ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
21 އޮކްޓޯބަރު 2026 | ބުދަ 13:10ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފައިވާއިރު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގދ. ފިޔޯރީގެ 90 އިންސައްތަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައި. އެންޑީއެމްއޭ އާއި ކައުންސިލް ގުޅިގެން އެ ރަށުގެ ހާލަތު ބަލައި ފެންހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި


ވިއްސާރައިގެ ތެރެއިން މާލޭ މަގު މަތީގައި ސައިކަލުގައި ބަޔަކު ދަތުރުކުރާ މަންޒަރު | ސޯޝަލް މީޑިއާ
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ބުދަ ދުވަހު ހަވީރު 5ން ފެށިގެން 9ށް ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރިފައިވާ ކަމަށެވެ. އެގޮތުން، ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެ އެވެ.
ހަމައެއާއެކު، ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވަނީ މިރޭގެ 10 އާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރިފައި އެވެ.
ބުދަ ދުވަހު ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރިފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ އެކިވަރުގެ ގެއްލުންތައް ވެސް ލިބެމުންނެވެ. އެގޮތުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 1:30 އިން ފެށިގެން ގދ. ފިޔޯރީއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ 90 އިންސައްތަ ގެތަކަށް ފެންވަދެފައިވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، އެއްވެސް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން ހުސްކުރަންޖެހޭ ފަދަ ހާލަތެއް އަދި ދިމާވެފައި ނުވާ ކަމަށް އެ އޮތޯރިޓީއިން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން، މިވަގުތު ފިޔޯރީ ކައުންސިލުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ފިޔޯރީ ކައުންސިލާ ގުޅިގެން އެންޑީއެމްއޭ އިން ރަށުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނައިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދީފައިވެ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.











