ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ދިޔަ އެޕާޓްމެންޓަކުން 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި
18 އޮކްޓޯބަރު 2026 | އާދީއްތަ 08:38މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ އެޕާޓްމެންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު 6 މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން 30 ދުވަސް ވަނީ ޖަހާފައި. ފުލުހުންގެ އޮޕަރޭޝަނެއްގައި މި ތަން އަތުލައިގަތްއިރު، މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހާއެކު މިހާތަނަށް މާލޭގެ 13 ޑްރަގް ކެފޭއެއް ބަންދުކޮށްފައިވާ މިފަހުން ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެފައިވޭ


މީގެ ކުރިން ފުލުހުން އަތުލައިގަތް ޑްރަގް ކެފޭއެއް. ފައިލް ފޮޓޯ | މޯލްޑިވްސް ޕޮލިސް ސާރވިސް
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ އެޕާޓްމެންޓެއް ބަލައިފާސްކޮށް 6 މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުން އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގަ އެވެ.
ހޮނިހިރު ދުވަހު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ،
- ނ.ކެނދިކުޅުދޫ، ކުޅުދޫ ގުލްފާމްގެ، 23 އަހަރުގެ ޒަޔާން ޔޫސުފް
- ފ.ފީއަލި، ދޯދިލް، 21 އަހަރުގެ މައިޝަމް މުހައްމަދު
- ކ.މާލެ، ހ.މިލްކްބުޝް، 45 އަހަރުގެ އަހުމަދު އަކްރަމް
- ކ.ތުލުސްދޫ، ވައިޓްރޯސް، 41 އަހަރުގެ މުހައްމަދު ހަމްދާން
- ރ.ދުވާފަރު، ކެމަރާގެ، 24 އަހަރުގެ އަހުމަދު ނޫހު މުހައްމަދު
- ރ.އަނގޮޅިތީމު، ފިނިވާގެ، 39 އަހަރުގެ އަޒްމީ އަލީ ރަޝީދު
މިމައްސަލައާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ، އެ މީހުން ތިބި އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާގެ އިތުރުން މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ފެނިފައިވާ ކަމަށެވެ.
އެ ތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި، އެ ތަކެތި ބޭނުންކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއް ކަމަށާއި، އެ ތަނުން ފެނުނު މަސްތުވާތަކެއްޗާއެކު، ފައިސާތައް ވެސް ރަބަރު ޕެކެޓުތަކަށް އަޅާފައި ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން، ހައްޔަރުކުރި ބައެއް މީހުންނަކީ އެ ތަނަށް ވަރަށް ގިނައިން ވަދެ ނުކުމެ ހަދާތަން ފެންނަ ބައެއް ކަމުގެ ހެކިބަސް ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ތުހުމަތުވާ މީހުން ކޯޓުގައި އެ ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް ތަހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފަ އެވެ. އަދި ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ އެ އެންމެން ވެސް 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
ޑްރަގް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ އެޕާޓްމެންޓެއް ބަލައިފާސްކޮށް 6 މީހަކު ހައްޔަރުކޮށްފާއިރު، މިފަދަ ކެފޭތައް ބަންދު ކުރުމަށް މުޅި ރާއްޖޭގައި ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށް މިފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ. އަދި މިފަހުން އަމަލު ކުރަން ފެށި މަސްތުވާތަކެތީގެ ގާނޫނަށް އަލަށް ގެނައި އިސްލާހުގެ ދަށުން މިހާތަނަށް މާލޭގައި ހުރި 13 ޑްރަގު ކެފޭ ބަންދުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވެފައިވެ އެވެ.










