އާރުޑީސީއިން ޕެންޝަން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް އިންޓާނަލް އޮޑިޓް ރިޕޯޓުގައި ބުނެފި
9 ނޮވެމްބަރު 2026 | ހޯމަ 13:33ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތަކާ ގުޅިގެން އުނިކުރަންޖެހޭ ޕެންޝަން ފައިސާ ގަވާއިދުން އުނިކުރަމުން ނުދާކަން އެ ކުންފުނީގެ އިންޓާނަލް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ. މިކަމުގެ ސަބަބުން ޕެންޝަން ގާނޫނާ ހިލާފުވެ، މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް އުނިކަން އަންނާތީ، ނުދައްކާ ހުރި ފައިސާ ދެނެގަނެ ވީހާވެސް އަވަހަށް ޕެންޝަން އޮފީހަށް ޖަމާކުރުމަށް ވަނީ ލަފާދީފައި

އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް (މ) އެ ކޯޕަރޭޝަނުން ސަލްޓަން ޕާކުގައި ކުރިއަށް ގެންދާ މަސައްކަތްތައް ބައްލަވާލައްވަނީ | އާރްޑީސީ
ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި ހިނގަމުން އައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގައި ޕެންޝަން ގާނޫނާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް އިންޓާނަލް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ސަރުކާރުގެ ހިންގުން ދޯދިޔާވެ ގާނޫނާއި ގަވައިދުގެ ބޭރުން ކަންކަން ހިންގަމުންދާ ކަމުގެ އެތައް ވާހަކަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ހާމަވި މި ރިޕޯޓަށް ބަލާއިރު، ވޭތުވެދިޔަ މަސްތަކުގައި އެ ކުންފުނީގެ މުސާރައަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، މިސާލަކަށް ސަލާމް ބުނުމުން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ މުސާރައިން އުނިކޮށްފައިވާ ފައިސާއެއް އަނބުރާ ދޭންޖެހޭ ހާލަތްތަކުގައި، އެ ފައިސާއިން އުނިކުރަންޖެހޭ ޕެންޝަން ފައިސާ އަލުން ހިސާބުކޮށް އުނިކުރަމުން ނުދާކަމަށް ވަނީ ބުނެފަ އެވެ. މިފަދަ ބަދަލުތައް މުސާރައަށް ގެންނަނީ އެ ބަދަލެއް ގެންނަ މަހެއްގެ މުސާރަ ތައްޔާރުކުރާއިރު ކަމަށްވީ ނަމަވެސް، އާރްޑީސީ ގައި އެ ފައިސާއިން ޕެންޝަން ކޮންޓްރިބިއުޝަން އުނިކުރަމުން ނުދެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަށް ޖަމާކުރާ ފައިސާއަކީ މުވައްޒަފަށް އެ މުއްދަތުގައި ލިބުނު ޕެންޝަން ކަނޑަންޖެހޭ މުސާރައިގެ ސައްހަ އަދަދު ނޫންކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގައުމީ ގާނޫނު (ގާނޫނު ނަންބަރު 8/2009) އާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މުވައްޒަފަކާއި އެ މުވައްޒަފެއްގެ ވަޒީފާދޭ ފަރާތުން، މުވައްޒަފުގެ ޕެންޝަން ކަނޑަންޖެހޭ މުސާރައިގެ ޖުމްލަ 14 އިންސައްތަ ޕެންޝަން ފަންޑަށް ދައްކަންޖެހެއެވެ. މީގެ ތެރޭގައި ހިމެނެނީ މުވައްޒަފުގެ އަތުން އުނިކުރާ 7 އިންސައްތައާއި ވަޒީފާދޭ ފަރާތުން ދައްކާ 7 އިންސައްތައެވެ. ޕެންޝަން ކަނޑަންޖެހޭ މުސާރައިގެ ގޮތުގައި ބަލަނީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަސާސީ މުސާރަ އެވެ. އެހެންކަމުން، އަސާސީ މުސާރައާ ގުޅުންހުރި އެއްވެސް ބަދަލެއް ފަހުން ގެނައި ނަމަވެސް ނުވަތަ މުސާރައިގެ ބާކީ ފައިސާއެއް ފަހުން ދޭންޖެހުނު ނަމަވެސް، ޕެންޝަނާބެހޭ ގާނޫނާ އެއްގޮތަށް އެ ފައިސާއިން ޕެންޝަން އުނިކުރަންޖެހޭނެ އެވެ.
