ރިޔާސީ ނިޒާމުގައި ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ، ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ވަލިއްޔުލް އަމުރުގެ ބޯކަނޑާލާފައި: އަލީ ހުސެއިން
11 އޮކްޓޯބަރު 2026 | އާދީއްތަ 06:38ރާއްޖޭގެ ހަގީގީ ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ ކަމަށްވީ ނަމަވެސް، ސަރުކާރުން ސުޕްރީމް ކޯޓު މެދުވެރިކޮށް ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި. މި ސަރުކާރުން ދެވަނަ ދައުރެއް ހޯދުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެތީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައްޔިތުން ފާރަވެރިވުމަށް އޭނާ އިލްތިމާސްކުރެއްވި


ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ) | މަޖިލިސް
ރާއްޖޭގެ ރިޔާސީ ނިޒާމުގައި ހަގީގީ ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ ކަމަށާއި ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ވަލިއްޔުލް އަމުރުގެ "ބޯކަނޑާލާފައިވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ދައުލަތުގެ ބާރުތައް ތިން ބާރަށް ވަކިކޮށް، އެ ބާރުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް މިނިވަން މުއައްސަސާތައް އެކަށައަޅައި، އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވޭނެ އަދި ނުފޯރުވޭނެ އިންތައް ކަނޑައަޅާފައި އޮތީ ގާނޫނުއަސާސީން ކަމަށެވެ.
އެހެންކަމުން ހަގީގީ ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވީމާ، ދިވެހިރާއްޖޭގައި ހަގީގަތުގައި ވަލިއްޔުލް އަމުރަކީ މިހާރު ވަކި ރައީސުލްޖުމްހޫރިއްޔާއެއް ނޫން. އަދި ޗީފް ޖަސްޓިސް ވެސް ނޫން. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސެއް ވެސް ނޫން. ދިވެހިރާއްޖޭގެ ވަލީލް އަމުރަކީ ގާނޫނުއަސާސީ. އެހެންވީމާ މި ދެންނެވީ ވަލިއްޔުލް އަމުރުގެ ބޯ އޮތީ ކަނޑާލާފައި. އެހެންވީމާ ގާނޫނުއަސާސީ އޮތީ ބޯ ކަނޑާލާފައި.ގާނޫނީ ވަކީލު އަލީ ހުސައިން
ރައީސް މުއިއްޒަށް އިޝާރާތް ކުރައްވައި އަލީ ހުސެއިން ވިދާޅުވީ، އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓު މެދުވެރިކޮށް ގާނޫނުއަސާސީގެ ބޯ ކަނޑާލާފައި ކަމަށެވެ. އަދި ގާނޫނުއަސާސީއަށް މިފަދަ ހާލަތެއް މެދުވެރިކުރުވުމުން ދެން މިކަމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އަލީ ހުސެއިން ވިދާޅުވީ، 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ބޭއްވި، ވޯޓުލާ މަރުކަޒުތަކުގައި ރައްޔިތުންނަށް ވޯޓު ލެވޭ ހާލަތެއް އޮތް ނަމަ، ރައްޔިތުން ރަނގަޅު ހުކުމެއް ނިންމާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ނުވަތަ ދެވަނަ ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށެވެ.
ނަމަވެސް މިސަރުކާރުން ދެވަނަ ދައުރެއް ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށާއި، ރިޔާސީ އިންތިޚާބަށް ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.











