ހުކުމުގައިވާ ލޯނަކީ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން މަތިކުރި މި ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސްކުރާނަން: ޝަމްހީދު
12 ނޮވެމްބަރު 2026 | ބުރާސްފަތި 08:14އެމްއައިބީން ޑުޕްލެކްސް ކުންފުންޏަށް ދޫކުރި ލޯނަކަށް ގެރެންޓީ ދިނުމާ ގުޅިގެން، ސިވިލް ކޯޓުން ދެއްކުމަށް ހުކުމްކުރި ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ދެއްވައިފި. މިއީ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫން ނަމަވެސް، ގާނޫނީ ޒިންމާ އަދާކުރައްވާނެ ކަމަށާއި މި މައްސަލައިގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރައްވާ


އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ލޯނަކީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން މަތިކުރި މި ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސްކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެމްއައިބީ އިން ޑުޕްލެކްސް ކުންފުންޏަށް ދޫކޮށްފައިވާ ފަސްލައްކަ އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކަށް އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމުން އެ ބޭންކުން ކުރި ދައުވާ ސާބިތުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި ހުކުމުގައި ލޯނުގެ ބާކީ ހުރި 36،647.76 އެމެރިކާ ޑޮލަރާއި، ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ކޮންމެ މަހަކު އަރަމުންދާ ޖޫރިމަނާ އަދި ޗެރިޓީއަށް ވާ ފައިސާ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މި ހުކުމްކޮށްފައިވަނީ ޑުޕްލެކްސް ކުންފުންޏާއި އެ ލޯނަށް ގެރެންޓީ ދިން ޝަމްހީދު ހިމެނިވަޑައިގަންނަވާހެން ފަސް މީހުންގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާ އެކު ވިޔަފާރި ކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. މި ލޯނަކީ އޭނާގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން މަތިކުރި މި ދަރަނި ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކައި ހަލާސް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ލޯނު ނެގި ފަރާތްތަކުން ފައިސާ ނުދެއްކުމުން، އަމިއްލަ ހައިސިއްޔަތުން މިއަދާ ހަމައަށް ވެސް އެ ލޯނަށް ފައިސާ ދައްކަވަމުން ގެންދަވާ ކަމަށް ޝަމްހީދު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ޝަމްހީދު ވަނީ މި މައްސަލައިގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތް ކަމަށް ތުހުމަތުކުރައްވައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
ލޯނުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ވެސް ޑުޕްލެކްސް ހިންގަން ތިބި ފަރާތްތަކުން ސަމާލުކަމެއް ނުދީ ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.










