10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު
26 އޯގަސްޓު 2026 | ބުދަ 13:26އިގުތިސާދު ސިންދަފާތުކޮށް ބޭރު ފައިސާ އިތުރުކުރުމަށް ބަންކަރިންގ އާއި ޑިވެލޮޕްމަންޓް ބޭންކު ފަދަ ބިޔަ މަޝްރޫއުތަކުގެ އުއްމީދު މިނިސްޓަރު ސައީދު ކުރިން ދެއްވި ނަމަވެސް، މިހާރު އެ ވާހަކަތައް ވަނީ މަދު ބާވަތެއްގެ މޭވާއާއި ތަރުކާރީގެ ލިސްޓަކަށް ބަދަލުވެފައި. ގައުމުގެ މުހިންމު އިގްތިސާދީ މައްސަލަތަކުގެ ހައްލަކީ މިފަދަ އާދައިގެ ކަންކަމާ ގުޅުވައިގެން ދައްކަވާ ވާހަކަތައް ކަމުގައި ހެއްދެވުމުން، އާންމު ރައްޔިތުންގެ މެދުގައި މިހާރު މިކަން ޖޯކަކަށް ވެއްޖެ


އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ގައުމުގެ މުހިންމު އިގްތިސާދީ މައްސަލަތަކުގެ ހައްލަކީ މިފަދަ އާދައިގެ ކަންކަމާ ގުޅުވައިގެން ދައްކަވާ ވާހަކަތައް ކަމުގައި ހެއްދެވުމުން، އާންމު ރައްޔިތުންގެ މެދުގައި މިހާރު މިކަން ޖޯކަކަށް ވެއްޖެ | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ އިގުތިސާދީ މިސްރާބާއި ސިޔާސީ މައިދާނުގައި މިވަގުތު ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު، އިގުތިސާދު ސިންދަފާތު ނުކުރެވިގެން ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ފަދަ ބޭބޭފުޅުން ވެސް އިގުތިސާދުގެ ހާލަތާ ގުޅިގެން ވާހަކަދައްކަވާ ކޮންމެ ފަހަރަކު އިގުތިސާދު ސިންދަފާތު ކުރާ ވާހަކަ ވިދާޅުވެ އެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވެސް މުނައްވަރު ވިދާޅުވަމުން ގެންދެވީ ހުރިހާ މައްސަލައެއްގެ ހައްލު ގުޅިފައިވަނީ އިގުތިސާދު ސިންދަފާތު ވުމާ ކަމަށެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔައީ އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މައިކާ ހަވާލުވެވަޑައިގެން، ގައުމަށް ގެނެސްދެއްވި ބޮޑެތި ބަދަލުތަކާއި ކާމިޔާބީތަކުގެ ވާހަކަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކަވާނެ ކަމަށެވެ. އެހެން ނަމަވެސް، ހީކުރިގޮތާ މުޅިން ޚިލާފަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އިގުތިސާދުގެ މުހިއްމު، ބޮޑެތި މަޝްރޫއުތަކުގެ ވާހަކަތައް ގޮސް ނިމެނީ ނުވަތަ އަޑުކަނޑައިގެން ދަނީ ވަކި ހިސާބަކުން، ވަކި ޚާއްސަ ބާވަތްތަކެއްގެ ތަރުކާރީ އާއި މޭވާގެ ވާހަކަތަކަކަށެވެ.
މި ސަރުކާރުގެ ފުރަތަމަކޮޅު، ވަޒީރު ސައީދު އިގުތިސާދު ޑައިވަރސިފައި ކުރުމުގެ ނަމުގައި ފެއްޓެވީ ވަރަށް ވެސް ބިޔަ އަދި އަޖައިބު ކުރުވަނިވި މަސައްކަތްތަކެކެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ފެއްޓެވީ ބައިނަލްއަގްވާމީ ބަންކަރިންގ ޚިދުމަތެވެ. ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފަށައި، ކޮންމެ އަހަރަކު ދިވެހި އިގުތިސާދަށް 400 މިލިއަން ޑޮލަރު ވައްދައިދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމުގެ ފެށުމުގައި ސައީދު އައުކުރެއްވީ ބޮޑު އުއްމީދެކެވެ. މިއީ ބޭރު ފައިސާ ހޯދުމަށް އެންމެ ފުރަތަމަ އެޅުއްވި މުހިންމު ފިޔަވަޅު ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ ފަހުން ދެން ފެނިގެންދިޔައީ ބޭރުގެ މުއްސަނދި ޝެއިޚުންތަކެއް އައިސް 800 ބިލިއަން ޑޮލަރުގެ ބިޔަ ވިޔަފާރި މަރުކަޒެއް ގާއިމުކުރުމަށް ކުޅުނު ޑްރާމާގެ މަންޒަރުތަކެވެ. އަދި ހަމައެއާއެކު، އިގުތިސާދު ކޮޅަށްޖެހުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) އުފެއްދުމުގެ މަސައްކަތެވެ. އޭރު ހީކުރެވުނީ ރާއްޖެއަށް ބޭރު ފައިސާގެ ވާރޭ ވެހެން ފެށީ ކަމަށެވެ. މިއީ އިގުތިސާދު ސިންދަފާތު ކުރުމަށް ސައީދު ކުރެއްވި ކަމަށް ވިދާޅުވި މައިގަނޑު ތިން ކަންތައް ކަމުގައިވީ ނަމަވެސް، މިއަދު މި ވާހަކަތައް ސައީދު ހަނދުމަފުޅުނެތިއްޖެ ކަންނޭނގެ އެވެ.
