ރައީސަށް އަމާޒުކޮށް އަބުރު ކަތިލާއިރު މުއައްސަސާތައް ހިމޭނުން އޮންނާތީ މެންބަރު ޝަރީފްގެ ފާޑުކިޔުން!
12 އޮކްޓޯބަރު 2026 | ހޯމަ 08:44ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއާއި އާންމު ރައްޔިތުންގެ އަބުރު ކަތިލަމުންދާއިރު، އެކަން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުން ފިޔަވަޅު ނާޅާތީ މެންބަރު ޝަރީފު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މީހުންގެ އިއްޒަތާއި އަބުރު ރައްކާތެރިކޮށްނުދެވޭނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުތަކެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި، ދައުލަތް ހިމާޔަތްކުރުމަކީ ހުރިހާ މުއައްސަސާތަކެއްގެ މަސްއޫލިއްޔަތެއްކަން އޭނާ ފާހަގަކުރެއްވި


ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާއަކީ ޔަހޫދީއެއް ނުވަތަ ނަޞާރާއެއް ކަމަށް ބުނެ، އެމަނިކުފާނާއި އެހެން ރައްޔިތުންގެ ވެސް އިއްޒަތާއި އަބުރު ކަތިލަމުންދާއިރު ދައުލަތުގެ މުއައްސަސާތަކުން އެކަންކަން ހުއްޓުވަން ފިޔަވަޅު ނާޅާ ކަމަށް ވިދާޅުވެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝަރީފު ވަނީ ސޯޝަލް މީޑިއާގައި އެއްވެސް އަސާސެއް ނެތް ޔޯލަ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، މީހުންގެ އަބުރު ކަތިލައި ސުންނާފަތި ކުރަމުންދާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުތަކެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ އުފައްދަވާފަ އެވެ.
މިހާރު ހެދިފައިވާ ގާނޫނުތަކަށް އިޝާރާތް ކުރައްވައި މެންބަރު ޝަރީފު ވިދާޅުވީ، އެ ގާނޫނުތަކުގެ ތެރެއިން ވެސް އެފްއޭއެމްގެ ވެރިއެއްގެ މުދާ ހިފެހެއްޓުމާއި، ކޭ-ޕާކް ކުންފުންޏާ ގުޅުންހުރި މުދާތައް ހިފެހެއްޓުން ފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުތައް ފަރުމާކުރާއިރު އެންމެ ދިމާލަކަށް އިނގިލި ދިއްކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން އަދުލުއިންސާފު ގާއިމުކުރުމާއި ވެރިކަން ހިންގުމުގެ ބާރުގެ ތެރެއިން ހުރިހާ މުއައްސަސާތަކެއްގެ ކޮނޑުގައި ވެސް ދައުލަތް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ކަމަށް މެންބަރު ޝަރީފު ވިދާޅުވި އެވެ. ހުރިހާ މުދަލަކާއި އެހެނިހެން ކަންކަމަށް ވުރެ ބޮޑަށް މީހުންގެ އިއްޒަތާއި އަބުރު ރައްކާތެރިކުރުން މާ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި މިނިވަންކަމުގެ ހައްގުގެ ނަމުގައި ހިންގާ އަމަލުތަކަށް އިޝާރާތްކުރައްވައި މެންބަރު ޝަރީފު ވިދާޅުވީ، ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ބެލުމެއް ނެތި ރައީސުލްޖުމްހޫރިއްޔާއަކީ ޔަހޫދީއެއް ނުވަތަ ނަޞާރާއެއް ކަމަށް ބުނެ އަދި އެހެން މީހުންގެ އަބުރު ވެސް ކަތިލަމުންދާ ކަމަށެވެ.
މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޔަހޫދީއަކަށް ހަދާތަން. އަޅުގަނޑުމެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ނަޞާރަނީއަކަށް ހަދާފާނެ. އަޅުގަނޑު ހަދާފާނެ. ވަށައިގެންޖެހޭ އެއްވެސް ކަމަކަށް ބިނާ ނުކޮށް ޔޯލަޔޯލަ ވާހަކަތަކުގެ މައްޗަށް ސޯޝަލް މީޑިއާގައި އެ މީހަކާ އެ މީހަކު އެ އަމިއްލައަށް ލިބިފައިވާ މިނިވަންކަމުގެ ހައްގޭ ކިޔާ ބަހައްޓާފައި އަނެކާގެ އިއްޒަތާއި އަބުރު ކަތިލާ ސުންނާފަތިކޮށްލާފައި ނޮޅާލާއިރުގައި ކީއްކުރާ ޖިނާޢީ އިޖުރާއަތުގެ ގާނޫނުތަކެއްތޯ މިއީމެންބަރު ހުސެއިން ޝަރީފު
މެންބަރު ޝަރީފު ވިދާޅުވީ، މީހެއްގެ އިއްޒަތާއި އަބުރު ހިމާޔަތްކޮށްނުދެވޭ ދައުލަތެއްގެ ތެރޭގައި އެހެން ކަންކަމަށް ގާނޫނުތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުން ކުރަނީ ކޮން ކަމެއްތޯ ވެސް މެންބަރު ޝަރީފު ވަނީ މަޖިލީހުގައި ސުވާލު ކުރައްވާފަ އެވެ.










