އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!
9 ސެޕްޓެމްބަރު 2026 | ބުދަ 09:17ރާއްޖޭގެ ކަނޑުގެ ސަރަހައްދީ މައްސަލަ ހައްލުކުރުމަށް އުފެއްދި އޮފީހުގެ އިސްވެރިޔާ އާޒިމާ ޝުކޫރުގެ ސިޔާސަތުތައް ފެއިލްވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލަދުވެތިކަމާ ކުރިމަތިލާން ވަނީ ޖެހިފަ. މީގެ ކުރިން ޖީއެމްއާރު އެއްބަސްވުން އުވާލުމުގައި އާޒިމާ ދެއްވި ގާނޫނީ ލަފާގެ ސަބަބުން ދައުލަތުން ބޮޑު ބަދަލެއް ދައްކަންޖެހުނުއިރު، މިހާރުގެ ނިންމުންތަކުން ވެސް ގައުމީ މަސްލަހަތަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން.


ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އާއިލާގެ ވަކީލު އާޒިމާ ޝަކޫރު | ޕީއެންސީ
އާއިޝަތު އާޒިމާ ޝުކޫރުގެ ސިޔާސީ އަދި ގާނޫނީ ހަޔާތުން ފެންނަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސިޔާސީ ނުފޫޒުގައި ޖެހި ނުވިސްނޭ ނިންމުންތަކެއް ނިންމުމުގެ ސަބަބުން ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހުނު މަންޒަރެވެ. ޚާއްސަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޚާރިޖީ ސިޔާސަތު ހިންގުމުގައި އޭނާ ހަވާލުވެހުންނެވި މަސްއޫލިއްޔަތުތަކާއި، މާޒީގައި ނިންމާފައިވާ ނުރަނގަޅު ނިންމުންތަކަކީ ދިވެހި ދައުލަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކަންކަމެވެ. މިއަދު ފެންނަމުން ދަނީ ދިވެހިރާއްޖޭގެ ސަރަހައްދީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އުފެއްދި ޚާއްސަ އޮފީހުގެ އިސްވެރިއެއްގެ ހައިސިއްޔަތުން އާޒިމާއަށް ލިބުނު ފުރަތަމަ ބޮޑު ފުރުސަތު ނާކާމިޔާބީއަކަށް ބަދަލުވެ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަށް ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިފައިވާ މަންޒަރެވެ.
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ދިވެހި ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު މި އަހަރުގެ އެޕްރީލް މަހު ޚާއްސަ އޮފީހެއް އުފައްދަވައި، އެ މަގާމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝުކޫރު ވަނީ އައްޔަނުކުރައްވާފަ އެވެ. މި އޮފީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ހިލާފުތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ މަސައްކަތްކުރުމާއި، ކޯޑިނޭޓްތައް ކަނޑައަޅައި ބައުންޑަރީ މެޕްތައް އެކުލަވާލުމެވެ. ނަމަވެސް، މި މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އާޒިމާ ކުރެއްވި މަސައްކަތްތައް ވަނީ ބޮޑުތަނުން ފެއިލްވެފަ އެވެ.
ރާއްޖޭގެ ސަރަހައްދުން އެއްވެސް މިންވަރެއް ދޫކޮށްނުލާނެ ކަމަށް ވިދާޅުވެ ޕޯޑިއަމްތަކުގައި ސަރުކާރުން އަޑަށް ބާރުލާފައި ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅާ ގުޅިގެން ކަން ހިނގައިދިޔަ ގޮތުން ހަމަ ހަގީގަތުގައި ވެސް ލަދުން ބޯ ހަލާކު ވެއްޖެ އެވެ. ސިޓީ ފޮނުއްވިތާ 24 ގަޑިއިރުވެސް ނުވަނީސް އިނގިރޭސިވިލާތުން ވަނީ އެއީ ރާއްޖެއާ ބެހޭ ކަމެއް ނޫން ކަމަށާއި، އެ މައްސަލަ އިން ދުރުގައި ތިބުމަށް ރާއްޖެއަށް ނުސީދާ ކޮށް އަންގާފަ އެވެ. މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބަލިކަށިކަމާއި، އެކަށީގެންވާ ސްޓްރެޓެޖީއެއް ނެތްކަން ހާމަވެގެންދިޔަ ކަމެކެވެ.
