ރަސްމާލެ އެއްބަސްވުން ހާމަނުކުރާނަމަ އޭގެ މާނައަކީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް ވެއޭ: ޝަރީފް
14 އޮކްޓޯބަރު 2026 | ބުދަ 05:13ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމާ ގުޅިގެން ކުރީގެ މެންބަރު އިބްރާހީމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފި. މި އެއްބަސްވުން ސަރުކާރުން ސިއްރުކުރާތީ އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮވެދާނެ ކަމަށް ތުހުމަތުކުރައްވައި، އެ މުއާމަލާތުގެ ތަފްސީލު ހާމަކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި


ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް | ރާއްޖެއެމްވީ
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާއިރު އެ އެއްބަސްވުން ހާމަނުކުރާނަމަ އެކަމުގެ އަޑީގައި ވަރަށް ނުބައި އެޖެންޑާއެއްވާ ކަމަށް ބެލެވިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ އިން ގެނަސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ ރަސްމާލޭގައި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯން މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުުންތައް ހިއްސާ ކުރައްވާފަ އެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރަކީ މި ގައުމުން ވެލި ފުކެއް ވެސް ނުދޭނެ ކަމަށް ބުނެ އައި ސަރުކާރެއް ކަމަށެވެ. އަދި މި ގައުމުގެ ބިމަކީ ދިވެހީންގެ ތަނެއް ކަމަށާއި ކުއްޔަށް ވެސް ނުދޭނަން ކަމަށް އަދި އެހެން ގޮތަކަށް ވެސް ބޭރުގެ ބަޔަކަށް ރާއްޖޭގެ ބިމެއް ނުދޭނެ ކަމަށް ބުނެ އައި ސަރުކާރުން އެންމެ ފަހުން އީގަލް ހިލްސް އަށް 99 އަހަރަށް، ހިލޭ، 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ދީފައިވާ ކަމަށެވެ.
500 ހެކްޓަރަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ރަށް، ލ. ގަމަށް ވުރެ ވެސް ބޮޑު ސަރަހައްދެއް. މިހާ ބޮޑު ސަރަހައްދެއް މި ދެނީ އީގަލް ހިލްސް އަށް ހިލޭ. ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮޖެކްޓަކީ، އެއީ ރިސޯޓް ޕްރޮޖެކްޓެއް ވިޔަސް، އަދި އެހެން ޕްރޮޖެކްޓެއް ވިޔަސް، އެއްވެސް ޕްރޮޖެކްޓަކީ ހިލޭ ދޭ ޕްރޮޖެކްޓުތަކެއް ނޫން. އެކުއިޒިޝަން ފީއެއް ނަގާފައި، އެ އޮންނަ ގަވާއިދެއްގެ ދަށުން ދެނީ. އެއީ ރާއްޖޭގައި ކޮންމެ ޕްރޮޖެކްޓެއް ވެސް ކުރިއަށްގެންދާ ގޮތްއިބްރާހީމް ޝަރީފް
މި ސަރުކާރުގައި މިއަދު ތިބީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްގީކޮށް ހިންގުން 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖީއެމްއާރް އަށް ދިނުމުން އެއީ ގައުމު ވިއްކާލުން ކަމަށް ބުނި މީހުން ކަމަށާއި ނަމަވެސް އެކަން ކަމުނުދިޔަ މީހުންނަށް ގައުމުގެ އެންމެ ބޮޑު ބިން 99 އަހަރަށް ހިލޭ ބޭރު ބަޔަކަށް ދިނުން އެއްވެސް މައްސަލައަކަށް ނުވުމަކީ ހެއްވާ ކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެއަށް ވުރެ އެ ބިން ދިވެހި ވިޔަފާރިވެރިންނަށް ދިނުން މާރަނގަޅު ވާނެ ކަމަށާއި، ރާއްޖޭގައި ވެސް އެ ގޮތަށް ވިޔަފާރި ކުރެވޭނެ ވިޔަފާރިވެރިން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ދިވެހީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެ އެއްބަސްވުން ހާމަނުކުރާތީ އެކަންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މި އެއްބަސްވުން ގޯސްކޮށް ހިނގައިފި ނަމަ، ދިވެހީންގެ ނަސްލު ނައްތާލުމަށް ވެސް ޒަޔަނިސްޓުން މަސައްކަތް ކޮށްފާނެ ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ ހަގީގަތް ހާމަނުކުރާނަމަ އެކަމުގެ އަޑީގައި ވަރަށް ނުބައި އެޖެންޑާ އެއް ވާކަން ބެލެވެން އެބަ އޮތް ކަމަށާއި، އެއީ ރަނގަޅު އެއްބަސްވުމެއް ނަމަ، އެކަން ރައްޔިތުންނަށް ހާމަނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އެހެންކަމުން ޝަރީފް ވަނީ ރަސްމާލެއާ ގުޅޭ އެ އެއްބަސްވުން ސަރުކާރުން ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައްވާފަ އެވެ.