ވޭތުވެދިޔަ މުއްދަތުތަކުގެ މުސާރައަށް ގެނެވޭ ބަދަލުތަކުން ޕެންޝަން ފައިސާ އުނިނުކުރުމުގެ ސަބަބުން، ޕެންޝަނާބެހޭ ގާނޫނާ ހިލާފުވުމުގެ އިތުރުން، މުވައްޒަފާއި ވަޒީފާދޭ ފަރާތުން ޕެންޝަން ފަންޑަށް ދައްކަންޖެހޭ ފައިސާގެ އަދަދު މަދުވެ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް (އެމް.ޕީ.އޭ.އޯ) ހުށަހަޅާ ރިޕޯޓުތަކުގައި ނުބައި މައުލޫމާތު ހިމެނުމަށް މަގުފަހިވެފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ ސަބަބުން ގާނޫނީ ގޮތުން ފިޔަވަޅު އެޅުމާއި، މާލީ ގޮތުން ޖޫރިމަނާ އައުމުގެ ފުރުސަތު އޮތުމުގެ އިތުރުން، މުވައްޒަފުން ރިޓަޔަރވާއިރު ލިބޭ އިނާޔަތްތަކަށް އުނިކަން އަންނާތީ މުވައްޒަފުންގެ ޝަކުވާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުގައިވެ އެވެ.
އެޗް.އާރް އަދި ޕޭރޯލް ޑިޕާޓްމަންޓުން، ވޭތުވެދިޔަ މުއްދަތުތަކުގައި މުސާރައަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކެއް އަލުން މުރާޖައާކޮށް، ޕެންޝަން ކަނޑަންޖެހޭ މުސާރައިގެ ތެރޭގައި ހިމެނޭ ފައިސާއިން ޕެންޝަން ކޮންޓްރިބިއުޝަން އަލުން ހިސާބުކުރަންޖެހޭ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އަދި މުވައްޒަފާއި ވަޒީފާދޭ ފަރާތުން މިހާތަނަށް ނުދައްކާ ހުރި ޕެންޝަން ފައިސާ ދެނެގަނެ، އެ ފައިސާ ލަސްނުކޮށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޖަމާކުރުމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މި ރިޕޯޓުގައިވާ މައުލޫމާތުގެ ރިވިއު ކުރިއަށް ގެންގޮސްފައިވަނީ 1 އޮކްޓޫބަރު 2024 އިން 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، ހިއުމަން ރިސޯސްއާ ގުޅޭ މައުލޫމާތުގެ ސައްހަކަމާއި ފުރިހަމަކަން ކަށަވަރުކުރުމަށާއި، އެތެރޭގެ ސިޔާސަތުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކުގެ އިތުރުން ގާނޫނީ އަދި ގަވާއިދުން ލާޒިމްކުރާ ކަންކަމަށް އަމަލުކުރާ މިންވަރު ވަޒަންކުރުމަށްޓަކައި، ކުންފުނީގައި އަމަލުކުރަމުންދާ ހިއުމަން ރިސޯސް ސިޔާސަތުތަކާއި، އިޖުރާއަތްތަކާއި، އޮޕަރޭޝަނަލް ނިޒާމުތައް ވަނީ ދިރާސާކޮށް އިވެލުއޭޓް ކޮށްފަ އެވެ.











