އާރަށަށް ރައީސްގެ އާއިލާ ބޭފުޅަކު ނޫން އިތުރު މީހަކު ދިޔަސް އެ ރިކޯޑް ޑިފެންސް މިނިސްޓްރީގައި ނުހުންނާނެ ކަމަކަަށް ގަބޫލެއްނުކުރަން: ރާއްޖެޓީވީ
27 އޮކްޓޯބަރު 2026 | އަންގާރަ 08:28ރައީސުލްޖުމްހޫރިއްޔާ އާރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އާއިލާ ނޫން ބޭފުޅުން ބައިވެރިވާކަމުގެ ރިކޯޑު ނުބަލަހައްޓާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނުމުން، އެކަން ގަބޫލުނުކުރެވޭ ކަމަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބުނެފި. އެ ޗެނަލުން ހުށަހެޅި އާރްޓީއައިއަށް ދިން ޖަވާބު ސާފުނުވާތީ ބޭއްވި އަޑުއެހުމުގައި، ރައީސްގެ ދަތުރުފުޅުތަކުގެ ތަފްސީލާއި ހިނގި ޚަރަދު ހާމަކުރުމަކީ ސަލާމަތީ ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށްވެސް ރާއްޖެޓީވީން ފާހަގަކުރި

އާރަށަށް ރައީސްގެ އާއިލާ ބޭފުޅަކު ނޫން އިތުރު މީހަކު ދިޔަސް އެ ރިކޯޑް ޑިފެންސް މިނިސްޓްރީގައި ނުހުންނާނެ ކަމަކަަށް ގަބޫލެއް ނުކުރަން: ރާއްޖެޓީވީ | ރާއްޖެ އެމްވީ
އާރަށަށް ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ބޭފުޅަކު ނޫން އިތުރު މީހަކު ދިޔަ ނަމަވެސް އެ ރިކޯޑް ޑިފެންސް މިނިސްޓްރީގައި ނުހުންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ބޭއްވި އިންފޮމޭޝަން ކޮމިޝަންގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީން ވަނީ އާރަށަށް ރައީސް އަރިހުގައި އާއިލާ ބޭފުޅުން ނޫން އިތުރު ބޭފުޅުން ވަޑައިގަންނަވާކަން މާބޮޑަކަށް ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި ރައީސް އަރިހުގައި ރައީސް ގެންދަވާ ބޭފުޅަކު ވަޑައިނުގަންނަވާނެކަން ވެސް ބުނެދޭން ނޭނގޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
ޑިފެންސް މިނިސްޓްރީން މިފަދައިން ބުނުމުން އާމިރު ވަނީ އާރަށަށް ރައީސްގެ އާއިލާ ބޭފުޅުން ނޫން އިތުރު އެންމެ މީހަކު ދިޔަ ނަމަވެސް އެ ރިކޯޑް ޑިފެންސް މިނިސްޓްރީގައި ނުހުންނާނެ ކަމަކަށް ނުވަތަ އެ ރިކޯޑު ނުބަލަހައްޓާނެ ކަމަށް ވެސް ގަބޫލު ނުކުރެއްވޭކަމަށް ވިދާޅުވެފަ އެވެ.
މިސާލަކަށް އެ ނުބެލެހެއްޓުން ނެތުން އަދި މާބޮޑު ސެކިއުރިޓީ ކޮމްޕްރޮމައިޒްއަކަށް ދާނެ ކަމެއް ހިނގައިފި ގަޑިއެއްގައި މިސާލަކަށް. އެހެންވީމަ ތިމަންނާމެންނަކަށް ނޭނގޭ ފަހަރުގައި އައިސްވެސް ފާނޭ އެހާ ބޮޑަކަށް ނުބަލަމޭ އެ އެއްޗެސްއެއް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އެ މައުލޫމާތު ހުންނާނެ، އެ ދެއްވުމަކުން ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާނެ ވާހަކައެއް ޑިފެންސްއަކުން ދެންމެ ވެސް ފާހަގައެއް ނުކުރައްވާ އެ މައުލޫމާތު ދީގެންނެއް. ރައީސްގެ މޫވްމަންޓް އެއް ނޫން އިތުރު ބަޔަކު ދެއްތޯ އަޅުގަނޑު މި އަހަނީއާމިރު ސަލީމް
މީގެ އިތުރުން، ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދު ވަނީ ރައީސް މީގެ ކުރިން ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެހެން އާރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލުތައް ހާމުކުރުމުގެ ސަބަބުން ސެކިއުރިޓީ ކޮމްޕްރޮމައިޒް ނުވާނެތޯ ސުވާލު އުފައްދަވާފަ އެވެ.
މި މައްސަލައަކީ ރާއްޖެޓީވީން ހޯދުމަށް އެދިފައިވާ ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް އާރަށަށް، މި އަހަރުގެ މިހާތަނަށް ޖުމްލަ ކިތައް ދަތުރު ކުރައްވާފައިވޭތޯ އާއި މިދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަ ކިހާ ފައިސާއެއް ޚަރަދުވެފައިވޭތޯ އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ބޭފުޅުންގެ އިތުރުން، އެހެން އެއްވެސް ފަރާތްތަކެއް މި ދަތުރުތަކުގައި ބައިވެރިކޮށް އާރަށަށް ގެންގޮސްފައިވޭތޯ އާއި އެއީ ކިތައް ފަހަރު ކިތައް މީހުންތޯ އެނގޭނޭ ފަދަ ތަފްސީލީ މައުލޫމާތު ދިނުމަށް އެދި ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައި، ޑިފެންސް މިނިސްޓްރީން ދީފައިވަނީ އެކަށީގެންވާ ސާފު ޖަވާބުތަކެއް ކަމުގައި ނުފެންނާތީ، ރާއްޖެޓީވީން އައިކޮމްއަށް އެ ޝަކުވާ ހުށަހެޅުމުން ކުރިއަށް ގެންދިޔަ އަޑު އެހުމެކެވެ.











