ބައެއްކަން ސާފުވެ އެވެ. ސަރުކާރުތަކުގެ ސިޔާސަތުތައް ތަންފީޒު ނުކޮށް، އެކި ބަހަނާތައް ދައްކައިގެން ކުންފުނީގެ ނިންމުންތައް ނިންމަމުން ދިއުމުގެ ހެއްކަކީ މިއަދާ ހަމައަށްވެސް އެ 32 ރަށުގެ އިންޖީނުގެތަކާއި ނެޓްވޯކްތައް ބާވެ ވީރާނާވާން ދޫކޮށްލާފައި އޮތުމެވެ.
މި ހަގީގަތަށް ބަލާއިރު، މުޅި ރާއްޖޭގެ ކަރަންޓު ޚިދުމަތް އަލުން ސްޓެލްކޯއާ ހަވާލުކުރުމުން އެހެން ރަށްރަށުގެ ރައްޔިތުންނަށް ލިބޭނީ އުފާވެރިކަމެއް ނޫނެވެ. އޮތީ ހިތްދަތިކަމާއި، ނުތަނަވަސްކަމާއި، އުނދަގޫ ދުވަސްތަކެކެވެ.
ފެނަކަ އުވާލުމުގެ އަޑިނޭނގޭ ހަގީގަތް:
މި ސަރުކާރުން ފެނަކަ އުވާލައި ސްޓެލްކޯއާ ހުރިހާ ކަމެއް ހަވާލުކުރި އެންމެ ބޮޑު ސަބަބަކީ، ވެރިކަމަށް އައުމަށްފަހު ފެނަކައިން އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް ނުދެވި، އިންތިހާއަށް މުވައްޒަފުން އިތުރުކޮށް، ކޮރަޕްޝަނާއި ވައްކަން އާދަޔާ ޚިލާފަށް އިތުރުވެ މެނޭޖް ނުކުރެވޭ ހިސާބަށް ކަންކަން ދިއުމެވެ. އަދި އަމިއްލަ ނާގާބިލުކަން ފޮރުވުމަށްޓަކައި، ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމު އަޅުވައި، ދޮގު ވާހަކަތައް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރުމެވެ.
ދަތި އުނދަގޫ ހާލަތުގައި ވެސް ފެނަކައިގެ އޭރުގެ މެނޭޖްމަންޓުން ނިންމެވި ހިކުމަތްތެރި ނިންމުމަކީ، ރައްޔިތުންނަށް ފުރިހަމަ ތަސައްލީއެއް ލިބިގެންދިޔަ ބުއްދިވެރި ނިންމުމެއްކަން އެ ރަށްރަށުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު މިއަދު ފާހަގަކުރެ އެވެ. ނަމަވެސް، މި ޚިދުމަތްތަކަށް އަދިވެސް އެކަށީގެންވާ ހައްލެއް ނުލިބިވާ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެ ހިތްދަތި އިހުސާސްތައް އަޑުއަހާނެ ބަޔަކު ނެތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ފެނައިކައިން ހަދަމުން ދިއަ އޮފީސް އިމާރާތެއްގެ ކޮންސެޕްޓެއް | ރާއްޖެ އެމްވީ
ހަމައެއާއެކު، ރައްޔިތުންގެ ލާބަޔާއި އުފާވެރި ދިރިއުޅުމަކަށް އަމާޒުކޮށް، ފެނަކައިގެ ވޭތުވެދިޔަ މެނޭޖްމަންޓުން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން، ކުޑަ މިންވަރެއް ފުރިހަމަކޮށްލައިގެން ނިންމައިލެވެން ހުރި އެތައް މަޝްރޫއެއް، މި ސަރުކާރުގެ ނާޤާބިލުކަމާއި އިހުމާލުގެ ސަބަބުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެ މަޝްރޫއުތައް ނިންމުމަށްޓަކައި އެކި ރަށްރަށަށް ގެންގޮސްފައިވާ ތަކެތި ބޭނުންނުކޮށް ހަލާކުވަމުންދާއިރު، އޭގެ ތެރެއިން ބައެއް ތަކެތި ނަހަމަ ގޮތުގައި ބޭނުންކޮށް، ވަކި ބައެއްގެ ޒާތީ މަސްލަހަތު އިސްކުރަމުންދާކަމީ މިއަދު ރަށްރަށުން ފެންނަން އޮތް ހަގީގަތެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ފާއިތުވި 17 އަހަރު ދުވަހު ސްޓެލްކޯގެ ބެލުމުގެ ދަށުގައި އޮތް 32 ރަށަށް ނުދެވުނު އަޅާލުމާއި ތަރައްޤީ، މުޅި ރާއްޖޭގެ ހުރިހާ ރަށެއް އެ ކުންފުންޏާ ހަވާލުކޮށްގެން ލިބޭނެ ކަމަށް ޤަބޫލުކުރުމަކީ ކުށްހީއެކެވެ. މިއީ ރައްޔިތުންނަށް ލިބޭނެ އުފަލެއް ނޫނެވެ. އަނެއްކާވެސް އަނދިރިކަމާއި ތަކުލީފުގެ ތެރެއަށް ވެއްޓިގެން ދިއުމެކެވެ.









