އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް
8 އޮކްޓޯބަރު 2026 | ބުރާސްފަތި 07:05ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގައި އެމްޑީޕީން ކުރި ހިއްސާ ފާހަގަކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ޕާޓީގެ މަސައްކަތްތަކުގައި ދެމިހުންނެވި ބޭފުޅެއް ކަމަށް. އަދި ޕާޓީއަށް އެންމެ ބޭނުންޖެހުނު ދަނޑިވަޅުގައި ރަސްމީކޮށް ގުޅިވަޑައިގެން، އިންތިޚާބުތައް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި

ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
އެމްޑީޕީއަށް ރައްޔިތުންނަށްޓަކައި ކޮށްދެވުނު އެންމެ މުހިންމު މަސައްކަތަކީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކަމަށާއި، ޕާޓީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުންނެވީ ޕާޓީއާ އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، 2004ން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށެވެ. އެ ދުވަސްވަރު އޮތް ބޮޑު މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރެއްވީ އެންމެ 23 މެންބަރުން ކަމުގައި ވިޔަސް، އެ މެންބަރުން މަސައްކަތް ކުރެއްވީ މުޅި ރައްޔިތުންގެ ހައްގުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، މުޅި ރާއްޖޭގެ ރައްޔިތުންނާ އެކު ކުރެވުނު އިސްލާހީ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ބާރުތައް ވަކިކުރުމާއި، އަދި 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރުކުރެވުނު ކަމަށެވެ. އެ މަސައްކަތުގައި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކަމަށާއި، ރާއްޖޭގައި މިހާތަނަށް ހިނގަމުން އައި ވެރިކަންތައް ބިނާވެފައި އޮތީ އެ ގާނޫނުއަސާސީގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، މިއަދު އަނެއްކާވެސް ގާނޫނުއަސާސީ އަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނައިބު ރައީސްކަމުގެ 5 އަހަރުގެ ދައުރުގައި ޕާޓީގެ ދަފްތަރުގައި ރަސްމީކޮށް ނަން ނެތް ނަމަވެސް، ސަރުކާރުގެ މަސައްކަތްތަކާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މަގުފަހިކުރުމަށް ފުރިހަމައަށް މަސައްކަތްކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވެ، ސިޔާސީ ގޮތުން ބަލިކަށިވި ދަނޑިވަޅުގައި، 2024 ވަނަ އަހަރު ރަސްމީކޮށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މާލޭ މޭޔަރުކަމުގެ ބައި-އިލެކްޝަނާއި، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީއަށް ކާމިޔާބު ހޯދައިދިނުމަށް ވަރަށް ގާތުން މަސައްކަތްކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.
ވެރިކަމެއްގައި ޕާޓީއަށް ކާމިޔާބީ ލިބޭ ވަގުތު ގިނަ ބަޔަކު އަންނާނެ ކަމަށާއި، ނަމަވެސް މިއަދަކީ އެމްޑީޕީއަށް އެންމެ ބޮޑަށް ހިތްވަރާއި ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ވަގުތު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް އިސްލާށާއި އިންސާފަށް ލޯބިކުރާ، ކޮރަޕްޝަނާއި ދޮގުހެދުމާ ދެކޮޅަށް މަސައްކަތްކުރާ މީހެއް ކަމަށާއި، އެއީ އެމްޑީޕީގެ ވެސް އަސާސް ކަމުގައި ވިދާޅުވި އެވެ.











