ފުއްގިރި ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅީ ކޮން ތާރީޚެއްގައިކަމާއި ކާކުކަން އެނގޭނެ ލިޔެކިޔުން ދައުލަތަށް ދެއްކިފައި ނެތް, ކްރިކްގެ ދައުވާތައް ވެސް ފައިލްކުރީ އާދަޔާ ޚިލާފު ގޮތަކަށް: ދިފާއުގެ ޚުލާސާ ބަޔާން
13 އޮކްޓޯބަރު 2026 | އަންގާރަ 10:07ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން އެމަނިކުފާނު ބަރީޢަ ކުރުމަށް ދިފާއުން ކޯޓުގައި އެދިއްޖެ. ދިފާއީ ޚުލާސާ ބަޔާން އިއްވަމުން ވަކީލުން ވިދާޅުވީ، މި މައްސަލައިގައި ދައުވާ ލިބޭ ސަން ކުންފުނިތަކުގެ ކުށް ސާބިތުނުވި ނިންމުން ދައުލަތުން އިސްތިއުނާފު ނުކުރުމާއި، އަހުމަދު ކްރިކް ރިޒާގެ ދައުވާތައް އަނބުރާ ގެންދިއުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް. އެހެންކަމުން، ރައީސް ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ދައުވާތައް ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް ދިފާއުން ވަނީ އެދިފައި


ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގެ ތެރެއިން | ރާއްޖެއެމްވީ
ފުއްގިރި ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅީ ކޮން ތާރީޚެއްގައިކަމާއި، ކާކުކަން އެނގޭނެ ލިއެކިއުން ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި، އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ދިފާއުން ކޯޓުގައި ބުނެފި އެވެ.
ދިފާއުން އެހެން ބުނެފައިވަނީ ރ. ފުއްގިރި މައްސަލައިގައި ދިފާއުގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމުގަ އެވެ.
ކްލެސިކް ސިޓީއަށް ނުޤަވާއިދުން ރަށެއް ދީފައިވާނަމަ، އެ ރަށެއް އަނބުރާ ހޯދައި އަތުލުމަށް ދައުލަތުން މަސައްކަތެއް ކޮށްފައިވޭތޯ ވެސް ދިފާއުން ވަނީ ސުވާލު އުފައްދާފަ އެވެ. އެގޮތުން އެކަން ވެސް ސާފު ނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
ނުވިތާކަށް، ރައީސް އަބްދުﷲ ޔާމީނާއެކު ދައުވާއާ ގުޅޭ މުއާމަލާތް ކުރިކަމަށް ބުނާ، ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތު ނުވި ނިންމުން ވެސް ދައުލަތުން އިސްތިއުނާފު ކޮށްފައިނުވާކަން ދިފާއީ ވަކީލު ވަނީ ފާހަގަކުރައްވާފަ އެވެ.
ދައުލަތުން އެންމެ ފުރަތަމަ މި މައްސަލައިގެ ދައުވާތައް ހުށަހެޅިއިރު ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.
ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއްކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން އޭރު ހުށަހެޅި ދައުވާތަކުގައި ބުނެފައިވެ އެވެ.
ދިފާއުން ފާހަގަކުރި ގޮތުގައި ކްރިކް ރިޒާގެ ދައުވާތައް ދައުލަތުން އަނބުރާ ގެނެސް، މައްސަލަ ފައިލްކުރީ "އާދަޔާ ޚިލާފު" ގޮތަކަށެވެ. އަދި އެކަމުގައި އަމަލުކޮށްފައިވަނީ ވެސް ޝައްކުތައް އުފެދޭ ގޮތަކަށެވެ.
ތަހުގީގުގެ ބޭރުން އޭރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯއެއް އޭގެ ކުރިން ލީކުވެފައިވާއިރު، އެ އޯޑިއޯ ތަހުލީލުކުރުމަށް ފުލުހަށް އެންގި ނަމަވެސް ޕީޖީން ބޭނުންވާ ވަރަށް ތަހުލީލުނުކުރެވޭނެކަން އެނގިފައިވާކަމަށް ދައުލަތުން މީގެ ކުރިން ކޯޓުގައި ބުނެފައިވެ އެވެ.
އޭގެ ފަހުން ޕީޖީ އޮފީހުން ވަނީ އެ އޮފީހުގެ ކުރީގެ ނިންމުންތައް ރިވިއުކުރަން އާންމުކޮށް ހުޅުވާލާފަ އެވެ. އަދި އެ ފުރުސަތުގައި ރިޒާ ވަނީ އޭނާގެ މައްސަލަ އަނބުރާ ގެންދަން އެދި ހުށަހަޅައިފަ އެވެ. ޕީޖީން މައްސަލަ ރިވިއުކުރުމަށް ފަހު ނިންމީ ވެސް އެ ގޮތަށެވެ.
އޭރު ރިޒާގެ މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއްކަމަށް ދައުލަތުން ބުނެފައި އޮތީ މައްސަލާގައި ވަރަށް ބޮޑު ލަސްކަމެއް (އަންޑިއު ޑިލޭއެއް) އުޅޭކަމަށް ބުނެ އެވެ.
ދިފާއުން ވަނީ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ 2 ދައުވާއިން ވެސް އެމަނިކުފާނު ބަރީޢަވެފައިވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމު އެވެ.










