އާރް.ޑީ.ސީގައި އުސޫލުން ބޭރުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ
16 ނޮވެމްބަރު 2026 | ހޯމަ 07:01އާރްޑީސީގެ އެމްޑީ އިބްރާހީމް ނަޒީމްގެ ބެއްލެވުމުގެ ދަށުން، ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޝަރުޠު ހަމަނުވާ 20 މުވައްޒަފަކަށް ނާޖާއިޒު ގޮތުގައި މަޤާމުގެ ކުރިއެރުން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ. ބޯޑުގެ ހުއްދަނެތި ހިންގި މި އަމަލުތަކުގެ ސަބަބުން އެހެން ކުންފުނިތަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާތީ، މިކަން ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން އދ. ކުނބުރުދޫގައި ޤާއިމުކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | އާރްޑީސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) ގެ ހިއުމަން ރިސޯސް (އެޗް.އާރް) އުސޫލުތަކާ ޚިލާފަށް އަދި ބޯޑުގެ ހުއްދައެއް ނެތި، ޝަރުޠު ހަމަނުވާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ނާޖާއިޒު ގޮތުގައި މަޤާމުގެ ކުރިއެރުން ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލައިގެ ތަފްސީލު އެނގޭ ފަރާތަކުން މި ނޫހާ ހިއްސާ ކުރި ރިޕޯޓެއްގައިވާ ގޮތުން، މި އަމަލުތައް ހިންގާފައިވަނީ 31 ޖުލައި 2025 ގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި އިބްރާހީމް ނަޒީމްގެ ބެއްލެވުމުގެ ދަށުންނެވެ. ނަޒީމަކީ މީގެ ކުރިން 2018 ވަނަ އަހަރު، އުވާލެވުނު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) ގެ ވެސް މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިބްރާހިމް ނަޒީމް އާރް.ޑީ.ސީގެ އެމް.ޑީ ކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމް.އާރް.ޑީ.ސީން ބަދަލުވި މުވައްޒަފުންނާއި އޭނާ ބޭނުންވާ ވަކި ބަޔަކަށް ވަކި ފަރާތަކަށް ޖެހިގެން ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މިގޮތުން، އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ނެތް ގާތްގަނޑަކަށް 20 މުވައްޒަފަކަށް، ކުންފުނީގެ އެޗް.އާރް އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް އަދި ބޯޑުގެ އެން.އާރް (ނޮމިނޭޝަން އެންޑް ރިމިއުނަރޭޝަން) ކޮމިޓީގެ އެއްވެސް ހުއްދައެއް ނެތި ބޮޑެތި ކުރިއެރުންތަކެއް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަދި މިކަމުގެ ހެއްކެއްގެ ގޮތުން ޕްރޮމޯޝަން ދިން މުވައްޒަފުންގެ ލިސްޓު ވެސް ހިމަނާފައިވާއިރު، އޭގެ ތެރެއިން ގިނަ ފަރާތްތަކަކީ އެ މަޤާމުތަކުގެ އަސާސީ ޝަރުޠު ވެސް ހަމަނުވާ މީހުންކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށް ވެއެވެ.
މި މައްސަލަ އިތުރަށް ސީރިއަސްވެގެން ގޮސްފައިވަނީ، މިހާރު މި މުވައްޒަފުންނަށް އާރް.ޑީ.ސީން ދީފައިވާ ވަޒީފާގެ ދަރަޖައަށް ބަލައި، އެމް.ޓީ.ސީ.ސީ އިން ވެސް އެ މީހުންގެ ވަޒީފާ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާތީ އެވެ. މިކަމުގެ ސަބަބުން މި މައްސަލައިގެ އަސަރު އެހެން ކުންފުނިތަކަށް ވެސް ފޯރަމުންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ފެންމަތިކުރި ފަރާތުން ބުނެފައިވަނީ، މިއީ ކުންފުނީގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ހާމަކޮށް ކުންފުނި ހަލާކުވުމުން ސަލާމަތްކުރުމަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން، އުސޫލުތަކާ ޚިލާފަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައިވާ ކުރިއެރުންތަކުގެ މައްސަލަ މިނިވަންކަމާއެކު ތަހުގީގުކޮށް، މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމާއި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތައް ޒިންމާދާރުކުރުވުމަށް ވަނީ ގޮވާލާފަ އެވެ. އަދި ކުންފުނީގެ އެޗް.އާރް ނިޒާމު ހަރުދަނާކޮށް، ނުޙައްޤުން މުވައްޒަފުންނަށް ދީފައިވާ މަންފާތައް ބާތިލުކޮށް އިސްލާހުކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އާރްޑީސީ ގައި މި މައްސަލަ ފެންމަތިވެފައިވާއިރު، ސަރުކާރުގެ އެހެން ކުންފުނިތަކާއި އޮފީސްތަކުގައި ވެސް ކަރަޕްޝަންގެ އެތައް މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތައް ވަނީ ނުކުޅެދިފަ އެވެ.











