ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ބޮޑު ނުރައްކަލެއް: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
2 ނޮވެމްބަރު 2026 | ހޯމަ 12:58ވައި ނުސާފުވުމުގެ ސަބަބުން ނާރުގެ ބަލިތަކާއި ހިތުގެ މައްސަލަތައް ފަދަ ސިއްހީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެތީ، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި. މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ކުރަމުންދާތީ، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށާއި ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައި


މާލެ ސަރަހައްދުގެ ވައި ނުސާފުވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް | ޕީއެސްއެމް
ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރު އަދި ދިގު މުއްދަތަކަށް ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ވައިގެ ފެންވަރު ދަށްވުމުގެ ސަބަބުން ސިކުނޑިއާއި ނާރުގެ ބަލިތައް ޖެހުމާއި، ވިސްނުމުގެ ބާރު ދެރަވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ އެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތަކާއި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުމުގެ އިތުރުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ދުންފުނީގެ އަސަރު ކުރަމުންދާތީ، ސިއްހީ ގޮތުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ.
ވައި ނުސާފުވުމުގެ ސަބަބުން ދުރަށް ފެންނަ މިންވަރު ދަށްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް ދަތުރުތައް ރޭވުމާއި ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.










