އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟
23 އޮކްޓޯބަރު 2026 | ހުކުރު 17:06ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާއިރު، ހަމަ އެ މައްސަލައިގައި ދައުވާ ލިބޭ ދީނާގެ މައްޗަށް ކުށް ސާބިތުވުމަށްފަހު ވެސް ބަލިހާލަތުގެ ބަހަނާގައި ހުކުމް އިއްވުން ލަސްކުރާތީ އިންސާފުގެ ހަމަހަމަކަމާ މެދު ސުވާލު އުފެދިއްޖެ. ސައީދަށް ބޮޑު އަދަބެއް ދިނީ ޤާނޫނީ ލަފައާ އެއްގޮތަށް ކުންފުނީގެ މަސްލަހަތުގައި ނިންމި ނިންމުމަކަށް ވީނަމަވެސް، ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅުން އޮންނަ ދީނާއަށް ހިމާޔަތް ލިބޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ


ސައީދަށް ބޮޑު އަދަބެއް ދިނީ ޤާނޫނީ ލަފައާ އެއްގޮތަށް ކުންފުނީގެ މަސްލަހަތުގައި ނިންމި ނިންމުމަކަށް ވީނަމަވެސް، ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާ ގުޅުން އޮންނަ ދީނާއަށް ހިމާޔަތް ލިބޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ | ރާއްޖެއެމްވީ
އަދުލުއިންސާފުގެ އަސާސަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ޤާނޫނު ހިނގުމެވެ. ނަމަވެސް، ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަ ކަމަށް ބުނާ މައްސަލައިގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ޝަރުއީ ނިޒާމާ ދޭތެރޭގައި ބިރުވެރި ކަންބޮޑުވުންތައް އުފެދި އަދި ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ. އެއް މައްސަލައެއްގައި ދައުވާ އުފުލުނު ދެމީހުންނަށް އެއްދުވަހު ހުކުމް ކުރުމަށް ތާވަލްކޮށް އެކަކަށް ހުކުމް އިއްވިތާ އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު، އަނެއް މީހާގެ މައްޗަށް ކުށް ސާބިތުވުން އަހަރެއްހާ ދުވަހަށް ދިގުދެމިގެން ގޮސް، އެންމެ ފަހުން ކުށް ސާބިތުވުމުން ވެސް ހުކުމް އިއްވުން އެކި ބަހަނާތަކުގައި ފަސްކުރެވެމުންދާ ދިއުމަކީ ކޮންފަދަ އިންސާފުވެރި ގޮތެއްތޯ މިއަދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މައްސަލައިގެ ފަސްފަހަތާއި ހުކުމް ފަސްވުން
މި މައްސަލައަކީ 2018 ވަނަ އަހަރު ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާ އެކު އެއިރު އޮތް ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ފެނަކައިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މަސައްކަތް އެއްކޮށް ނިމުމުގެ ކުރިން ނަހަމަ ގޮތުގައި އެ ކުންފުންޏަށް ފައިސާ ދޫކުރި ކަމަށް ބުނާ މައްސަލައެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން، ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް މި ކުށް ސާބިތުވެ އޭނާ 4 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އެ ދުވަހު މި މައްސަލައިގައި ދެން ދައުވާ ލިބޭ ދީނާގެ މައްޗަށް ހުކުމް ކަނޑައެޅުން ނުނިމި އޮތުމަށްފަހު، ޝަރީއަތުގެ ދިގު މަރުހަލާތަކަށްފަހު ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ދީނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށް ނިންމައިފަ އެވެ. ނަމަވެސް އެ ދުވަހު ވެސް ހުކުމެއް ނުކުރެ އެވެ.
ދީނާގެ މައްޗަށް ހުކުމް އިއްވުމަށްޓަކައި ދެވަނަ ފަހަރަށް ތާވަލުކުރެވުނީ 20 އޮކްޓޯބަރު 2026 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް، އެ އަޑުއެހުން ވެސް ވަނީ ފަސްކޮށްފަ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކޯޓަށް އެންގި ގޮތުގައި އެ އަޑުއެހުން ލަސްކުރަން ޖެހުނީ ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ އޭނާ ކޯޓަށް ހާޒިރުކުރެވެން ނެތުމުންނެވެ. މިކަމާ ގުޅިގެން ކޯޓުން ހާމަކޮށްފައިވަނީ ހޮސްޕިޓަލުގައި ދެމުންދާ ފަރުވާއަށް ފަހު އޭނާ ދޫކޮށްލުމުން ހުކުމް ކުރުމުގެ މަޖިލިސް ކުރިއަށް ގެންދާނެ ކަމަށެވެ.
މި މަންޒަރުތައް ފެނިގެންދާއިރު، އާންމުންގެ ތެރޭގައި ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. ސައީދަށް ހުކުމް އިއްވިތާ އަހަރެއް ފަހުން ދީނާގެ މައްޗަށް ކުށް ސާބިތުވި އިރު، އެކި ބަހަނާތަކުގައި ހުކުމް އިއްވުން ލަސްކުރަމުން ދަނީ ދައުލަތުގެ ނުފޫޒުގަދަ އަދި ރައީސް މުއިއްޒުއާ ވަރަށް ގާތް ގުޅުމެއް އޮންނަ މިނިސްޓަރެއްގެ އާއިލީ ގުޅުން އޮންނަ ފަރާތަކަށް ދީނާ ވާތީ ލިބޭ ނުފޫޒާއި ހިމާޔަތުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ހަމައެއާއެކު، އޭނާގެ މައްޗަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ދީނާ އަމިއްލައަށް ދައްކަމުންދާކަމަށް ފެތުރިފައިވާ ވާހަކަތަކުން ވެސް މި ޝައްކުތަކަށް ބާރު ލިބެ އެވެ.
