ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް
2 ނޮވެމްބަރު 2026 | ހޯމަ 06:30ސްކޫލުތަކަށް ބޭނުންވާ އަސާސީ ތަކެތި ނުލިބި ބަޖެޓުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ތައުލީމީ ދާއިރާގެ ބަޖެޓު ހިފަހައްޓަމުންދާތީ، ސްކޫލުތަކުގެ ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމަށް ބަރާސާވާން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރައްޔިތުންގެ މަޖިލިސް
ސްކޫލުތަކުގެ މާލީ ހާލަތު މިއަދު ވަރަށް ބޮޑަށް ގޯސް ވެފައިވާ ކަމަށާއި، އިތުރު ހަރަކާތެއް ބޭއްވިއަސް ސްކޫލުތަކަށް ޖެހެނީ ބެލެނިވެރިންނާއި މުދައްރިސުން ލައްވާ މަސައްކަތް ކުރުވައިގެން ފަންޑް ރެއިޒް ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މި ސަރުކާރުން ކޮންމެ ގާނޫނަކަށް ހުށަހަޅާ އިސްލާހަށް ބެލިކަމުގައިވީ ނަމަވެސް ފެންނަނީ ޚަރަދު ކުޑަކުރަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އަދި ޚަރަދު ކުޑަ ކުރަނީ ކީއްކުރަންތޯ ބަލާއިރު މި ސަރުކާރުން އެ ހުރިހާ ކަމެއް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ކަންކަމަށް ޚަރަދު ކުރުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.
މިއަދު ސްކޫލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބަޖެޓުގެ ދަތިކަން ކަމުގައި ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ ސްކޫލުތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް މިއަދު ނުލިބޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން. ސްކޫލުތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ނުލިބި، ސްކޫލުތަކުން މަސައްކަތު ދުވަސް ފާހަގަކޮށްގެން، ޕޭރަންޓުންނާއި ޓީޗަރުން ލައްވާ މަސައްކަތް ކުރުވައިގެން، ޕީޓީއޭ ލައްވާ މަސައްކަތް ކުރުވައިގެން، ފަންޑު ރެއިޒްކޮށްގެން ނޫނީ ސްކޫލެއްގެ އެންމެ އިތުރު ހަރަކާތެއް ވެސް ބޭއްވޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭމައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުން ތައުލީމީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކަށް ކަނޑައަޅައި ފާސްކުރާ ބަޖެޓަށް މި ސަރުކާރުން ކުރަނީ ކީއްކަން ނޭނގޭ ކަމަށް ވިދާޅުވެ ވެސް މެންބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އަޅުގަނޑަކަށް ނޭނގޭ، މި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ދޭ ބޮޑު ބަޖެޓުން މި ކުރަނީ ކީއްކަމެއް. ކޮންމެ ސްކޫލަކުން އަޅުގަނޑުމެންނަށް އަބަދާ އަބަދު ގުޅަމުން ދަނީ ސްޕޮންސަރ އެއް ހޯދަން. ސްކޫލުގައި އިތުރު ހަރަކާތެއް ބޭއްވިއަސް، ކުޅިވަރު ހަރަކާތެއް ބޭއްވިއަސް، ސްކޫލެއްގެ އަހަރީ ދުވަސް އަޔަސް ވެސް، އިނާމު ދިނުމުގެ ޖަލްސާ އެއް އަޔަސް ވެސް ސްކޫލުތައް ޑިޕެންޑުވެފައި މި ވަނީ ބޭރުން ފަންޑު ހޯދައިގެން ބޮޑު ކުންފުންޏަކަށް. ސްކޫލަކަށް ބޭނުންވާ، އަޅުގަނޑަކަށް ނޭނގެ މި އަޅުގަނޑުމެން ދޭ ބަޖެޓު މި އަޅަނީމައުރޫފް ޒާކިރު
ހުރިހާ ޚަރަދެއް ސަލާމަތް ކޮށްގެން މި ސަރުކާރުން ކުރާ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ލާބަޔާ މަންފާ އަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށް މައުރޫފް ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަން ކުރުމަށްޓަކައި މި ސަރުކާރުން ތައުލީމު ވެސް އަދި އެހެނިހެން އަސާސީ ކަންކަން ހުއްޓުވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.










