ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
15 އޮކްޓޯބަރު 2026 | ބުރާސްފަތި 07:17ރަސްމާލެ މަޝްރޫއުގެ ދަށުން ޔަހޫދީންނަށް ބިން ވިއްކައި، އެމީހުން ވަޒަންވެރިކުރުވަން ސަރުކާރުން ރާވާފައިވާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ދެއްކެވި ވާހަކަތަކުން ވަނީ ހާމަވެފައި. މިކަމުގެ ސަބަބުން ދިވެހި މުޖާހިދުން އެމީހުންނާ ދެކޮޅަށް ނުކުމެ، ރާއްޖެ ދެވަނަ ފަލަސްތީނަކަށް ވެދާނެކަމުގެ ބިރު އޮތްކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވޭ


ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ހައުސިންގ މިނިސްޓްރީ
މީހުން ބުނެ އުޅެ އެވެ. ކޮނުނު ވަރަކަށް ގިނަވާނީ ފަހެވެ. ހޭވި ވަރަކަށް ފެންނަ އެއްޗެހި ވެސް އިތުރުވާނެ އެވެ. އަދި ހިއްލި ވަރަކަށް ދަށުން ފެންނަ އެއްޗެހި ވެސް މަދެއް ނުވާނެ އެވެ.
އެބީދައިން ބަލާއިރު، މުއިއްޒުގެ ރަސްމާލެ ކަންތައް ގަނޑުގައި ކަންވަމުން މިދަނީ އެހެންނެވެ. ފުރަތަމަ އެކަން ކުރައްވަން ދެއްކެވި ވާހަކައިގެ ރާގު ބަދަލުވި ގޮތެވެ. މުޅި ކޮންސެޕްޓަށް އައި ބޮޑު ބަދަލެވެ. ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ހިއްކިތަނަށް ހައްދަވަން ނިންމެވި ގޮތެވެ. އެކަމުގައި ހުރި ބޮޑެތި އޮޅުވާލުންތަކާއި އަޑި ނޭނގޭ ކަންތައް ގަނޑެވެ.
ކަމަކަށްފަހު ކަމެއް އެދަނީ ހާމަވަމުން ފަޅާއަރަމުންނެވެ. ރައްޔިތުންނަށް އެދަނީ ލަހުން ނަމަވެސް އޮޅުން ފިލަމުންނެވެ. ނުބުނާން އުޅޭ ކަންކަން ވެސް އެ ދަނީ ބޭއިޚްތިޔާރުގައި ބޭރުވަމުންނެވެ.
އޭގެތެރެއިން އެއްކަމެއް ހާމަކުރެއްވީ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމު އެވެ. ކިތަންމެ މަޖާވެލާފައި އަދި އިދިކޮޅު މީހުން ދެރަކޮށްލުމުގެ ނިޔަތުގައިނަމަވެސް އަސްލަމް އެ ވިދާޅުވީ އާދައިގެ ވާހަކައެއް ނޫނެވެ. އެ ވާހަކަ ވިދާޅުވަމުން އަސްލަމް އެ ވިދާޅުވީ ވެސް ގޯސް ވާހަކައެއް ނޫނެވެ. އަސްލަމްގެ އަސްލު ވާހަކަ ގެންނަން ދެއްކެވި ހިތްދަމައިގަތުމުގެ ވާހަކައެއްގެ ގޮތުގަ އެވެ.
ނަމަވެސް އޮކްޓޫބަރު 12، 2016 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަސްލަމް އެ ވިދާޅުވީ ސީދާ ކަން އޮތްގޮތްކަމަށް ވެދާނެ އެވެ. ރައީސް މުއިއްޒާއި ސަރުކާރުން ފޮރުވައިގެން އުޅުއްވާ އަސްލު ރޭވުން ފަޅާއަރުވާލުމަކަށް ވެސް ވެދާނެ އެވެ.
އަސްލަމްގެ ވާހަކައިން ދޭހަވި އެއްކަމަކީ ރަސްމާލޭގައި ޔަހޫދީން ވަޒަންވެރި ކުރުވަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކުގައި ބުރަދަނެއް އެބަހުރި ކަމެވެ. އޭނާ ވިދާޅުވީ ޔަހޫދީން ރަސްމާލޭގައި ވަޒަންވެރި ވިޔަސް، އެކަމާ ދިވެހީން ޖެހިލުންވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު އެ ވާހަކައާއެކު ދެން އެގެންނެވި ބައިން އެނގެނީ އެގެންނަ ޔަހޫދީންނާމެދު ކަންކުރައްވަން ރާވާފައިވާ ގޮތެވެ.
