ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު
21 އޮކްޓޯބަރު 2026 | ބުދަ 07:00ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން، އެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ބޭރުގެ ނުފޫޒު ފޯރާނެ މިންވަރާ މެދު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަންބޮޑުވުން ފާޅުކުރައްވައިފި. ގާނޫނުތައް ތަންފީޒުނުކުރެވޭ މައްސަލަ އާއި ސަރުކާރުގެ ވެރިންގެ ބަހާއި އަމަލު ދިމާނުވާކަން ފާހަގަކުރައްވައި، މި މަޝްރޫއުގެ ސަބަބުން ގައުމުގެ މިނިވަން ކަމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު އޭނާ ދެއްވި


ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ޕީޕަލްސް މަޖްލިސް
ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންނާ، މިއަދު ވެރިކަމުގައި އަދި ސަރުކާރުގެ މަތީ މަގާމުތަކުގެ ތިއްބެވި ބޭފުޅުންގެ ދުލުގައި ބުރަދަނެއް ނެތް ކަމަށާ، އިއްޔެ އުޅުނީ ހުކުމް ހަރާމް ވެގެން ކަމަށާ ނަމަވެސް މިއަދު އެ މީހުންނަށް ހަރާމް ވެގެން އުޅެނީ އެ މީހާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން "ރަސްމާލެ" މަޝްރޫއާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކޮށްފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ ގަރާރަށް ބަހުސްކުރައްވަމުން ޒިޔާދު ވަނީ އެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ޚާއްސަކޮށް، އެ މަޝްރޫއާއެކު ބޭރު ބައެއްގެ ނުފޫޒު ރާއްޖެއަށް ކުރާނެ މިންވަރު އަންދާޒާ ވެސް ނުކުރެވޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އެ މަޝްރޫއު އަދި ނުފެށޭ ކަމަށާ އެހެން ނަމަވެސް މިހާރު ވެސް މަޖިލީހަށް އެކަމުގެ ނުފޫޒު ފޯރަމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސްކުރަން ފެށުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް ހަދަން ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ ހުށަހަޅުއްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޒިޔާދު ވިދާޅުވީ މިއީ ބިރުވެރި ކަމެއް ކަމަށެވެ.
މި ގަރާރުގައި މި ބަހުސް އަޅުގަނޑުމެން މިގޮތަށް ގަރާރެއްގައި ބަހުސް ކުރެވޭނެ އެންމެ ފަހު ފަހަރު. ދައްކަން މިއުޅެނީ ނުފޫޒެއްގެ ވާހަކަ. މައިގަނޑު ގޮތެއްގައި ދެ ކަމެއްގަ ކަންބޮޑުވަނީ. އެކަމަށް ދިޔުމުގެ ކުރިން ނުފޫޒް އޮތް މިންވަރު މި ގަރާރު ލުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު، މި މެންބަރު މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅީ އަޅުގަނޑުމެން މި ގަރާރަށް ބަހުސް ކޮށްފާނެ ތީ. ތާރީޚު ލިޔާ މީހުން މި ގަރާރާ ހަމައިންނޭ އެކަން ހުއްޓިގެން ދިޔައީ ބުނެފާނެ ތީ މިއަދު މި ގަރާރަށް ބަހުސް ކުރުމުގެ ނަސީބު މި ލިބުނީވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
މެންބަރު ހަންނާނަކީ ނަމުން ޕީއެންސީ މެންބަރެއް ނޫން ނަމަވެސް އެއީ ޕީއެންސީގެ "ބޮޑީ ޑަބަލް"އެއް ކަމަށް ޒިޔާދު ވިދާޅުވި އެވެ. އީގަލް ހިލްސް އަދި ރާއްޖެ ނައިސް އުޅެނިކޮށް ރައްޔިތުންގެ މަޖިލީހަށް އެ ނުފޫޒު އައިސްފައިވާ ކަމަށް މެންބަރު ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ.
މެންބަރު ވިދާޅުވީ މި މަޝްރޫއާ ގުޅިގެން އޮތީ މައިގަނޑު ދެ ކަންބޮޑުވުމެއް ކަމަށެވެ. ފުރަތަމަ ކަމަކީ މި ގައުމަކީ ގާނޫނުތަކާ ގަވާއިދުތައް ތަންފީޒު ނުކުރެވޭ ގައުމަކަށް ވުން ކަމަށާ ދެވަނަ ކަމަކީ މިއަދު ތިއްބެވި ވެރިންނަކީ ދުލުގެ ބުރަދަނެއް ނެތް ބަޔަކަށް ވުން ކަމަށް މެންބަރު ވިދާޅުވި އެވެ.
ރާއްޖެ އަކީ ގާނޫނުތަކަށް އަމަލު ކުރުމުގައި ތަންފީޒު ކުރުމުގައި ވަރަށް ބޮޑަށް ފަހަތު ފަޔަށް ބަރު އަދި ތަންފީޒު ނުކުރެވޭ ގައުމެއް. އަމުދުން ބޭރު މީހުންގެ ގާނޫނު ތަކުގައި. ދެވަނަ ކަމަކީ ދިވެހިރާއްޖޭގެ ވެރިންގެ ދުލުގެ ބަރުދަން. މި މަޝްރޫއާ ބެހޭ ގޮތުން ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ދުވަހަކަށް ވެސް ކުއްޔަކަށް ވެސް ހިލޭ އެއްވެސް ނުދޭނަމޭ. މިއަދު އެ ވިދާޅުވަނީ 99 އަހަރަށޭ ދެނީ. މި ބަދަލުވާ ބަދަލުވުން. އިއްޔެގަ ތިބޭފުޅުން އުޅުއްވީ ހުކުމް ހަރާމް ވެގެން. މިއަދު ހަރާމް ވެގެން އުޅެނީ މީހާ. މުސްކުޅި ބަހެއްގައި އޮންނަނީ. ނަރެއްހާ ތަން ދޫކޮށްލިއްޔާ ކެނބެއްހާ ތަން ދަމައިގަންނާނޭ. އަޅުގަނޑުމެން މި ދޫކޮށްލަނީ ކެނބަކަށް ވުރެ މާ ފަލަތަނެއް. 500 ހެކްޓަރަކީ ހުޅުމާލޭގެ 2 ފޭސް އަށް ވުރެ ބޮޑު ތަނެއް. އަޅުގަނޑުމެން މި ދައްކާ ރިޒޯޓްތަކާ އެހެން ތަންތަނާ މި ތަނާ ހާސްބައި ތަފާތުވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
އޭގެ އިތުރުން މެންބަރު ވިދާޅުވީ އާންމު އުސޫލަކީ ހެދިފައިވާ ގާނޫނުތަކެއްގެ މައްޗަށް ބިނާކޮށް ކަންކަން ކުރުން ކަމަށެވެ. އެހެން ނަމަވެސް މިއަދު ފެންނަ މަންޒަރަކީ އެއްބަސްވުންތައް ހެދުމަށްފަހު ގާނޫނެއް ގެންނަން މަސައްކަތް ކުރާ މަންޒަރު ކަމަށް ޒިޔާދު ވިދާޅުވި އެވެ. ނެތް ގާނޫނަކަށް އެއްބަސްވުންތައް ހެދޭނީ ކޮންގޮތަކުން ތޯ ވިދާޅުވެ މެންބަރު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.











