ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
21 އޮކްޓޯބަރު 2026 | ބުދަ 08:06ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންބޮޑުވުންތައް އިތުރުވުމުން، އެ ނިންމުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ. މި ބަދަލު ގެނައުމަށްޓަކައި ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ، މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ | މަޖިލިސް
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލުމަށް ސަރުކާރުން ނިންމައި، އެކަމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ.
މި ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ފެށީ އޮކްޓޫބަރު 1 ވަނަ ދުވަހު އެވެ. ނަމަވެސް ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންބޮޑުވުންތައް އިތުރުވުމުން، އެ ނިންމުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ފަހުން ވަނީ ނިންމަވާފަ އެވެ. އޭރު އެ ޤާނޫނަށް އަމަލުކުރަން ފެށިތާ އެންމެ ތިން ދުވަހެވެ.
ސަރުކާރުން މި ބަދަލު ގެންނަން ނިންމީ މި ގާނޫނަށް އަމަލުކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމުގެ ބިރު އޮތްކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވުމުންނެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާފައިވެ އެވެ. ބިލު ބަލައިގެންފައި ވަނީ 38 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ބަލައިނުގަތުމަށް 8 މެންބަރުން ވޯޓު ދެއްވި އެވެ.
ފަތުރުވެރިކަން ދިވެހިރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު ދާއިރާއަކަށްވާތީ، އެ ދާއިރާއަށް ގެއްލުން ލިބިދާނެކަމުގެ ބިރު އޮތުމުން މި ބަދަލު ގެނައުމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އެ އިސްލާޙުގައި ވަނީ ބޭރު ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ހިމަނާފައިވާ ހުރިހާ މާއްދާއެއް އުނިކުރުމަށް ހުށަހަޅުއްވާފަ އެވެ.