މިއަދު ސައީދުގެ އެންމެ ބޮޑު މައްސަލައަކަށްވެފައި ވަނީ، ކޮންމެ މައުޟޫއަކަށް ވާހަކަ ދެއްކެވި ނަމަވެސް، އެ ވާހަކައެއް ގޮސް ނިމޭ ހިސާބަކީ 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އާއި އިތުރު 23 ބާވަތްތަކެއްގެ ވާހަކައަށް ވުމެވެ. ގައުމުގެ އިގުތިސާދީ މައްސަލަތަކާއި ޑޮލަރުގެ މައްސަލަތަކާއި އާންމު ދިރިއުޅުމުގެ ބޮޑެތި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަން ޖެހިވަޑައިގަންނަވާ ކޮންމެ ފަހަރަކު މި ތަކުރާރުވާ 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އާއި އިތުރު 23 ބާވަތުގެ ވާހަކަ އަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ބޮލުގަރިހުމަކާއި ޖޯކަކަށް ވެއްޖެ އެވެ.
އެގޮތުން މީހަކު މާބަނޑުވިޔަސް، ކުއްޖަކު ހިތާނުކުރިޔަސް، ނުވަތަ ދެމީހަކު ވަރިފަށަށް އެރިޔަސް، ނުވަތަ ކައިވެންޏަކަށް ރަން ކިޔަން އުޅުނު ކަމުގައި ވިޔަސް، މިހާރު އެންމެން ވެސް ދައްކަނީ 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާގެ އާއި އިތުރު 23 ބާވަތުގެ ވާހަކަ އެވެ.
މިނިސްޓަރު ސައީދުމެންފަދަ ބޭފުޅުންގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދީ މައިދާނަކީ މިހާރު ހަމައެކަނި ފައިސާގެ ހިސާބުތަކެއް ދައްކާ ތަނެއް ނޫނެވެ. އެއީ ސިޔާސީ ބޭފުޅުންގެ ބަސްމަގުން އުފެދޭ "ކޮމެޑީ ޝޯއެއް" ނުވަތަ ސަރކަސްއަކަށްވެ ނިމިއްޖެ އެވެ.
ރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ މި ހުރިހާ މައްސަލަތަކަށް ހައްލެއް ހޯދާ ކަމަށްވާ ނަމަ، ރައްޔިތުން މިހާރު ލަފާދެމުންދަނީ އެންމެ ކަމަކަށެވެ. އެއީ 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އާއި އިތުރު 23 ބާވަތުގެ ވާހަކަދެއްކެވުން ހުއްޓާލެއްވުމަށެވެ. ގައުމުގެ ކޮންމެ މައްސަލައަކާ ގުޅިގެން ސައީދު ވާހަކައެއް ދައްކަވާނަމަ، މި ވާހަކަ ނުހިމެނި ނުދެ އެވެ. ސައީދުގެ ނަޒަރުގައި މުޅި އިގުތިސާދު މިހާރު ހިނގަނީ ހަމައެކަނި މި 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އާއި އިތުރު 23 ބާވަތް، ސްޓޮކް މެނޭޖްމަންޓު އުސޫލުން ކަމަށް ވެދާނެ އެވެ. 400 މިލިއަން ޑޮލަރުގެ ބަންކަރިންގެ ހުވަފެނުން ފެށިގެން ގޮސް، 10 ބާވަތުގެ ތަރުކާރީ އާއި 10 ބާވަތުގެ މޭވާ އާއި އިތުރު 23 ބާވަތަށް ގައުމުގެ އިގުތިސާދު ގެންދެވުމަކީ ސައީދުގެ ސިޔާސީ ކެރިއަރުގައި ފެނިގެންދިޔަ އެންމެ ބޮޑު އަދި އެންމެ "ރަހަގަދަ" ޖޯކެވެ!









