ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން އިސްތިއުނާފު ނުކުރަން ނިންމީ ނުކުންނާނެ އިތުރު ނަތީޖާއެއް ނެތީމަ: ޕީޖީ
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 09:34ރ. ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމީ، އެ ނިންމުން ބަދަލުކުރެވޭނެ ފަދަ ގާނޫނީ ބުރަދަނެއް ހުރި ކަންކަން ފާހަގަނުކުރެވޭތީކަމަށް ބުނެ. މި މައްސަލައިގައި ހިމެނޭ ކުންފުނިތަކުގެ ބައި ވަކިކޮށް ކުރިއަށް ގެންގޮސް ހުކުމް އިއްވިއިރު، ކުރީގެ ރައީސް ޔާމީންގެ ބައި އަދިވެސް އޮތީ ކޯޓު މަރުހަލާގައި


ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް | ރާއްޖެއެމްވީ
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ދައުލަތުން މިގޮތަށް ނިންމާފައިވާކަން ހާމަވެފައިވަނީ "ދައުރު" ނޫހުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރްޓީއައި) ދަށުން ހުށަހެޅި ސުވާލަކަށް ޕީޖީ އޮފީހުން ދިން ޖަވާބަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މި ދެ ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.
އެ ހުކުމް އިސްތިއުނާފު ނުކުރަން ނިންމި ސަބަބާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ، އެ މައްސަލަ އިސްތިއުނާފު ކޮށްގެން ދަށު ކޯޓުގެ ނިންމުމުގެ ނަތީޖާ ބަދަލުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް ހުރި ކަމަށް އެ އޮފީހަށް ނުފެންނަ ކަމަށެވެ.
ޕީޖީ އޮފީހުން ދިން ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ ނިންމުން ދިރާސާކުރިއިރު، މަތީ މަރުހަލާގެ ކޯޓަކުން އެ ނިންމުން ބަދަލުކޮށްފާނެ ފަދަ ގާނޫނީ ބުރަދަނެއް ހުރި ކަންކަން ފާހަގަކުރެވިފައެއް ނުވެ އެވެ. އެހެންކަމުން، އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިއިރުވެސް ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. މިއީ މި މައްސަލައިގައި ހިމެނޭ ކުންފުނިތަކުގެ ބައިގައި ދައުލަތުން ނިންމި ނިންމުމެކެވެ.
ފުއްގިރި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ދައުވާ އުފުލާފައިވާ މައްސަލައެކެވެ. އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. މި މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށްދާއިރު، ސަން ކުންފުނިތަކުގެ ބައި ވަކިކޮށް ކުރިއަށް ގެންގޮސް ހުކުމް އިއްވީ އެ ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.
ދައުލަތުން މީގެ ކުރިން ބުނަމުން އައީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ސަން ކުންފުނިތައް މެދުވެރިކޮށް ލޯންޑަރ ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކޯޓުގެ ނިންމުމާއެކު އެ ތުހުމަތުތަކުން އެ ކުންފުނިތައް ވަނީ ބަރީއަވެފަ އެވެ.











