އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި
13 އޮކްޓޯބަރު 2026 | އަންގާރަ 05:54އިންޑިއާގެ ލަކީ ގްލޯބަލް ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހުށަހެޅި މައްސަލައިގައި، އާރުޑީސީން ދަރަންޏަށް އިއުތިރާފުވި ނަމަވެސް ފައިސާ ބަހާލައިގެން ދެއްކުމަށް އެ ކުންފުނިން އެދުނު ފުރުސަތު ކޯޓުން ނުދިން. އެހެންކަމުން، މާލީ ދަތިތަކާ ހުރެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުނު ކަމަށް ބުނާ އާރުޑީސީގެ މައްޗަށް ސިވިލް ކޯޓުން މިހާރު ވަނީ އެ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކުރުމަށް އަމުރުކޮށްފައި


އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރި އިބްރާހީމް ނަަޒީމް | ފޭސްބުކް
އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏަށް ދައްކަން ޖެހޭ 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް ނެރުއްވީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޟް ޝާތިރު އެވެ.
މިއީ 2023 ވަނަ އަހަރު ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ލަކީ ގްލޯބަލް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ފައިސާ ދެއްކުމާ ގުޅޭގޮތުން ދެ ކުންފުނީގެ މެދުގައި މި އަހަރުގެ ތެރޭގައި ތިން ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައިވާ ކަމަށް މައްސަލައިގައިވެ އެވެ.
ނަމަވެސް އާރުޑީސީން އެ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަން މައްސަލައިގެ ތަފްސީލުތަކުން ހާމަވެ އެވެ. މައްސަލައިގެ ޝަރީއަތުގައި އާރުޑީސީން ވަނީ ލަކީ ގްލޯބަލްއަށް ދައްކަން ޖެހޭ ފައިސާއަށް އެއްބަސްވެފައިވާ ކަމަށް ބުނެފަ އެވެ.
އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފައިވެ އެވެ. މި ސަބަބާ ހުރެ އާރުޑީސީން ކޯޓުގައި އެދުނީ އެ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށެވެ.
ނަމަވެސް އާރުޑީސީން އެދުނު ގޮތަށް މަހުން މަހަށް ފައިސާ ބަހާލުމަށް ލަކީ ގްލޯބަލް ކުންފުނިން އިއުތިރާޒުކުރި އެވެ. އެ ކުންފުނިން ކޯޓުގައި އެދުނީ ޝަރީއަތުގެ އިތުރު އަޑުއެހުމަކަށް ނުގޮސް، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގައި ކޯޓުން ނިންމީ ލަކީ ގްލޯބަލް ކުންފުނީގެ ފަރާތުން އެދުނު ގޮތަށް ފައިސާ އެއްފަހަރާ ދެއްކުމަށް އާރުޑީސީގެ މައްޗަށް ހުކުމްކުރުމަށެވެ. މި ހުކުމާ އެކު އާރުޑީސީން 11.7 މިލިއަން ރުފިޔާގެ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ޖެހިފައިވާއިރު، އެފަދަ އެތައް ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރިކަން ފާހަގަކުރެވެ އެވެ.










