ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި
31 އޮކްޓޯބަރު 2026 | ހޮނިހިރު 10:33މާލޭގައި ކުރިއަށްދާ މުޒާހަރާތައް ލައިވްކުރާތީ ރާއްޖެޓީވީ އާއި ޗެނަލް 13 އަދި އަސްލު ޓީވީއަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ވަނީ ފަށާފައި. ސަރުކާރުގެ އެންގުމަކަށް ކޮމިޝަންގެ މުވައްޒަފުން ނެރެގެން މި މައްސަލަ ބަލަމުންދަނީ މުޒާހަރާތައް ދެއްކުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބޭ. މި ތަހުގީގު އަވަސްކޮށް، ތިން ޗެނަލާ މެދު ބޮޑު ފިޔަވަޅެއް އެޅުމަށް ކޮމިޝަނުން ދަނީ ތައްޔާރުވަމުން


މީޑިއާ ކޮމިޝަން މެންބަރުން | ސޯޝަލް މީޑިއާ
ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތަގައި ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށާފައިވަނީ މިހާރު މާލޭގައި ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" މުޒާހަރާތައް ލައިވް ކުރަމުން ދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެޓީވީއަށް މައުލޫމާތު ދިން މީޑިއާ ކޮމިޝަންގެ ބޭފުޅަކު ވިދާޅުވީ ސަރުކާރުގެ ވަރަށް މަތިން އެންގި އެންގުމަކާއި ގުޅިގެން ހޮނިހިރު ދުވަހު ހެނދުނު ކޮމިޝަންގެ މޮނިޓަރިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އާޖަންޓްކޮށް އޮފީހަށް ނުކުތުމަށް އެންގި ކަމަށެވެ. އަދި މި އެންގުން އެ މުވައްޒަފުންނަށް އަންގާފައިވަނީ ކޮމިޝަންގެ ރައީސްގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މެންބަރު ކަމަށެވެ.
އާންމުކޮށް މި މުވައްޒަފުން މަސައްކަތަށް ނުކުންނަން ނުޖެހޭ ދުވަހެއްގައި އޮފީހަށް ނެރުމަށްފަހު ވީޑިއޯތަކެއްގެ މައްސަލަތައް ވަރަށް އާޖަންޓްކޮށް ބެލުމަށް އެ މުވައްޒަފުންނަަށް އެންގި ކަމަށް އޭނާ ކިޔާދެއްވި އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ ރާއްޖެޓީވީ ހިމެނޭ ގޮތުން އިތުރު ދެ ޗަނެލަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިންމަން ޖެހޭތީ ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖެހިއިރުން ފެށިގެން މޮނިޓަރންގައި ހަރަކާތްތެރިވާ ފަރާތްތަކުން ތަހުގީގެއް މިހާރު ހިންގަމުން ގެންދާ ކަމަށެވެ.
މީޑިއާ ކޮމިޝަންގައި ހިންގަމުން މިދާ ތަހުގީގުގައި ކޮމިޝަންގެ ލައިސެންސް އޮފިސަރު ޝިމްލާ މުހައްމަދު ވަހީދު ވެސް ބައިވެރިވެވަޑައިގަންނަވަމުންދާ ކަމަށާއި މިއީ އާންމުކޮށް މިގޮތަށް ހިންގާ ތަހުގީގުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށް ނުވާތީ ކޮންމެވެސް ބޮޑު ފިޔަވަޅެއް ތިން ޗެނަލްއަކާއި ދެކޮޅަށް އެޅުމުގެ މަސައްކަތް ކޮމިޝަންގައި ހިނގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން ބަހެއް ހޯދުމަށް ކޮމިޝަންގެ ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދުއަށް ރާއްޖެޓީވީން ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ މިފަދަ ކަމެއް ހިނގަމުންދާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު 10 ގަޑި ސުންމިނެޓުން ފެށިގެން މީޑިއާ ކޮމިޝަންގައި ހިންގަމުންދާ ތަހުގީގުގައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން ދަނީ ރާއްޖެޓީވީގެ އިތުރުން ޗެނަލް 13 އަދި އަސްލު ޓީވީއާ ދެކޮޅަށެވެ.











