ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި، ބުނީ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް
8 އޮކްޓޯބަރު 2026 | ބުރާސްފަތި 11:01ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ނެތް ކަމަށް ފުލުހުން ނިންމައިފި. މި މައްސަލަ ފައިލްކޮށްފައިވަނީ ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން ކަމަށްވާއިރު، މިއީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ބައްލަވަމުން ގެންދަވަނިކޮށް ސިޔާސީ ނުފޫޒުން ކުރި ތަހުގީގެއް ކަމަށް އެ ފަނޑިޔާރުން ވަނީ ތުހުމަތުކުރައްވާފައި


ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު | ރާއްޖެއެމްވީ
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
މަހާޒް، އޭނާގެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ބުނީ، އެ މައްސަލައިގައި ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކޮށް ބެލިއިރު މި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާތީ މައްސަލަ އެ ޚިދުމަތުގައި ފައިލްކުރެވިފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ.
މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އޭސީސީ އިން ޖޭއެސްސީ އަށް އެންގުމާ ގުޅިގެން ބަލަން ފެށުނު މައްސަލައެކެވެ. ސަރުކާރުގެ މަސްލަހަތު އޮތް މުހިންމު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ލިބުނު އެ އެންގުމާ ގުޅިގެން ޖޭއެސްސީން ވަގުތުން އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި އެވެ.
މިއީ އޭސީސީ އިން ހިންގި ތަހުގީގެކެވެ. އެހެން ނަމަވެސް މައްސަލަ ބަލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި 2026 ވަނަ އަހަރު އޭސީސީ އާއި ފުލުހުން ގުޅިގެން މި މައްސަލައިގައި ޖޮއިންޓް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި މައްސަލައިގައި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ބުނެ އެ މައްސަލަ ވެސް ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން މާރިޗު މަހުގެ 6 ވަނަ ދުވަހު ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާ އާއި މަހާޒު ވަކިކޮށްފައި ވަނީ މެއި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. ދެ ބޭފުޅުން ވެސް ވަކިކޮށްފައި ވަނީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި މަހާޒް ވަނީ ޕީޖީ އަށް ސިޓީ އެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީ އަށް ޖަވާބުދީ ބުރާފަތި ދުވަހު އެ އޮފީހުން ބުނީ އެ މައްސަލަ ދިރާސާކުރުމަށްފަހު ޑިކްލައިން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އޭސީސީއާ ހިއްސާކޮށްފައިވާ ކަމަށެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވަމުން ގެންދަވަނިކޮށެވެ. މިކަމާ ގުޅިގެން ސުއޫދު އާއި އަޒްމިރާލްދާ ވަނީ، ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން އެ ދުސްތޫރީ މައްސަލަ ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފަ އެވެ.











