ފުލުސް އޮފިސަރު ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި 4 މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި
23 އޮކްޓޯބަރު 2026 | ހުކުރު 07:12ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި. މިއީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ގަސްތުގައި ހިންގި އަމަލެއް ކަމަށް ބެލެވޭއިރު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ފުލުހުން ބުނޭ


ސިނަމާލެ ބްރިޖުގެ މާލެ ފަޅި | ސޯޝަލް މީޑިއާ
ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައި ގާނޫނީ ވާޖިބު އަދާކުރަމުންދިޔަ ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖައްސައި އޮފިސަރަށް ބޮޑެތި އަނިޔާތަކެއް ދިން ނުރައްކާތެރި ހާދިސާއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ އަބްދުﷲ ސައްމާހް ހަސަން ޞާދިޤް، ސ. ހިތަދޫ، ފެނީވާ، އަހްމަދު މާއިޝް މުހައްމަދު މާހިރު، ކ. މާލެ، ހ. ފިލްމީސައިޓް، އަނޫފް ބިން މުހައްމަދު، އަދި ކ. ގާފަރު، މަލަ، އަހްމަދު ސިނާޒް އެވެ.
އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން، އެ 4 މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުން ފަސްޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގަ އެވެ. ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހުމުގެ ސަބަބުން އަނިޔާވި ފުލުސް އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް، ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ބެރިކޭޑްގައި ޖައްސައި، އެއަށްފަހު ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް މިކަމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ފަސްނުޖެހި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ އެންމެހައި ރައްޔިތުންނަށް އެރުވި އެވެ.
މީގެ އިތުރުން، މަގުމަތީގެ އަމަންއަމާންކަން ނަގާލައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ހަމަތަކުގެ މަތިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.









