ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން
31 އޮކްޓޯބަރު 2026 | ހޮނިހިރު 11:23ށ. ފީވަކުގައި ބިނާކުރާ ޒުވާނުންގެ މަރުކަޒާއި ޕާކުގެ މަސައްކަތް ބިންގާ އެޅިފަހުން ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. މި މަޝްރޫއުތައް ހުއްޓުނު ސަބަބު ސަރުކާރުން ހިއްސާނުކުރާތީ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ވާނެ ގޮތެއް ސާފުވުމަކީ މުހިއްމު ކަމެއް ކަމަށް ކައުންސިލުން ބުނޭ

ށ. ފީވަކު ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ބިންގާ އެޅި ގޮތަށް ހުއްޓިފައި އޮތުމުން ކައުންސިލުގެ ކަންބޮޑުވުން | ރާއްޖެ އެމްވީ
ށ. ފީވަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް، ބިންގާ އެޅި ފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން ފީވަކު ކައުންސިލުން "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ބުނީ، ޒުވާނުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ.
ނަމަވެސް ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު، މި ސަރުކާރުން އެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ގެންގޮސްފައި ނުވާކަން ކައުންސިލުން ފާހަގަކުރެ އެވެ.
ކައުންސިލުން ބުނި ގޮތުގައި މިހާތަނަށް އެ ސަރަހައްދުގައި ކުރެވުނު ހަމައެކަނި މަސައްކަތަކީ ބިން ސާފުކުރުމެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އިތުރުން، އެ ރަށުގައި ތަރައްގީކުރާ ޕާކުގެ މަސައްކަތްވެސް މިހާރު އޮތީ މުޅިން ހުއްޓިފައެވެ. މި މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާކަމަށްވެސް ފީވަކު ކައުންސިލުން ބުނެ އެވެ. މިއީ ރަށުގެ ތަރައްގީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެ އެވެ.
ފީވަކު ކައުންސިލުން ބުނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިއްމު ކަމަކީ ރަށުގައި ފެށިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި، އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ދިއުން ކަމަށެވެ. ނަމަވެސް މަސައްކަތްތައް ހުއްޓި، އެކަމުގެ މައުލޫމާތު ސާފުނުވާތީ ރައްޔިތުންގެ މެދުގައިވެސް ކަންބޮޑުވުންތަކެއް ހުރިކަން ކައުންސިލުން ފާހަގަކުރެ އެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަން މިހާރު އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފައިވާއިރު، ފެނަކައާ ހަވާލުކޮށްގެން ފީވަކުގައި ފަށަން ހުރި މަޝްރޫއުތަކަށް ވާނެ ގޮތެއް ސާފުވުމަކީ ކައުންސިލަށް ނުހަނު މުހިއްމު ކަމެއް ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.










