އާއިލާތަކަށް ތަކުރާރުކޮށް ފުރައްސާރަ ކުރަމުންދާ ފާރިސްގެ އުނދަގޫ ހުއްޓުވުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖް ކުރިއަށް!
17 އޮކްޓޯބަރު 2026 | ހޮނިހިރު 22:05އާއިލާތަކަށް ބިރުދައްކައި ފުރައްސާރަކުރާ މީހަކު ހައްޔަރުކުރުމަށްފަހު ތަކުރާރުކޮށް ދޫކޮށްލާތީ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ ސައީދު އާއިލާއާއެކު މަޖީދީމަގުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި. ދައުލަތުގެ އެކި މުއައްސަސާތަކުން ޒިންމާ ނުނަގާކަމަށް ބުނެ ކުރިއަށްގެންދާ މި އިހުތިޖާޖާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައިގައި ގާނޫނީ އިމުގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް


މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގެ ތެރެއިން | ސޯޝަލް މީޑިއާ
އާއިލާތަކަށް ބިރުދައްކައި ފުރައްސާރަކުރާ މީހަކު ހައްޔަރުކުރުމަށްފަހު ތަކުރާރުކޮށް ދޫކޮށްލާތީ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ މުޙައްމަދު ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 14 ގަޑިއިރަށްފަހު، އާއިލާއާއެކު މަޖީދީމަގަށް ބަދަލުކޮށްފި އެވެ.
ސައީދު ފާގަކުރެއްވި ގޮތުގައި، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 25 އާއި 30 އާ ދެމެދުގެ އަދަދަކަށް އޭނާ ހައްޔަރުކުރި ނަމަވެސް، އެންމެ ގިނަވެގެން ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ ދޫކޮށްލަ އެވެ. އަދި އޭނާ ހައްޔަރުކުރުމަކީ އާއިލާއަށް ލިބޭނެ އެއްވެސް ތަސައްލީއެއް ނޫން ކަމަށް ވެސް ސައީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، އާއިލާއިން ފަށާފައިވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު އެކަމަށް އަޑު އުފުލަމުން ދަނިކޮށް، ފާރިސް ނަމަކަށް ކިޔާ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާ ހައްޔަރުކުރުމާ ގުޅިގެން އިހުތިޖާޖު ނިންމާލުމަށް ފުލުހުން އެދުނު ނަމަވެސް، ނިޒާމަށް އިތުބާރު ނެތް ކަމަށް ބުނެ އިހުތިޖާޖު ކުރިއަށްގެންދާނެ ކަމަށް ސައީދު ވަނީ ހާމަކޮށްފަ އެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސައީދު | ސޯޝަލް މީޑިއާ
ސައީދު އޭނާގެ ފޭސްބުކް އެކައުންޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު މި ހަޅުތާލު ކުރިއަށްދަނީ 14 ގަޑިއިރަށްފަހު މަޖީދީ މަގުގަ އެވެ. މިހާތަނަށް މި މައްސަލަ ހައްލު ކުރުމަށް އެކި އިދާރާތަކަށް ހުށަހެޅުމުން ކަން ހިނގާފައިވާ ގޮތް ސައީދު ވަނީ ހާމަ ކުރައްވާފަ އެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އަންނަ ހަފުތާއަށް ބައެއް ޕްރެޒެންޓޭޝަންތައް ވަނީ ތާވަލުކޮށްފައި ކަމަށްވެސް ފުލުހުންނާ ހަވާލާދީ ސައީދު ވަނީ ފާހަގަކޮށްފަ އެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އޭނާއަކީ ޝަރުތު ހަމަވާ މީހަކަށް ނުވާތީ، އެ އިދާރާއަށް ބަލައިގަނެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެޗްޕީއެސްއެން އިން އޭނާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުރި މީހަކަށް ނުވާތީ، އެ ތަނުން ޒިންމާ ނުނެގޭނެ ކަމަށް ބުނި ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނެފައިވަނީ، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓު މަރުހަލާ ކުރިއަށް ނުގެންދެވުނު ކަމަށެވެ. މި ހުރިހާ ކަމަކަށްފަހު ސައީދު ވިދާޅުވެފައިވަނީ މިއީ މުޅި ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

ސައީދު އެކަމަށް އަޑު އުފުލަމުން ދަނިކޮށް، ފާރިސް ނަމަކަށް ކިޔާ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި | ސޯޝަލް މީޑިއާ
ސައީދު ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ވެސް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ގޮސްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އިމާރާތުން ނުކުތުމަށް އަންގާފަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވަކި މަގްސަދެއް ހާސިލުކުރުމަށް ފުލުހުންގެ މަރުކަޒެއްގައި ހަޅުތާލުކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ. ނަމަވެސް، އެމީހާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި، އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ، ސައީދުގެ ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންވެސް ކަންބޮޑުވާ ކަމަށެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސައީދުއާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެތަނަށް ވަޑައިގެންފައެވެ.

ސައީދުއާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެތަނަށް ވަޑައިގެންފައި | ސޯޝަލް މީޑިއާ
އުނދަގޫކުރާ ކަމަށް ބުނާ އެ މީހާއަކީ އެތައް ފަހަރަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ. މުޅި ހެންވޭރު ދެކުނު ދާއިރާއަށް އޭނާގެ ފަރާތުން ނުރައްކާ ކުރިމަތިވެފައިވާއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް، ޖިސްމާނީ ގޮތުންވެސް މީހުންނަށް ހަމަލާދީ ހަދާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަނީ ބުނެފަ އެވެ.
މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން، މަގުމަތިން ދާ މީހުންނާ ދިމާއަށް އަޑުގަދަކޮށް، ތަކެތި އުކާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އޭނާ މަގުމައްޗަށް ނުކުމެ އުޅެނީ އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ހެދުމުގައި ކަން ވެސް ފާހަގަކުރެވެ އެވެ.









