އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟
17 އޮކްޓޯބަރު 2026 | ހޮނިހިރު 05:07އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރެއްވި އިބްރާހީމް ނަޒީމް، އައިޑީއެސްގެ އެމްޑީގެ މަގާމުގައި ހުންނަވައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމުން ގާނޫނީ ސުވާލުތަކެއް ވަނީ އުފެދިފައި. އެއްފަހަރާ ދެ މަގާމު ފުރުއްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިއީ ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުތަކާ މެދު ކަންބޮޑުވުން އޮތް ކަމެއް


އިބްރާހިމް ނަޒީމް - އާރުޑީސީގެ އެމްޑީ ކަމުން އޭނާ ވަކިކޮށް މިހާރުވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަނުކޮށްފައި | ސޯޝަލް މީޑިއާ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ނަޒީމް ވަކިކުރެއްވުމަށްފަހު، ޖެހިގެން އައި ދުވަހު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ ހަމަޖެއްސެވިއިރު، އައިޑީއެސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ވެސް ހުންނެވީ އޭނާކަން ހާމަވުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ސުވާލުތަކެއް އުފެދިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، 14 އޮކްޓޫބަރު 2026 ގައި ނަޒީމް އާރްޑީސީގެ އެމްޑީގެ މަގާމުން ވަކިކުރެއްވި އިރުވެސް، ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ބެލޭ ނަޒީމް ހުންނެވީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި 15 އޮކްޓޫބަރު 2026 ގައި، އޭނާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި އިރުވެސް އައިޑީއެސްގެ އެމްޑީގެ މަގާމުގައި އޭނާ ދެމިހުންނެވި ކަމަށް ފެންނަން އޮތެވެ. އެހެންކަމުން މިއީ ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ކަންބޮޑުވުން އުފެދިފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)ގެ ބޯޑް މެންބަރުން | ރާއްޖެ އެމްވީ
މި މައްސަލައާ ގުޅިގެން ގާނޫނީ އަދި އިދާރީ ގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، އެކަކަށް އެއްފަހަރާ ސިޔާސީ މަގާމަކާއި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރެވިދާނެތޯ އާއި، މިއީ ގާނޫނީ ގޮތުން ހުއްދަ ކަމެއްތޯ ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ ނުވަތަ އިދާރީ އެއްވެސް ހުރަހެއް ނެތީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ސަރުކާރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ، އެއްވަގުތެއްގައި ސަރުކާރުގެ އެހެން ސިޔާސީ މަގާމެއް އަދާނުކުރެވޭނެކަން ކަނޑައަޅައި، މަސްލަހަތު ފުށުއެރުން މަނާކުރަނީ ވަކި އެއް ގާނޫނަކުން އެކަންޏެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ކުންފުނީގެ ގާނޫނު އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ގަވާއިދުތަކުގެ މާއްދާތަކުން ބާރުލިބޭ ކަމެކެވެ.
އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންނަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަންކުރާ "ސިޔާސީ އައްޔަންކުރުމެއް" ނުވަތަ ސިޔާސީ ފަންތީގެ މަގާމެކެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 136 ވަނަ މާއްދާ އާއި ކުންފުނީގެ ގާނޫނުގެ ދަށުން، މަސްލަހަތު ފުށުއެރުމުގެ އުސޫލުން ސަރުކާރު ކުންފުންޏެއްގެ އެމްޑީއަކަށް ހުރެ ސަރުކާރުގެ އެހެން ސިޔާސީ ވަޒީފާއެއް އަދާނުކުރެވޭނެ އެވެ. އެއް މަގާމުން ވަކިވާންޖެހޭނެ އެވެ.
މީގެއިތުރުން، މިފަދަ ދެ ބުރަ މަސްއޫލިއްޔަތެއް އެއްފަހަރާ އަދާކުރާއިރު، ތަފާތު ދެ މުއައްސަސާއަކަށް ފުރިހަމައަށް ޚިދުމަތްދީ، ދެ އިދާރާއަކަށް ޒިންމާދާރުކަމާއެކު ޖަވާބުދާރީވާނީ ކިހިނެއްތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އާރްޑީސީގައި ނަޒީމް ދެއްކެވި މަސައްކަތުގެ ނަތީޖާ އެކަށީގެންނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާއިރު، ސްޓޭޓް މިނިސްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން އިތުރު ކުންފުންޏެއް ހިންގެވުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުންނާނެ ކަމަށް ސަރުކާރުން ނިންމީ ކޮން އުސޫލަކުންތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
މި ހާލަތުގެ ސަބަބުން ސަރުކާރު ޖަވާބުދާރީވުމާއި، ކަންކަން ހިންގުމުގައި ދެފުށް ފެންނަ މިންވަރާއި، ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ އުސޫލުތަކާ މެދު ވަނީ ސީރިއަސް ސުވާލުތަކެއް އުފެދިފަ އެވެ. ވަކިން ހާއްސަކޮށް، ރައްޔިތުންގެ ޓެކްސް ފައިސާ މިފަދަ ގޮތްގޮތަށް ބޭނުންކުރެވެމުންދާ ދިއުމާމެދު ސަރުކާރުން ރައްޔިތުންނަށް ސާފު ޖަވާބެއް ދޭންޖެހޭނެ ކަމަށް އާންމުން ދެކެއެވެ.
ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ފެނަކަ އާއި އާރްޑީސީ އެހެން ކުންފުނިތަކާ އެއްކޮށްލުމަށްފަހު އުވާލުމަށް ނިންމަވާފައިވާކަން، މިދިޔަ ސެޕްޓެމްބަރު 7 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
ދައުލަތާއި ސަރުކާރުގެ މަގާމުތަކަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮންނަ ބޮޑެތި ޒިންމާތަކަށްވާއިރު، އެއީ އެއްފަހަރާ އެކަކަށް ފުންޏަކަށް ދޭން އޮންނަ އިމްތިޔާޒުތަކެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މިފަދަ ގޮތަކަށް މަގާމުތައް ބަހާލެވިގެން ދިއުމަކީ، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި، ސީރިއަސްކޮށް ބަލައިގަންނަންވެސް ދަތި ކަންތައްތަކެކެވެ. މިކަންކަން މިހެން ހިނގަމުންދާއިރު އެތައް ބައެއްގެ ސުވާލަކަށް ވެފައިވަނީ މިއީ ކިހިނެއް ހިނގާ ސަރުކާރެއް ހެއްޔެވެ؟











