ޑޮލަރާ ގުޅޭ ގޮތުން ރާއްޖެޓީވީން ކުރި ސުވާލުތަކުގެ ޖަވާބު ދޭން ނޭނގި މައުޟޫއު އޮޅުވާލައިފި
24 އޯގަސްޓު 2026 | ހޯމަ 09:28ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުގައި ޑޮލަރު ގަންނަ މައްސަލައިގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް މިނިސްޓަރު ސައީދު ސީދާ ޖަވާބެއް ނުދެއްވާ، މައުޟޫއު ވަނީ ބަދަލުކުރައްވާފައި. މީގެ އިތުރުން މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ކަޅުބާޒާރުގެ ވާހަކަ ދައްކާ ކޮންމެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި ކުންފުނިތަކުން އެގޮތަށް ޑޮލަރު ގަންނަ ނަމަ އެކަން ހުއްޓުވާނެ ކަމަށް

27 މާރިޗް 2025 ގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޑޮލަރާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ބައެއް | ރާއްޖެއެމްވީ
ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީން ދެންނެވި ސުވާލުތަކާ ގުޅިގެން ސީދާ ޖަވާބެއް ނުދެއްވި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު މުޅި މައުޟޫއު އެހެން ދިމާލަކަށް އަނބުރާލައްވައިފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ''ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން 27 މާރިޗް 2025 ގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކޮށް ސުވާލު އަމާޒު ކޮށްފަ އެވެ.
އެގޮތުން ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުން ދިޔަކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، ބޭރުފައިސާގެ ގާނޫނުގެ ދަށުން ރައީސް މުއިއްޒަށް ފިޔަވަޅު އަޅުއްވާނެތޯ މިނިސްޓަރާ ސުވާލު ދެންނެވި އެވެ. އަދި ރައީސް ވިދާޅުވި ގޮތަށް ޑޮލަރުގެ އަގު ދަށަށް ދާނެތޯ ވެސް ސުވާލު ދެންނެވި އެވެ.
މިސުވާލުތަކާ ގުޅިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖެޓީވީގެ ސުވާލުތައް ގުޅެނީ ސަރުކާރުން ދައްކަމުންދާ ވާހަކަތަކާ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުގެ ދަރަނީގެ ތަފާސްހިސާބުތައް އަޅާކިޔުއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި 191 މިލިއަން ޑޮލަރު، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 428 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރިއިރު، ރައީސް މުއިއްޒުގެ ސަރުކާރުން 1.3 ބިލިއަން ނުވަތަ 1.29 ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް
މީގެއިތުރުން، ކުރީ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، 8 ބިލިއަން ރުފިޔާ ޗާޕުކޮށް މާކެޓަށް ނެރުނު ކަމަށާއި އާމްދަނީއެއް ނުލިބޭ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ނަތީޖާއާ މި ސަރުކާރުން ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕޭ-ރޯލްގައި ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގާފައިވީ ނަމަވެސް، މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ވަކިކުރަން ބޭނުންނުވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ޕެރަލަލް މާކެޓް ނުވަތަ ކަޅުބާޒާރުގެ ވާހަކައަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، މި މާކެޓުގައި ލައިސަންސް އޮންނަ ފަރާތްތަކާއި ލައިސަންސް ނެތި ވަގަށް މިކަން ކުރާ ފަރާތްތައް އެބަތިބި ކަމަށާއި، އެ ފަރާތްތަކަށް ޑޮލަރު ސޯސްކުރާ ފަރާތްތައް ބަލަމުންދާ ކަމަށެވެ. އަދި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ގެންނަން ބޭނުންފުޅުވާ ސްޓްރަކްޗަރަލް ބަދަލުތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް ވިދާޅުވެ، މައުޟޫއަށް ރުޖޫއަވުމަށް އެދިވަޑައިގެންނެވި އެވެ.
މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަމީރު ވިދާޅުވީ، މީހުން ކުށްވެރިވޭތޯ ކަނޑައެޅުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި އެއީ މަނިޓަރީ ސިޔާސަތު އިމްޕްލިމެންޓްކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަޅުބާޒާރުގައި ޑޮލަރު ގަންނަ ނަމަ، އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވެ، ކަޅުބާޒާރެއް އޮތްކަން އެނގޭ ނުވަތަ އެ ވާހަކަ ދައްކާ ކޮންމެ މީހަކީ ކުށްވެރިއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު އާއި މިނިސްޓަރު ޒަރީރު މިމޭރުމުން ވާހަކަ ދެއްކެވިއިރު، "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން 27 މާރިޗް 2025 ގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރަކީ ސަރުކާރުން ބަލައިގަންނަ އަދި ރަސްމީ މުއާމަލާތްތައް ހިންގަމުން ގެންދިޔަ އެއްޗެއްކަން ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރުގެ ކުންފުނިތަކުން ބްލެކް މާކެޓްގައި ޑޮލަރު ގަންނަން މިހާތަނަށް މިޖެހުނީ އެނގޭތޯ. މިހާރު އެކަމަކު އެކަން ވަރަށް ބޮޑުތަނުން އެވަނީ ހުއްޓިފައި. އަދި މި އަހަރުގެ މެދަކާ ހަމަޔަށްދާއިރު، އެއްގޮތަކަށް ވެސް މި ކިޔާ ޕެރަލަލް މާކެޓޭ ކިޔާ ބްލެކް މާކެޓުންނެއް އެސްއޯއީތަކުން ނުގަންނާނެ ޑޮލަރެއް އެނގޭތޯ. އެއީވެސް ވަރަށް ބޮޑުތަނުން މި ޑޮލަރުގެ ރޭޓު ވެއްޓޭނެ ކަމެއްރައީސް މުއިއްޒު
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭއިން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އަދި މިކުށުގެ އަދަބަކީ ކުށުގެ ކުޑަ ބޮޑު މިނަން ބަލައި، 25،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދޭތެރޭ އަދަދަކުން ޖޫރިމަނާ ކުރުމެވެ.