އަސްލަމް ވިދާޅުވީ އެވެރިންނަށް ރަސްމާލޭގައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ. ދިވެހިންގެ ފަރާތުން ކުރިމަތިވާނެ ޖެއްސުންކުރުންތަކާ ހެދި އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވިޔަސް އެކަން ބިރަކަށް ނުވަނީ، އަސްލަމް ވިދާޅުވާ ގޮތުން ނަމަ، އެފަދަ މީހުންނާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން މީހުން ނުކުންނާނެތީ އެވެ.
"ހަދާ އިމާރާތުން ޔަހޫދީން ތަނެއް ގަތިއްޔޯ، އިދިކޮޅު މެމްބަރުން އެ ބުނާ ހުސް އިމާރާތް ގަތިއްޔޯ. އަޅުގަނޑުމެންނަށް ފުރުސަތު އެބައޮތް އެ އިޒްރޭލުގެ ހިމާރު، ރަސްމާލެއިން ގަންނަ ގޭގެ އެއްކޮޅުގައި އިއްޒަތްތެރި މެމްބަރު -ވައިކަރަދޫ ދާއިރާގެ ހުސައިން ޒިޔާދު، ފިއްޓޭގެ ގެއެއް ބަހައްޓާފައި އަނެއްކޮޅުގައި އިއްޒަތްތެރި މެންބަރު، ކުޅުދުއްފުށީ އުތުރު ދާއިރާގެ ޢަބްދުލްޣަފޫރު، ޣަފޫރު ބޭގެ ގެއެއް ބައިންދަން. އިޝާ ނަމާދު ނިންމާ ގޮތަށް ފިއްޓޭ ގެއިން މިއުރާޖު މައުލޫދު ޖަހާނީ. ޣަފޫރު ގެއިން ވަރަށް ބާރަށް ޖަހާނީ ސިޔަރަތު،" މެންބަރު އަސްލަމް ވިދާޅުވި އެވެ.
"ސަތޭކަ ޕަސެންޓް އެއްކަލަ ހިމާރަކަށް ނޯވެވޭނެ ނިދާކަށް. އޭނަ ދާނެ. މިއީ އިއްޒަތްތެރި ރައީސް، ޖިހާދީ ގައުމެއް، މުޖާހިދުން އުފަންވެފައި އޮތް ގައުމެއް. މި ގައުމުގެ ހައްގުގައި މި ގައުމުގެ ދީނުގެ ހައްގުގައި މުޖާހިދުން ވަނީ މާޒީގައި ތެދުވެފައި. ގައުމަށް ބޭނުންވި ހިނދު މި ގައުމުން ވަނީ ސަލާހުއްދީނުލް އައްޔޫބީ އާއި ޖޯޖް ވޮޝިންޓަނާއި މަހާތުމާ ގާނދީ އެ ބޭފުޅުންގެ ގައުމަށްޓަކައި ކުރެއްވި ޖިހާދު ކުރައްވާނޭ އެތައް އަބުތާލުންނެއް އުފަންވެފައި. އެހެންވެއްޖިއްޔާ އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހޭ މިއަދު" އަސްލަމް ވިދާޅުވި އެވެ.
ވަރަށް ސާފެވެ. އަސްލަމްގެ ވާހަކައިން ދޭހަވީ ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމުގެ ފުރުސަތު ވެސް އެބައޮތް ކަމެވެ. ނަމަވެސް އެ މީހުން ވަޒަންވެރިވާން ސަރުކާރުން ފުރުސަތު ދިނަސް، ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އެމީހުންނާ ދެކޮޅަށް ނުކުންނާނެ ކަމެވެ. ޤައުމަށްޓަކައި ޖިހާދުކޮށް ޤައުމު އަލުން އަނބުރާ ހޯދަން މަސައްކަތް ކުރާނެ އެވެ. ނޫންނަމަ ސަރުކާރުގެ ވިސްނުމަކީ އެވެރިންނާ ދެކޮޅަށް މީހުން ނެރޭނެ އެވެ.