އާޒިމާ އަމިއްލައަށް ކުރިން ވިދާޅުވެފައިވާ ފަދައިން، ޚާރިޖީ ސިޔާސަތަކީ ޕޯޑިއަމްތަކުގައި ދައްކާ ހުސް ވާހަކަތަކަކަށްވެ، ގައުމީ މަސްލަހަތު ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހައްގުތައް ހޯދުމަށް ތައުލީމީ އަދި ގާބިލު މީހުން ސްޓްރެޓެޖިކް ރޫމްތަކުގައި މަސައްކަތްކުރަންޖެހޭ ކަމަށް އާޒިމާ ވިދާޅުވި ނަމަވެސް، އޭނާ ގެ އަމިއްލަ ބެލެމުގެ ދަށުން ހިންގި މި މައްސަލައިގައި ލިބުނު ނާކާމިޔާބީއައި އެކު މިވަނީ އޭނާ ގެ ގާބިލިއްޔަތާމެދު އަނެއްކާ ވެސް ސުވާލު އުފައްދަން ޖެހިފަ އެވެ. އާޒިމާގެ ނާގާބިލުކަން ހަމައެކަނި މި ކަމަކުން ނިމިގެން ނުދާއިރު، އޭނާ ގެ ސިޔާސީ އަދި ގާނޫނީ ހަޔާތުން ފެންނަ އެންމެ ބޮޑު އެއް ކަޅު ތާރީޚަކީ މާޒީގައި ހިނގި ޖީއެމްއާރް ގެ އެއްބަސްވުން އުވާލުމުގެ މައްސަލަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އާޒިމާ ބަންޑާރަނައިބަކަށް ހުންނަވައިގެން ޖީއެމްއާރް އާއެކު އޮތް އެއްބަސްވުމަކީ އުފެދުނުއިރުވެސް ބާތިލު އެއްޗެއް ކަމަށް ނިންމައި، ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ގެންދިޔައީ އާޒިމާ ދެއްވި ގާނޫނީ ލަފާތަކުގެ ސަބަބުންނެވެ. އޭރު އާޒިމާ ޔަގީންކަމާއެކު ވިދާޅުވެފައިވަނީ ސިންގަޕޫރަށް ދިޔަ ނަމަވެސް ޖީއެމްއާރަށް އެއްވެސް ބަދަލެއް ނުވަތަ ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ނިންމުމުގެ ނަތީޖާއަކަށްވީ ދިވެހި ދައުލަތް ބޮޑު ދަރަންޏަކަށް ވެއްޓި، ރައްޔިތުންގެ ބޮލުގައި ފޫނުބެއްދޭވަރުގެ ދަރަންޏެއް އެޅިގެން ދިޔުމެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން މައްސަލަ ނިންމީ ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަންޖެހޭ ގޮތަށެވެ. ގައުމުގެ އިގްތިސާދަށް އޭގެ ސަބަބުން ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުންތަކުގެ ފުރިހަމަ ޒިންމާ، އޭރުގެ ލީގަލް އެފެއަރޒް މިނިސްޓަރާއި ބަންޑާރަނައިބުގެ ހައިސިއްޔަތުން އާޒިމާ ނަންގަވަންޖެހޭނެ ކަމަށް ގިނަ ބަޔަކު އަދިވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މިހާރު ޗާގޯސް މައްސަލައިގައި މި ސަރުކާރުން ގެންގުޅުނު ނާގާބިލު ސިޔާސަތާއި، މާޒީގައި ޖީއެމްއާރް މައްސަލައިގައި ނިންމި ގޯސް ނިންމުންތަކަކީ އާޒިމާ ޝުކޫރުގެ ގާނޫނީ އަދި ސިޔާސީ މަސައްކަތްތައް މުޅިން ފެއިލްވެފައިވާކަން ވަރަށް ސާފުކޮށް އަންގައިދޭ ހެކިތަކެކެވެ. ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި ވެރިކަމުގެ މަގާމުތަކަށް ވަޑައިގެން، ސްޓްރެޓެޖީއެއް ނެތި ކުރައްވާ ކަންކަމުގެ ސަބަބުން އަބަދުވެސް ގެއްލުން ލިބެމުންދަނީ ދިވެހި ގައުމަށާއި ރައްޔިތުންނަށެވެ.









