ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
9 އޮކްޓޯބަރު 2026 | ހުކުރު 08:24ބޭންކް އޮފް ސިލޯންގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުގެ މަގާމުގައި ހުރެ ކަސްޓަމަރެއްގެ ސޮއި ފޯޖުކޮށްގެން 1.5 ލައްކަ ޑޮލަރު ޓްރާންސްފާކުރި މައްސަލައިގައި ހަސަން ވަހީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން 6 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 18,000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައި


ކްރިމިނަލް ކޯޓުގެ އިމާރާތް | ސޯޝަލް މީޑިއާ
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 އެމެރިކާ ޑޮލަރު ޓްރާންސްފާ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެ އޭނާ ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރު ހަސަން ވަހީދު ބޭންކުގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރުގެ މަގާމުގައި ހުރިއިރު، އާމިނަތު ޝިޒްލީން ކިޔާ ކަސްޓަމަރެއްގެ ސޮއި ފޯޖުކޮށްގެން އޭނާގެ އެކައުންޓުން ޢަބްދުﷲ ނަފީޤް ޕާޝާ ކިޔާ މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވި މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން ހަސަން ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛް ޢަލީ ނަދީމް އިއްވެވި ހުކުމުގައިވަނީ، ހަސަން ވަހީދު އަމިއްލައަށް ކޮމްޕިއުޓަރުން ޓްރާންސްފާ ފޯމެއް ތައްޔާރުކޮށް، ކަސްޓަމަރުގެ ސޮއި ފޯޖުކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ. އަދި އެ ފޯމު ބޭންކުގެ އެހެން މުވައްޒަފަކަށް ދީގެން ފައިސާ ޓްރާންސްފާ ކުރުވުމަށްފަހު، އެކަން ފަޅާއެރުމުން އެއީ ކަސްޓަމަރުގެ ހަނދާން ނެތިގެން ވީކަމެއްގެ ގޮތުގައި ދައްކައި ހަގީގަތް އޮޅުވާލަން އޭނާ މަސައްކަތް ކޮށްފައިވާކަން ވެސް ޝަރީޢަތަށް ވަނީ ސާބިތުވެފަ އެވެ.
ޝަރީޢަތަށް ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ހަސަން ވަހީދު ބޭނުންކުރި ސީޕީޔޫގެ ފޮރެންސިކް ތަހުލީލުންނާއި ބޭންކުގެ ސީސީޓީވީ ފޫޓޭޖުން އޭނާ އެ ފޯމު ޕްރިންޓްކޮށްގެން ނަގާ މަންޒަރު ފެންނަން ހުއްޓެވެ. މީގެ އިތުރުން، ކަސްޓަމަރުގެ ސޮއި ފޯޖުކުރުމަށްޓަކައި އޭނާގެ ކެބިން ތެރޭގައި ސޮއި ކުރަން ފަރިތަކޮށްފައިވާ ކަރުދާސްތަކެއް ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ފެނިފަ އެވެ. މި ފައިސާ ޓްރާންސްފާ ކުރި ޢަބްދުﷲ ނަފީޤް ޕާޝާއަކީ ހަސަން ވަހީދާ ގާތް ގުޅުމެއް އޮންނަ، އަދި އޭނާގެ ވިޔަފާރި ބައިވެރިއެއްގެ ދޮންބައްޕަ ކަމަށް ވެސް ޝަރީޢަތުގެ މަރުހަލާގައި ވަނީ ހާމަވެފަ އެވެ.
މި ކުށުގެ އަދަބެއްގެ ގޮތުން ގާޒީ ކަނޑައެޅުއްވީ 6 މަހާއި 18 ދުވަހުގެ ޖަލު ހުކުމަކާއި 18,000 ރުފިޔާގެ ޖޫރިމަނާއެކެވެ. މި މައްސަލައިގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، މައްސަލަ ނިމުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާތީ އާއި ހަސަން ވަހީދުގެ ފަރާތުން ބޭންކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދައްކާފައިވާތީ އަދަބުގެ ދަރަޖަ ވަނީ ދަށްކޮށްފަ އެވެ. ހުކުމުގައިވާ ގޮތުން ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރަން ޖެހޭނެ އެވެ.
މި މައްސަލައިގެ ތަހުގީގުން އިތުރަށް ހާމަވެފައިވާ ގޮތުގައި، ހަސަން ވަހީދުގެ އެކައުންޓަށް 2018 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކު 52,500 ރުފިޔާ ސީނިއަރ އިންޓަރނޭޝަނަލް ކުންފުނިން ޖަމާކުރަމުން ގޮސްފައިވެ އެވެ. މި ފައިސާއަކީ އޭނާ ހިންގި މިފަދަ މުޢާމަލާތްތަކުގެ ބަދަލުގައި ލިބިފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށް ވެސް ޝަރީޢަތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ 2026 އޮކްޓޫބަރު 8 ވަނަ ދުވަހު އެވެ.











