މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ކޯޓަށް ހުށަހަޅައިފި
28 އޮކްޓޯބަރު 2026 | ބުދަ 07:39މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ސަރުކާރަށް ނަގަން އުޅޭ ކަމަށް ބުނެ، އެ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ކައުންސިލުން ވަނީ އެދިފައި. ކައުންސިލުން ފާހަގަކުރާ ގޮތުގައި މި ބިންތަކަކީ މިސްކިތްތައް ބެލެހެއްޓުމާއި އިދާރީ ހިންގުމަށް ބޭނުންވާ އާމްދަނީ ހޯދާ ބިންތަކަށް ވާއިރު، މަޝްވަރާ ކުރުމެއް ނެތި ބިންތައް އަތުލުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ކަމެއް


މާލެ ސިޓީ ކައުންސިލް ޖަލްސާގެ ތެރެއިން | ސޯޝަލް މީޑިއާ
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅައި، ބިމާ ގުޅޭ ގާނޫނުތަކުގައި މިފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިނުވާކަން ބާޔަންކޮށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާކަން ކައުންސިލުން ހާމަކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.
މި މައްސަލައިގައި ކައުންސިލުން ފާސްކުރި ގަރާރުގައި ފާހަގަކޮށްފައިވަނީ، އެ ބިންތައް އަތުލުމަށް މިނިސްޓްރީން އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކަށް ހަވާލާދީ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކައުންސިލަށް ދީފައިވީ ނަމަވެސް، ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައި ނުވާ ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވީ ނަމަވެސް، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތްތަކެއް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން ބިމެއް ވަކިކުރުމުގެ ކުރިން އެ މަޝްރޫއަކާ ގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކޮށް، ކައުންސިލްގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ކައުންސިލްގެ އިހުތިސާސުން ވަކިކުރާ ބިމެއްގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުގެ ތަފްސީލުތައް އާންމުކުރަންޖެހޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް، ހައުސިންގ މިނިސްޓްރީން މި 14 ބިން އަތުލުމަށް ނިންމީ، އެ ބިންތަކުގައި ހިންގާނެ މަޝްރޫޢުތަކުގެ ނަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ހާމަކުރުމެއް ނެތި އަދި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެވެ.
ސަރުކާރުން އަތުލުމަށް ނިންމާފައިވާ މި ބިންތަކަކީ މާލޭ ސިޓީ ކައުންސިލަށް މިހާރުވެސް އާމްދަނީ ލިބެމުންދާ ބިންތަކެކެވެ. މި ބިންތަކުން ލިބޭ ފައިސާއަކީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށާއި، ކައުންސިލްގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރާ ފައިސާ ކަމަށްވުމުން، މި ބިންތައް އަތުލުމަކީ ކައުންސިލަށް ލިބޭ މާލީ މަންފާތައް ގެއްލި، ކައުންސިލް ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ކައުންސިލުންވެސް ވަނީ ފާހަގަކޮށްފަ އެވެ.










