މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވޭ: އެންޑީއެމްއޭ
22 އޮކްޓޯބަރު 2026 | ބުރާސްފަތި 13:21މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން، 80 އަށް ވުރެ ގިނަ އިމާރާތަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވާތީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އާއި ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުން. މިގޮތުން ފެން ހިންދުމަށް 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓާފައިވާއިރު، ވެލިބަސްތާ ޖެހުމަށް ބޭނުންވާ 10،000 ގޯނި މިހާރު ވަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފައި


މާލޭގައި ފެންބޮޑުވުން | މިހާރު
މީހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ 33 ގެ ހިމެނޭހެން ޖުމްލަ 80 އަށް ވުރެ ގިނަ އިމާރަތަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ފެންބޮޑުވިޔަ ނުދިނުމަށް ވެލިބަސްތާ ޖެހުމަށް އެދިފައިވާ ތަންތަނުގެ ތަފްސީލް ހިއްސާކޮށްފައި އެވެ. އެގޮތުން، 33 ގެ، 35 ފިހާރަ، 6 ކެފޭ / ރެސްޓޯރަންޓް، 5 ސަރުކާރާއި އަމިއްލަ އެކި އިމާރާތް، 4 ސްކޫލް، 2 ކްލިނިކް، 2 ގުދަން، 1 އޮފީސް އިމާރާތް އަދި 1 ކޮންސްޓްރަކްޝަން ސައިޓުން ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.
ހަމައެއާއެކު، ނަޖިސް ލީކުވުމުގެ 1 މައްސަލަ އެއްގެޔަކުން ރިޕޯޓުކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި ވެލިބަސްތާ ޖަހައިދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ރޭގެ 11 އާ ހަމައަށް 31 ތަނަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި، ބާކީ ހުރި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެ އެވެ.
މީގެ އިތުރުން، މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި މާލޭގެ 10 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވަނީ އެ އޮތޯރިޓީއިން ބުނެފައި އެވެ. މި މަސައްކަތުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމް.ޓީ.ސީ.ސީ އަދި އެޗް.ޑީ.ސީ ގުޅިގެން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
އަދި ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވެ އެވެ.











