ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
18 އޮކްޓޯބަރު 2026 | އާދީއްތަ 04:25ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ވިއްކުމަކީ އަންނަން އޮތް ޖީލުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، ޝެއިޚް އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި. ގައުމާއި ދީނުގެ ހައްގުގައި މިކަމާ ދެކޮޅަށް އަޑުއުފުލުމަށް އޭނާ ގޮވާލެއްވިއިރު، މި މަޝްރޫއުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ކުރާނެ އަސަރުތަކާ މެދު ސިޔާސީ މަސްރަހުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައި


ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ | ރާއްޖެއެމްވީ
ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ވިއްކާލުމަށް ނިންމާފައިވާ ނިންމުމަކީ އޭގެ ފަހަތުގައި ނުރައްކާތެރި އަދި ބިރުވެރި ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރަސްމާލެ މަޝްރޫއު އާ ގުޅޭ ގޮތުން އިމްރާން ކަންބޮޑުވުން ފާޅު ކުރައްވާފައިވަނީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރަސްމާލެ ވިއްކާލުމުގެ މައްސަލައަކީ އެކަމުގެ ފަހަތުގައިވާ ނުރައްކާތެރިކަމާއި ބިރުވެރިކަން ކުޑަކޮށް ދިރާސާކޮށް ބަލާލިޔަސް، އޭގެ ހަގީގަތް ވަރަށް ސާފުކޮށް ފެންނަން އޮތް މައްސަލައެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ ކުރިއަށް އޮތް އެތައް ޖީލުތަކަކަށް އޭގެ ނޭދެވޭ އަސަރު ދެމިގެންދާނެ ފަދަ ނުރައްކާތެރި ކަންތައްތަކެއްގެ ގޮތުގައި އިމްރާން ސިފަކުރެއްވި އެވެ.
މި މައްސަލައިގައި އިމްރާން ވަނީ ދިވެހި ރައްޔިތުންނަށް ހާއްސަ އިލްތިމާސެއް ކުރައްވާފަ އެވެ. އެގޮތުން ދިވެހި ގައުމުދެކެ ލޯބިވާ، ގައުމީ ވިންދާއި ލޭ ހިނގާ ކޮންމެ ދިވެހި ދަރިޔަކު މި މަޝްރޫއާ ގުޅޭ ކަންކަން ރަނގަޅަށް ބަލައި ދިރާސާކުރުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ގައުމާއި ދީނުގެ ހައްގުގައި މިކަމާ ދެކޮޅަށް އަޑުހަރުކޮށް ބަސްބުނަން ތެދުވަންޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މި މަޝްރޫއުގެ ދަށުން ބިން ދޫކުރާ އުސޫލާއި، އޭގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި މިނިވަންކަމަށް ކުރާނެ އަސަރުތަކާ މެދު ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ.










