"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!
22 އޮކްޓޯބަރު 2026 | ބުރާސްފަތި 03:13އީރާނުގެ މައްޗަށް އެމެރިކާއިން އަސްކަރީ އަދި މާލީ ކުރިހޯދާފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާއިރު، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާތީ އެ ސަރަހައްދަށް 'ޓްރަމްޕް ކަނޑުއޮޅި'، މި ނަން ވަނީ ދެއްވާފައި. އީރާނަށް އަލުން ހަމަލާދިނުމުގެ ރޭވުންތަކެއް އެމެރިކާއާއި އިސްރާއީލުން އެކުލަވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ސުލްހައިގެ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ ކަމަށާއި، ނަމަވެސް ބޭނުންވަނީ އޭގެ ނަތީޖާ ދެމިގެންދާނެކަން ކަށަވަރުކުރުން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
"އެ ކަން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ. އަޅުގަނޑުމެންނަށް މިހާރު ވެސް އެ ތަން ދޫކޮށް ނުކުމެވިދާނެ، އެކަމަކު އަޅުގަނޑުމެން ބޭނުންވަނީ އޭގެ ނަތީޖާ ގިނަ ދުވަހަށް ދެމިގެންދާނެކަން ކަށަވަރުކުރަން،" ދެކުނު ކެރޮލައިނާގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއިން އަސްކަރީ ގޮތުންނާއި މާލީ ގޮތުން އީރާނުގެ މައްޗަށް ކުރިހޯދާފައިވާ ކަމަށާއި، ތެހެރާނަށް "ދުވަހަކު ވެސް ނިއުކްލިޔަރ ހަތިޔާރެއް ނުލިބޭނެ" ކަމަށް، ޓްރަމްޕް ދައުވާކުރެއްވި އެވެ. މީގެ އިތުރުން، އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް ހިސާރުކޮށްފައިވާ ކަމަށް ވިދާޅުވެ، އެ ތަނަށް 'ޓްރަމްޕް ކަނޑުއޮޅި'، މި ނަމުން ޓްރަމްޕް ވަނީ ނަންދެއްވާފަ އެވެ. "އަޅުގަނޑުމެން ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލުކުރިން. ހުރްމުޒް ކަނޑުއޮޅީގެ ނަން އަޅުގަނޑުމެންނަށް ބަދަލު ނުކުރެވެންވީ ކީއްވެ؟" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް ފަހު އެމެރިކާއާއި އިސްރާއީލްގެ އަސްކަރިއްޔާއިން އީރާނަށް އަލުން ހަމަލާ ދިނުމުގެ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށް، އެ މަޝްވަރާތަކުގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ދި ނިއުޔޯކް ޓައިމްސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ. މި އަހަރު ބޮޑު ހަނގުރާމައަކަށް އެނބުރި ދިޔުމަށް ހުށަހެޅުނު ޕްލޭންތަކާ ޓްރަމްޕް ތަކުރާރުކޮށް ދެކޮޅު ހައްދަވާފައިވާކަން ފާހަގަކޮށް، އެ ހަމަލާތައް ދިނުމަށް އޭނާ ހުއްދަ ދެއްވާނެކަން ކަށަވަރު ނުވާ ކަމަށް، އެ ރިޕޯޓުގައި ބުންޏެވެ. އަދި، "ވުޖޫދުގައި އޮވެދާނެ ނުވަތަ ނެތިދާނެ" އަސްކަރީ ޕްލޭންތަކާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ހާމަކުރަން ބޭނުންނުވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެމެރިކާއާއި އިސްރާއީލުން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން، ތެހެރާނުން ވަނީ އިސްރާއީލުގެ އިތުރުން ގަލްފުގެ ޤަައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަގާމުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކުން ރައްދުދީ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މިއާއެކު، ޕާކިސްތާނާއި ޤަތަރު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު ޖޫން މަހު ސޮއިކުރި ފަހުމުނާމާގެ މަސައްކަތް މިހާރު ވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުން ފަދަ ކަންކަމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ހުއްޓުމަކަށް އައިސްފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