"ޤައުމަށްޓަކައި ދީނަށް ކެރިގެން ޖިހާދު ކުރާނަމޭ، ފައުޅާއި ސިއްރާ އެއްގޮތަށް ހުރިހާ ކަމެއް ގެންދާނަމޭ" ގެންދާނަމޭ ބުނެ ކުރިންވެސް ނުކުތް ގޮތަށް ދިވެހީން ޖިހާދަށް ނުކުމެދާނެ އެވެ.
އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވިހެން "ދިވެހި ދައުލަތް ޒަޔަނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭ ތަން ބަލަން ރުހިގެން ދިވެހީން ނުތިބެދާނެ" އެވެ.
އެކަމަކު އޭރުން އެޖެހެނީ ކޮންތާކު ހެއްޔެވެ؟ މުއިއްޒު ޤާނޫނުތަކެއް އެކަމަށް ހައްދަވައިގެން ކުރެއްވުނު ގޮތަކަށް އެ ކަންކޮށް ޔަހޫދީން ވަޒަންވެރި ކުރުވުމުން ދެންވާނީ ކިހިނެއް ހެއްޔެވެ؟ އަސްލަމް އެ ވިދާޅުވާ ގޮތަށް ޔަހޫދީން ވަޒަންވެރި ކުރުވުމުން އެ މީހުންނާ ދެކޮޅަށް ދިވެހީން ނުކުމެ ޖިހާދު ކުރަން ފެށީމާ ދެންވާނީ ކިހިނެއް ހެއްޔެވެ؟
އިމްރާން އެ ވިދާޅުވާ ފަދައިން ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭ ތަން ބަލަން ރުހިގެން ދިވެހީން ނުތިބޭނެ ނަމަ ދެން މިތާ ފެށިގެން ދާނީ ކޮން ކަމެއް ހެއްޔެވެ؟ ފަލަސްތީނުގައި އޭރު ތިބި ބަޔަކު ފަލަސްތީނުން ޔަހޫދީންނަށް ބިންކޮޅެއް ދިނުމުން، މާ ފަހުން އައިސް ވަޒަންވެރިވި ޔަހޫދީންގެ މަދު ބަޔަކު އަތްގަދަކޮށް ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ދައުލަތެއް އުފައްދައި، ފަލަސްތީނު މީހުން މަރައި ހުސްކުރަން ހިފީމާ އެ ހިނގާ ކަންކަން ރާއްޖޭގައި ވެސް ނުފެނި ހިނގައިދާނެ ހެއްޔެވެ؟
މުއިއްޒާއި މުއިއްޒުގެ ސަރުކާރުން ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫއުގެ ދަށުން އެ ތަނުން ހިޔާވަހިކަން ގަންނަ ބަޔަކާ ދެކޮޅަށް ޖިހާދަށް ނުކުތީމާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ ފެން ދީފައި ކަތިލަން ގެންނަ ބަޔަކަށް ޔަހޫދީން ހެދީމާ، ރަސްމާލޭގެ ބިން އުމުރު ދުވަހަށް ނެގި އަލް-އައްބާރަށް ކެތްކުރެވިދާނެ ހެއްޔެވެ؟ ނަތީޖާއެއްގެ ގޮތުން އަޑި ނޭނގޭ ޑީލެއްގެ ދަށުން ލާރިކޮޅެއް ލިބޭތީ އެ ތަން އެ މީހުންނަށް ދޭ މުއިއްޒާ މުއިއްޒުގެ ސަރުކާރަށް ކެތް ކުރެވޭނެ ހެއްޔެވެ. އާޚިރުގައި ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން" ނުކުމެ ހަނގުރާމަ އިއުލާންކޮށް ޖިހާދު ކުރަން ފެށީމާ ދެންވާނީ ކިހިނެއް ހެއްޔެވެ. ނަތީޖާއެއްގެ ގޮތުން ދެ ވަނަ ފަލަސްތީނަކަށް މި ކުޑަކުޑަ ދިވެހިރާއްޖެ ނުވެ ހިނގައިދާނެ ބާވަ އެވެ!








