ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުގެ ނުފޫޒުން ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާކަން "ބަސްޓުވެއްޖެ"!
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 06:15ސްޓެލްކޯގެ މުވައްޒަފުން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުމަށް އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން މަޖުބޫރުކުރާކަން ރާއްޖެޓީވީގެ ކޯލުން ވަނީ ހާމަވެފައި. މީގެ އިތުރުން ފެނަކަ ފަދަ ސަރުކާރުގެ އެހެން ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރުދައްކައިގެން ޕާޓީއަށް ސޮއިކުރުވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި އަމަލުތަކަކީ މުވައްޒަފުންގެ ހައްގުތަކަށް އަރައިގަނެ، ސިޔާސީ ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ

ސްޓެލްކޯގެ މުވައްޒަފުންނަށް އެޗްއާރު ޑިޕާޓްމަންޓުން ގުޅައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވަނުމަށް އަންގަމުންދާކަން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް ގުޅާ ވަނީ ސާފުކޮށްފައި | ރާއްޖެ ޓީވީ
ސްޓެލްކޯގެ މުވައްޒަފުންނަށް އެޗްއާރު ޑިޕާޓްމަންޓުން ގުޅައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ވަނުމަށާއި، ޕާޓީއަށް ވަތްކަން އެނގޭ ސްކްރީންޝޮޓް ފޮނުވުމަށް އަންގަމުންދާކަން ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް ސާފުވެއްޖެ އެވެ.
މިއީ މުވައްޒަފުން ގަދަކަމުން ޕީއެންސީ އަށް ވައްދާކަމުގެ ސާފު ހެއްކެއްކަން ފާހަގަކުރެވެ އެވެ.
މި ޕްރޮގްރާމްގައި ފުރަތަމަ ރާއްޖެޓީވީން ގުޅީ ސްޓެލްކޯގެ އާދައިގެ މުވައްޒަފަކަށް ވެގެންނެވެ. އެގޮތުން އެޗްއާރު ޑިޕާޓްމަންޓަށް ގުޅުމަށްފަހު، ރާއްޖެޓީވީން ވަނީ ޕީއެންސީއަށް ވަނުމަށްފަހު ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކޮށްފަ އެވެ.
އޭގެ ޖަވާބުގައި ސްޓެލްކޯގެ އެޗްއާރުން އެންގީ މުވައްޒަފަށް ލިބިފައިވާ ލިންކަށް ސްކްރީންޝޮޓް ފޮނުވުމަށެވެ. އެގޮތުން ޕާޓީއަށް ވަނުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އެކަން އެނގޭ ލިއުމުގެ ސްކްރީންޝޮޓް ސްޓެލްކޯއިން ފޮނުވާފައިވާ ލިންކަށް ފޮނުވުމަށް އެޗްއާރުން އެންގި އެވެ.
ރާއްޖެޓީވީން އެ ނަންބަރަށް ގުޅީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް، ފަށާއިރުގެ ޕްރެޒެންޓަރު އާމިރު ސަލީމުގެ ނަމުގަ އެވެ. ނަމަވެސް ފޯނު ނެގުމަށްފަހު، ގުޅީ ކޮން ތަނަކުންކަން ބުނި ހިސާބުން ސްޓެލްކޯގެ އެޗްއާރުން ވަނީ ވަގުތުން ފޯނު ކަނޑާލާފަ އެވެ.
ރާއްޖެޓީވީން ގުޅީ ސްޓެލްކޯގެ އެޗްއާރުގެ ނަންބަރު ކަމަށްވާ 3338228 އަށެވެ.
މި މައްސަލައިގައި ސްޓެލްކޯގެ އެޗްއާރުން ފޯނު ކަނޑާލުމުން ވެސް މުވައްޒަފުން ގަދަކަމުން ޕީއެންސީއަށް ވައްދާކަން ސާފުވެގެން ދިޔައީއެވެ. މިއީ މުވައްޒަފުންގެ މިނިވަންކަމަށް އަރައިގަނެ، މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ކުންފުނީގެ އެޗްއާރުވެސް ފެއިލްވެފައިވާކަމުގެ ސާފު ހެއްކެއްކަން ފާހަގަ ކުރެވެ އެވެ.
ސްޓެލްކޯގެ އިތުރުން، ރަށްރަށުގައި ހުރި ފެނަކަ އޮފީސްތަކުގައި މަސައްކަތް ކުރާ އެމްޑީޕީއަށް އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މުވައްޒަފުން ޕީއެންސީއަށް ސޮއިކުރުމަކީ ވަޒީފާ ހިމާޔަތް ކުރަން ލިބެނެ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ވަންނަން މަޖުބޫރު ކުރަމުން ދާތީ އެކަމާވެސް ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ނޯޓިސް ދިނުމެއްނެތި ރަށްރަށުގެ ފެނަކަ އަދި ސްޓެލްކޯ ބްރާންޗްތަކުގެ ވަޒީފާ އިން ވަކިކުރަމުން އަންނަ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މުވައްޒަފުންނަށް ވަޒީފާ އަނބުރާ ދިނުމަށް ގޮވާލާ ށ. ފޯކައިދޫގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.