ސައީދުގެ މައްސަލައިގެ ހަގީގަތް: އަވަސްއަރުވާލައިގެން ނިންމި ވަރަށް ވެސް އަނިޔާވެރި ބޭއިންސާފު ނިންމުމެއް؟
މި މައްސަލައިގެ ފަސްފަހަތަށް ފުންކޮށް ބަލާއިރު، މި އެއްބަސްވުމަކީ ފެނަކައިގެ އެމްޑީގެ މަޤާމާ ސައީދު ހަވާލުވުމުގެ ކުރިން ވެފައިވާ އެއްބަސްވުމެކެވެ. އަދި އެއިރު އޮތް ފެނަކައިގެ މެނޭޖްމަންޓުން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް އެއްބަސްވުމެކެވެ. މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސައީދު ހަވާލުވި އިރު މި މައްސަލައާ ގުޅިގެން ބައެއް މުއާމަލާތްތައް ހިނގާފައިވާއިރު، އެ މައްސަލައާ މެދު ގޮތެއް ނިންމުމަކީ ކުންފުނީގެ ވެރިޔާގެ ހައިސިއްޔަތުން ސައީދުގެ މަސްއޫލިއްޔަތެކެވެ.
މި މައްސަލައިގައި ފެނަކައިގެ ޤާނޫނީ ވަކީލުން ދިން ލަފައަކީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބެލުމަށް ފަހު ދެފަރާތުގެ މަސްލަހަތު އަދި ހައްގުތަށް ކަށަވަރުކުރުމަށްޓަކައި ފެނަކައަށް އެންމެ ރަނގަޅު ފައިދާހުރި ގޮތްކަމަށްވާތީ ސެޓެލްމަންޓްއަކަށް ދިއުމަށެވެ. ނުގޮސްފިނަމަ، ބްލޭޒަން ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތުގައި ފެނަކައިން އުފުލަންޖެހޭ ޒިންމާތައް ބޮޑުވެ ދޭންޖެހޭ ފައިސާގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން، ސަޢީދު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިޔައީ ޤާނޫނީ ވަކީލުންގެ އެ ލަފާގެ މައްޗަށް ބިނާކޮށް، ކުންފުނީގެ މަސްލަހަތު އިސްކޮށް ކުންފުންޏަށް ވެސް އެންމެ ފައިދާ ހުރި ގޮތަށްކަން ލިޔެކިޔުންތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. މިއީ ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް އާންމުކޮށް އަމަލުކުރަމުންދާ އުސޫލެކެވެ. ވަކީލުން އެގޮތަށް ލަފާދިން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާއިރު، އަދި އެ ނިންމުމުގައި ސަޢީދުގެ އެއްވެސް އަމިއްލަ މަސްލަހަތެއް އިސްކޮށް، ނާޖާއިޒު ބޭނުމެއް ހިފާފައިނުވާކަން ލިޔެކިޔުންތައް ކިޔާލުމުން ފެންނަން އެބައޮތެވެ. އަދި ސައީދުގެ އެއްވެސް ޖިނާއީ ނިޔަތެއް ސާބިތުވާ ފަދަ ހެއްކެއް ނެތްއިރު ވެސް، ކޯޓުން އެކަންކަމަށް ރިއާޔަތްކޮށްފައެއް ނުވެ އެވެ. ދައުލަތުން އެދުނީ 1 އަހަރާއި 7 މަހުގެ އަދަބަކަށް ނަމަވެސް، ފަނޑިޔާރު ވަނީ ފަނޑިޔާރަށް ލިބިގެންވާ ބާރުގެ ދަށުން އެއަށްވުރެ ބޮޑު އަދަބެއް ކަނޑައަޅައި، 4 އަހަރަށް ސައީދު ޖަލަށް ލާން އަވަސް އަރުވާލައިގެން ހުކުމްކޮށްފަ އެވެ.
ޝަރުއީ ނިޒާމަށް ނުފޫޒާއި ކޮރަޕްޝަން؟
މިއަދު ފެންނަމުން މިދަނީ ވަރަށް ވެސް ބިރުވެރި މަންޒަރުތަކެކެވެ. ސާފުވެގެންމިދަނީ އިންސާފަކީ ވަކި ގޮތަަކަށް ވަކިބަޔަކަށް އެކަނި ހާއްސަވެފައިވާ އެއްޗެއްގެ ގޮތުގައި އޮންނަ ޒަމާންވީ މޫލައިފައިވާ ޖާހިލު ސަގާފަތް އަދިވެސް ދިރި އޮތްކަމެވެ. ތިމާމެން ނުރުހޭ އަދި ޒާތީ ހަސަދަވެރިކަން އިސްކޮށް އަނިޔާދިނުމަށް ބޭނުންވާ ވަކި ފަރުދެއްގެ މައްސަލަ އަވަސް އަރުވާލައިގެން ނިންމުމަށް އިސްކަންދެވުނު އިރު، ތުހުމަތު ކުރެވުނު އަނެއް ފަރާތަށް ހިމާޔަތާއި ރައްކާތެރިކަމެވެ. ސުވާލަކީ، މިފަދަ ބޭއިންސާފާއި ފަރަގުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކުން ރައްޔިތުންނަށް ހަގީގީ އަދުލުއިންސާފު ލިބިދާނެ ހެއްޔެވެ؟








