ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތި 11 މަސް!
25 އޮކްޓޯބަރު 2026 | އާދީއްތަ 12:09ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، އެ ރަށު ކައުންސިލާއި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި. މި މައްސަލަ ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާކުރި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުލިބޭއިރު، ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ނުބާއްވާތާ ހަތަރު އަހަރު ވެފައިވާތީ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުން


ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، އެ ރަށު ކައުންސިލާއި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި | ސޯޝަލް މީޑިއާ
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ށ. ފީވަކު ސްކޫލުގައި ޕްރިންސިޕަލެއް ނެތް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ފީވައް ރަށު ކައުންސިލްގެ ރައީސް އަލީ ރަޝީދުގެ އިތުރުން އެ ރަށުގެ ރައްޔިތުންގެ ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރަށެއްގައި ސްކޫލެއް ހުރެފައި އެ ސްކޫލުގައި ކުދިން ކިޔަވަމުންދާ ނަމަ ޕްރިންސިޕަލެއް ހުންނަން ވާނެ ކަމަށާއި ނަމަވެސް ފީވަކު ސްކޫލުގައި މިހާރު ޕްރިންސިޕަލެއް ނެތް ކަމަށް އަދި އެކަމުގެ ސަބަބުން ސްކޫލުގެ ގިނަ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ރަށުގެ ރައްޔިތުން ވަނީ ބުނެފަ އެވެ. އެ ރަށު ކައުންސިލް ބުނީ ޕްރިންސިޕަލް ނެތް ފުރަތަމަ 6 މަހު ވެސް ޕްރިންސިޕަލުގެ މުސާރަ ސްލިޕް ހަދަމުން ދިޔަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި އެ ރަށުގެ ރައްޔިތުންނާ ކައުންސިލުން ވެސް ބައްދަލުކޮށްފައިވާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ސްކޫލަށް ޕްރިންސިޕަލެއް ހަމަނުޖައްސާނަމަ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމެއް ނެތް ކަމަށް ބުނެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސްކޫލުގެ އިދާރީ މަސައްކަތްތައް ހިނގަން ޖެހެނީ ޕްރިންސިޕަލެއްގެ ބެލުމުގެ ދަށުން ކަމަށާއި، ޕްރިންސިޕަލެއް ނެތުމުން ސްކޫލުގެ ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް އެ ރަށުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފީވަކު ސްކޫލުގައި ޕްރައިޒް ޑޭ ނުބާއްވާތާ ވެސް ހަތަރު އަހަރު ވެފައިވާ ކަމަށާއި ޕްރައިޒް ޑޭ އަކީ ދަރިވަރުންގެ ހިތްވަރު އިތުރުކޮށް، އެކުދިންގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ މުހިންމު ހަފްލާއަކަށްވާއިރު މިއީ ވެސް އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ކައުންސިލުން ބުނެ އެވެ. މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން އަވަސް ފިޔަވަޅު އެޅުމަށް ރައްޔިތުންނާއި ސްކޫލުން އެދިފައިވެ އެވެ.










