ޔުގެންޑާގައި ފުލުހަކު ކިމްގެ ބޮލަށް ބަޑި ދިއްކުރި ބިރުވެރި ހާދިސާގެ ތަފްސީލު ހާމަވެއްޖެ
2 ނޮވެމްބަރު 2026 | ހޯމަ 09:522018 ވަނަ އަހަރު ޔުގެންޑާގައި ކާންޔޭ ވެސްޓްގެ ނަފްސާނީ ހާލަތު ގޯސްވެ ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި، ފުލުހަކު ކިމް ކާޑޭޝަންގެ ބޮލަށް ބަޑި ދިއްކުރި ހާދިސާގެ ތަފްސީލު އައު ފޮތެއްގައި ހާމަކޮށްފި. ކާންޔޭގެ ބަލީގެ ސަބަބުން ދިމާވި މި ނުރައްކާތެރި ހާދިސާއަށް ކިމް މާފުކުރި ނަމަވެސް، އޭނާގެ އުނދަގޫ މިޒާޖުގެ ސަބަބުން ދަރިން ބެލުމުގައި އުފުލަންޖެހޭ ނަފްސާނީ ބުރަދަން މި ފޮތުގައި ވަނީ ބަޔާންކޮށްފައި


"ކުރީގެ ފިރިމީހާ ކާންޔޭއާއެކު އެފްރިކާއަށް ކުރި ބިރުވެރި ދަތުރުގެ ތަޖުރިބާ ހިއްސާކުރި މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝަން" | ރޮއިޓާސް
މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން، ކުރީގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާއެކު 2018 ވަނަ އަހަރު އެފްރިކާއަށް ކުރި ދަތުރެއްގައި، ފުލުހަކު ކިމްގެ ބޮލަށް ބަޑި ދިއްކޮށް ބިރުދެއްކި ކަމަށް ހާމަކޮށްފި އެވެ.
މި ހާދިސާގެ ތަފްސީލުތައް ބަޔާންކޮށްފައިވަނީ ނޫސްވެރިޔާ ޖޮނަތަން ވެން މީޓާ ދާދިފަހުން ނެރުނު "ސިޓިޒަން ކިމް: ދަ ވުމަން ހޫ ކްރިއޭޓަޑް ދަ ފިއުޗާ" ނަމަކަށް ކިޔާ ފޮތުގަ އެވެ. އެ ފޮތުގައިވާ ގޮތުން، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކިމް އާއި ކާންޔޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ޔުގެންޑާގެ އެކަހެރި ސަރަހައްދެއްގައި ފިލްމެއްގެ މަސައްކަތް ކުރަމުން ދަނިކޮށް ކާންޔޭގެ ނަފްސާނީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
"ކީޕިން އަޕް ވިތު ދަ ކާޑޭޝަންސް" ގެ އެގްޒެކެޓިވް ޕްރޮޑިއުސަރު ފަރުނާޒް ފަރްޖާމްއާ ހަވާލާދީ އެ ފޮތުގައި ލިޔެފައިވާ ގޮތުގައި، އެ ވަގުތު ކާންޔޭ އަށް ހީވީ ބަޔަކު އޭނާއަށް މަސްތުވާތަކެތި ދޭން އުޅެނީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ފުލުހުން ބަޑިއާއެކު އައިސް އެމީހުން ތިބި ކޮޓަރިތައް ފާސްކުރަން ފެށި ކަމަށާއި، އެ ހަލަބޮލިކަމުގެ ތެރޭގައި ފުލުހަކު ކިމްގެ ބޮލަށް ބަޑި އަމާޒުކުރި ކަމަށް ބުނެފައިވެ އެވެ.
މި ނުރައްކާތެރި ހާސިދާއާ ގުޅިގެން ޕްރައިވެޓް ޖެޓެއްގައި މުޅި ކްރޫ ޔުގެންޑާއިން ބޭރުކުރަން ޖެހުނު ނަމަވެސް، ފަރުނާޒް ބުނި ގޮތުގައި ކާންޔޭއަކީ "ބައިޕޯލާ ޑިސްއޯޑަރ" ހުންނަ މީހަކަށް ވެފައި، އެއީ ބަލީގެ ސަބަބުން ދިމާވި ކަމެއް ކަމަށްވާތީ އޭނާ ވަނީ ކާންޔޭއަށް މާފުކޮށްފަ އެވެ. 2014 ގައި ކައިވެނިކޮށް 2022 ގައި ވަރިވި މި ދެމަފިރިންގެ ހަތަރު ދަރިން ތިބޭއިރު، ކިމް ވަނީ ކާންޔޭ ފަދަ އުނދަގޫ މިޒާޖެއްގެ މީހަކާއެކު ދަރިން ބެލުމުގައި އުފުލަންޖެހޭ ނަފްސާނީ ބުރަދަން ވެސް މި ފޮތުގައި ހިއްސާކޮށްފަ އެވެ.
ނަމަވެސް، ދާދިފަހުން އެމީހުންގެ މެދުގައި އޮންނަ މުއާމަލާތްތައް މަދުވުމުގެ ސަބަބުން ގުޅުން އޮމާންކޮށް ކުރިއަށްދާ ކަމަށާއި، ބައްދަލުވާ ވަގުތުތަކުގައި އެކަކު އަނެކަކަށް އިހުތިރާމްކުރާ ކަމަށް ކިމް ބުނެފައިވެ އެވެ.





