ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!
6 ސެޕްޓެމްބަރު 2026 | އާދީއްތަ 08:49ސްޓެލްކޯގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރާކަން ރާއްޖެޓީވީގެ ޕްރޮގްރާމަކުން ފަޅާއަރުވާލުމާ ގުޅިގެން، މީޑިއާ ކޮމިޝަނުން ބަޔާނެއް ނެރެފި. އެ ކޮމިޝަނުން ބުނީ މީހުންނަށް ނޭނގި ފޯނުކޯލްތައް ރެކޯޑުކޮށް އާންމުކުރުމަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމަށް. އެހެންކަމުން ވަކިވަކި ފަރުދުންގެ ކަރާމާތާއި އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމަށް ހުރިހާ މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައި


ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުން ކޮންޓްރޯލްކުރަން ސަރުކާރުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން | މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންނަށް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ގުޅައި މަޖުބޫރު ކުރަމުންދާކަން ފަޅާއެރިތަނާ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން ނޫސްބަޔާނެއް ނެރެފި އެވެ.
މުވައްޒަފުން ވަޒީފާގެ ބިރު ދައްކައިގެން ޕީއެންސީއަށް ވައްދަމުންދާކަން ފަޅާއަރާފައިވަނީ ރާއްޖެޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން ކުރި ފޯނު ކޯލަކުންނެވެ.
މި ޕްރޮގްރާމްގައި ރާއްޖެޓީވީގެ ޓީމުން ވަނީ ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓަށް ގުޅައިފަ އެވެ. އެގޮތުން ޕީއެންސީއަށް ވަނުމަށްފަހު، އެކަން އެނގޭނެ ސްކްރީންޝޮޓް ފޮނުވަންވީ ކޮން ނަންބަރަކަށްތޯ ސުވާލުކުރުމުން، އެޗްއާރުން ވަނީ މުވައްޒަފަށް ކުރިން ފޮނުވާފައިވާ ލިންކަށް އެ ސްކްރީންޝޮޓް ފޮނުވުމަށް އަންގައިފަ އެވެ.
މިއާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކަށް ވަނުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބިގެން ގޮސްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މީޑިއާ އިދާރާތަކާއި ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި އިންޓަވިއުތަކާއި އަދި އެހެނިހެން މުއާމަލާތްތައް ބްރޯޑްކާސްޓްކުރުމުގައި، އަމަލުކުރަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.
ކޮމިޝަނުން ބުނީ، ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި އަނެކުންނާ ކުރާ ޒާތީ މުއާމަލާތްތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމަށެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ދަށުން ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުއާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުއާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރަން ޖެހޭނެކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ފޯނު މުއާމަލާތެއް ވަގުތުން ބްރޯޑްކާސްޓްކުރަން ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި ހައްޤުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.











