އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް
13 އޮކްޓޯބަރު 2026 | އަންގާރަ 14:30އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބިނާކޮށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމުގެ މުހިންމުކަން ފާހަގަކުރައްވާފަ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަންނަ އެމްޑީޕީ ސަރުކާރެއްގައި ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި.


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް | ރާއްޖެއެމްވީ
އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވެގެންދާނީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަކަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހަރަކާތް ފެއްޓެވުމަށްފަހު ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ބޭނުންވަނީ އެމްޑީޕީގެ ސަރުކާރެއް އަންނަ އިރު، ރަނގަޅު، ހަރުދަނާ ޕޮލިސީތަކެއް ގާއިމުކުރެވިފައިވުން ކަމަށެވެ.
އެގޮތުން އެ ޕޮލިސީތަކަކީ ރައްޔިތުންގެ އަޑު އެހުމަށްފަހު، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނެހެން ގާއިމުކުރެވިގެންދާނެ ޕޮލިސީތަކެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މާލެ ސަރަހައްދަށް ބަލާއިރު އަދިވެސް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އަޅުގަނޑުމެން މިއަދު މި ފެށީ ރަސްމީކޮށް ޑޯ ޓު ޑޯ ހަރަކާތް. އަޅުގަނޑުމެން ބޭނުން އެމްޑީޕީ ސަރުކާރެއް އަންނަ އިރު ޕޮލިސީތަކެއް އެކުލެވިގެންދާން. ރައްޔިތުން ބޭނުންވާ ކަންތައްތަކަށް އިސްކަން ދެވިގެން. މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކަށް އަދިވެސް މި އޮތީ ގޯތި ގެދޮރުގެ ދަތިކަން. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންބޮޑުވުންތަކާއި، ވަރަށް ގިނަ ޝަކުވާތައް ދޮރުން ދޮރަށް ހިނގުމުން އެބަ އެނގިގެންދޭ. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ އެމްޑީޕީ ސަރުކާރެއްގައި އަދިވެސް އެންމެ އިސްކަމެއް ދެވިގެންދާނެ ކަމަކީ ބޯހިޔާވަހިކަމަށް މިއަދު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށޭފައިސަލް ނަސީމް
މިއަދު ވެސް ރައްޔިތުންގެ ހާލަތު ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ޚާއްސަކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ވަރަށް ދަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
އެހެކަންމުން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އެކަންކަމަށް އެޑްރެސް ކުރެވިގެންދާނެ ކަމަށާއި އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވެގެންދާނީ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަކަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.











