ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!
14 އޮކްޓޯބަރު 2026 | ބުދަ 12:37ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބޮޑު ބިމެއް ދޫކުރުމާ ގުޅިގެން ރާއްޖޭގެ ސިޔާދަތަށް ނުރައްކާވަމުންދާއިރު، ކުރީގެ ރައީސުންނާއި ދީނީ އިލްމުވެރިން ހަނުތިއްބަވާތީ ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފި. ޤައުމުގެ މުހިންމު ވަސީލަތްތަކުގެ ކޮންޓްރޯލް ބީވެގެންދާއިރު ހަނުތިބޭ އެންމެންނަކީވެސް ތާރީޚުގައި ޚާއިނުންގެ ގޮތުގައި ލިޔެވިގެންދާނެ ބައެއް ކަމަށް އޭނާ ވިދާޅުވި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި އިސްމާއީލް ޒަރިޔަންދު | ރާއްޖެއެމްވީ ގްރެފިކްސް
ސިޔާސީ ވަފާތެރިކަމަކީ ޤައުމީ މަސްލަހަތު ޤުރުބާންކޮށްފައި އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ޤައުމުގެ ސިޔާދަތު ގެއްލިގެންދާއިރު ހަނުތިބޭ އެންމެން ވެސް ތާރީޚުގައި ލިޔެވިގެންދާނީ ޚާއިނުންގެ ގޮތުގައި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިސްމާއީލް ޒަރިޔަންދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ "ނަޝީދުގެ ގަލަމުން: ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން" މި ލިޔުމަށް ރައްދު ދެއްވަމުންނެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދުގެ ލިޔުއްވުމާއި، އެ ލިޔުން ޝާއިއުކުރެވުނު ވަގުތާއި، އަދި ތާރީޚީ ގޮތުން ފާހަގަކުރެވޭ ބޮޑެތި ކުށްތައް، ޚާއްސަކޮށް 1830 ގެ އަހަރުތަކުން ފެށިގެން 1950 ގެ އަހަރުތަކާ ދެމެދު ދިވެހިރާއްޖެ އަށް ކުރިމަތިވި އިގުތިސާދީ ބޮޑެތި ދަތިތަކާއި ގެއްލުންތަކުގެ ހަގީގަތް އެ ލިޔުމުގައި ބަލައިގެންފައިނުވެ އެވެ. އަދި މިކަންކަމަށް ބެލުމަށްފަހު، މިއަދު ސިޔާސީ ގޮތުން އޭނާ ހުންނެވި ފިކުރާމެދު ކުރިއަށްވުރެ ބޮޑަށް އިތުބާރު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމާއި ގުޅިގެން، މާލީ ދާއިރާގެ ތަޖުރިބާކާރު ޒަރިޔަންދު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭނާގެ ފަންނީ އިލްމާއި ތަޖުރިބާގެ އަލީގައި، މި މުއާމަލާތުގެ ސަބަބުން ޤައުމަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ގެއްލުންތައް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް އެކި މަންސަތަކުގައި އަންނަނީ އަޑު އުފުއްލަވަމުންނެވެ. އެހެންކަމުން ރާއްޖޭގެ މިހާރުގެ މި ހާލަތަށް އަލިއަޅުއްވާލައްވަމުން ޒަރިޔަންދު ވަނީ ޤައުމުގެ އެންމެ މަތީ ދީނީ އިސްވެރިން ކަމަށް ދައުވާކުރާ ޝައިޚުންނާއި، ކުރީގެ ރައީސުން މިވަގުތު ތިއްބެވި ހިމޭންކަމާމެދު ސުވާލު އުފައްދަވާފަ އެވެ.
އަޅުގަނޑުމެންގެ ދީނީ ސާބިތުކަމާއި، ޤައުމީ ސިޔާދަތާއި، އިސްތިރާޖީ މުހިންމު ވަސީލަތްތަކުގެ ކޮންޓްރޯލް ބީވެގެންދިއުމުގެ ބިރުވެރިކަން ކުރިމަތިވެފައިވާއިރު، ރައްޔިތުންދެކެ އިންތިހާއަށް ލޯބިވާކަމަށް ވިދާޅުވަމުން ގެންދާ ކުރީގެ ރައީސުން ކަމުގައިވާ މައުމޫނާއި، ނަޝީދާއި، ސާލިހާއި، އަދި ޑރ. ވަހީދު ކޮބައިހެއްޔެވެ؟އިސްމާއީލް ޒަރިޔަންދު
މީގެއިތުރުން، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ފަސްގަނޑު ސަހްޔޫނީންނާ (އިސްރާއީލާ) ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކެއްގެ މުށުތެރެއަށް ހިނގައްޖެނަމަ، އަންނަން އޮތް ޖީލުތަކަށް ޖަވާބުދާރީވާނީ ކާކުތޯވެސް އޭނާ ސުވާލު ކުރެއްވި އެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު 2028 ގެ ކުރިން ވިޔަސް ނުވަތަ ފަހުން ވިޔަސް މަޤާމުން ވަކިވެވަޑައިގަންނަވާނެ ކަމަށާއި، ލިބުނު މަންފާއާއެކު އެބޭފުޅުން ޤައުމު ދޫކުރައްވައި ވަޑައިގެންނެވި ނަމަވެސް އާންމު ރައްޔިތުންނަށް އެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެހެންކަމުން، ދައުލަތުން ދޫކުރާ ބިންތަކާއި ވެރިން ކުރައްވާ ކޮންމެ ސޮޔެއްގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ޖީލުތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޒަރިޔަންދު ވިދާޅުވީ، ތާރީޚުގައި ޚާއިނުންގެ ގޮތުގައި ހަނދާން ބަހައްޓާނީ ހަމައެކަނި ޤައުމަށް ގެއްލުންވާ އެއްބަސްވުންތަކުގައި ސޮއިކުރި ވެރިން އެކަނި ނޫން ކަމަށާއި، ޤައުމުގެ ސިޔާދަތު ނުރައްކަލަށް ހުށަހެޅިގެންދިޔައިރު އެކަމާ ދެކޮޅަށް އަޑުނުއުފުލައި ހަނުތިބި އެންމެން ވެސް ތާރީޚު ކުށްވެރިކުރާނެ ކަމަށެވެ.










