ރާއްޖޭގައި ކެންސަރު ބަލި އާއްމު، 2025 ވަނަ އަހަރު ވެސް 100ށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވޭ
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަ އަހަރުގެ ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ 2022 ވަނަ އަހަރު. ޑރ. މުފްލިހާ ވިދާޅުވީ އަންހެނުންގެ ތެރޭގައި އޯވަރީ އަދި އުރަމަތީ ކެންސަރު ވަރަށް އާއްމު ކަމަށް. އަދި މި ބަލި ދުރާލާ ދެނެގަނެވިއްޖެނަމަ އެކަމުން މުޅިން ޝިފާ ލިބޭ ކަމަށް އޭނާ ވިދާޅުވި.


އައިޖީއެމްއެޗް ލެބޯޓްރީގެ މަސައްކަތްތައް --- ފޮޓޯ: ޔޫސުފް ސޮފްވާން
ދިވެހިރާއްޖޭގައި ކެންސަރު ބަލި އާއްމު ކަމަށާއި، މިދިޔަ އަހަރު ވެސް އަލަށް ކެންސަރު ބަލި ޖެހިގެން 100ށް ވުރެ ގިނަ މީހުންނަށް ކެންސަރު ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅުވައި އެޗްޕިއޭއިން ބުނީ، ގައުމީ ކެންސަރު ބަލި މީހުންގެ ދަފްތަރުގައި ކޮންމެ އަހަރަކު ދަފްތަރު ކުރެވޭ އައު ކޭސްތަކުގެ ތެރޭގައި 2020 ވަނަ އަހަރު 137 މީހުން، 2021 ވަނަ އަހަރު 208 މީހުން، 2022 ވަނަ އަހަރު 244 މީހުންނަށް މި ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު 211 މީހުން، 2024 ވަނަ އަހަރު 195 މީހުންގެ އިތުރުން 2025 ވަނަ އަހަރު 111 މީހުންނަށް ކެންސަރު ޖެހިގެން ރިޕޯޓު ކޮށްފައިވެ އެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 6 އަހަރުގެ ތެރޭގައި އެންމެ ގިނައިން ކެންސަރު ބަލީގެ ކޭސް ރިޕޯޓު ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ.
ރާއްޖޭގައި އެންމެ އާއްމުކޮށް ފެންނަ ކެންސަރުގެ ބާވަތްތަކަކީ އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ.
ކެންސަރު ބައްޔާ ގުޅޭގޮތުން ސީނިއަރ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑރ.ފާތިމަތު މުފްލިހާ ވިދާޅުވީ އަންހެނުންގެ ތެރޭގައި އޯވަރީ އަދި އުރަމަތީ ކެންސަރު ވަރަށް އާއްމު ކަމަށާއި، މި ބަލި ދުރާލާ ދެނެގަނެވިއްޖެނަމަ އެކަމުން މުޅިން ޝިފާ ލިބޭ ކަމަށެވެ.
25 އަހަރުވީމަ ކޮންމެ މަހަކު އެއްފަހަރު އަމިއްލައަށް އަތްލައި ބަލަން ޖެހޭނެ ގަނޑުކޮޅެއް ކަހަލަ އެއްޗެއް ހުރިތޯ. ވަކިން ޚާއްސަކޮށް އާއިލާގެ މެދުގައި އުރަމަތީގެ ނޫނިއްޔާ އެހެން ކެންސަރެއް ހުންނަ ކަމަށްވަންޏާ ނިކަން ރަނގަޅަށް އަވަހަށް ބަލަން ޖެހޭނެ. މިގޮތުން އުރަމައްޗަށް އަންނަ ބަދަލުތައް. މިސާލަކަށް ސައިޒަށް ނޫނިއްޔާ ގަނޑުކޮޅެއް އަތުގައި ނުޖެހުނު ނަމަވެސް ދެ ފަރާތަަށް އަންނަ ބަދަލުތަކަކީ ވަރަށް މުހިންމު ކަމެއް ބަލަން.ސީނިއަރ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑރ.ފާތިމަތު މުފްލިހާ
ރާއްޖޭގެ އާބާދީއަށް ބަލާއިރު، ކެންސަރު ޖެހޭ މީހުންގެ ނިސްބަތް އިތުރު ކަމަށް ބުނެ ސިއްހީ މާހިރުން ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.
އެގޮތުން ބަލިން ރައްކާތެރިވުމަށް ކުރިއަށްވުރެ އަވަހަށް ބަލި ދެނެގަތުމަށްޓަކައި، އަހަރަކު އެއް ފަހަރު ބޮޑީ ޗެކަޕް ހެދުމަށް އިލްތިމާސް ކޮށްފައި ވެ އެވެ. ކަސްރަތު ކުރުމާއި، މިންހެޔޮ ކާނާ ކެއުމަށް އެދިފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުމުގެ ނުރަނގަޅު އާދައިން ދުރުވުމަށް ސިއްހީ މާހިން އިލްތިމާސް ކުރެ އެވެ.








