ރާއްޖޭގައި އިސްލާމް ދީން ދަމަހައްޓަވަނީ ޑރ. މުއިއްޒުކަމަށް ދެއްކެވުން ހުއްޓާލައްވާ! ޤާނޫނު އަސާސީ އޮތްގޮތް ވަރަށް ސާފު!
15 އޯގަސްޓު 2026 | ހޮނިހިރު 13:36އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ގާނޫނު ނުހެދޭނެކަން ގާނޫނު އަސާސީން ކަށަވަރުކޮށްދޭއިރު، އެކަމަށް ވަކި ގާނޫނެއް ހަދަން އުޅުމަކީ ދީން ސިޔާސީ ހަތިޔާރަކަށް ހެދުން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ. މިކަމުގައި އޮތް ނިޒާމީ މައްސަލައަކީ ކޮބައިކަން ސާފުކޮށްދިނުމަށާއި ހަގީގީ އިސްލާމީ އުސޫލުތައް ގާއިމުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައި. އެހެންކަމުން ނެތް ބިރުވެރިކަމެއް ދައްކައިގެން ރައްޔިތުންގެ ޖަޒުބާތާ ނުކުޅުމަށް މި ލިޔުމުގައި ބާރުއަޅާފައިވޭ


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ހާއްސަ ގާނޫނެއް ތައާރަފުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ އިއުލާނު ކުރައްވާފަ އެވެ.
ހޮނިހިރު ދުވަހު އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް ނުހެދޭނެކަމަށް ގާނޫނު އަސާސީގައި އޮތްނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތްކަމަށެވެ. އެހެންވެ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީގޮތުންނާއި ނިޒާމީގޮތުން ކަށަވަރުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު މިވަނީ އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރަށް ހުށަހަޅުއްވާނެކަން އިއުލާނު ކުރައްވާފަ އެވެ.
އިސްލާމްދީނާ ހިލާފަށް ގާނޫނު ނުހެދޭނެކަން ގާނޫނު އަސާސީގައި މިހާރު ވެސް ބަޔާންކޮށްފައިވާކަން ރައީސް އަމިއްލަފުޅަށް ގަބޫލުކުރައްވަ އެވެ. ނަމަވެސް އެމަނިކުފާނުގެ ދަލީލަކީ، ގާނޫނު އަސާސީގައިވާ އެ ލާޒިމުކުރުން އަމަލީ ގޮތުން ކަށަވަރުކޮށްދޭނެ ވަރުގަދަ ނިޒާމެއް މިހާރު ގައުމުގައި ނެތް ކަމެވެ.
އެހެންނަމަވެސް، ގާނޫނު އަސާސީގައި މިކަން އޮތީ އޮޅުވާލެވޭ ވަރަށްވުރެ މާ ސާފުކޮށެވެ. ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ، "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މަސްދަރުތަކުގެ ތެރެއިން އެންމެ މުހިންމު މަސްދަރެވެ."
އަދި އެ މާއްދާގައި ސީދާ އިބާރާތުން ބުނެފައިވަނީ "އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ދިވެހިރާއްޖޭގައި ނުހެދޭނެ އެވެ."
މިއީ ކޮންމެހެން ދެވަނަ ދަރަޖައިގެ ގަވާއިދެއްގެ ތެރޭގައި ފޮރުވިފައި އޮތް އާދައިގެ މާއްދާއެއް ނޫނެވެ. މިއީ ދައުލަތް ހިންގުމުގެ އެންމެ މަތީ ގާނޫނު ކަމަށްވާ ގާނޫނު އަސާސީގައި ކަނޑައެޅިގެން ލިޔެވިފައިވާ އުސޫލެކެވެ.
ނުވިތާކަށް، ގާނޫނު އަސާސީގައި އޮތް ރައްކާތެރިކަމަކީ ހަމައެކަނި 10 ވަނަ މާއްދާއެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހަށް ގާނޫނު ހެދުމުގެ ބާރުދޭ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބުނެފައިވަނީ، މަޖިލީހަށް ގާނޫނު ހެދޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ކަމަށެވެ. އަދި "އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނުވާނެ" ކަމަށް އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ދައުލަތަކީ އިސްލާމީ ދައުލަތެކެވެ. ދިވެހި ގާނޫނުތަކުގެ ބިންގަލަކީ އިސްލާމްދީނެވެ. އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް މަޖިލީހަށް ފާހެއް ނުކުރެވޭނެ އެވެ. މަޖިލީހަށް ލިބިދީފައިވާ ގާނޫނު ހެދުމުގެ ބާރު ވެސް ގާނޫނު އަސާސީން އޮތީ މި ޝަރުތާއެކު ހަނިކޮށްފަ އެވެ.
ގާނޫނު އަސާސީގައި މިކަންކަން އޮތް ގޮތް ވަރަށް ސާދާ އެވެ. ނިޒާމު ވެސް ބައްޓަންވެގެން އަންނަންޖެހޭނީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިންކަމަށްވާއިރު، ގާނޫނު އަސާސީގައި ސާފުކޮށް އޮތް ކަމެއްގައި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ނިޒާމީ އުނިކަމެއް ޤައުމުގައި އޮތްކަން ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ދީން އައްޑަނައަކަށް ހަދައިގެން ރައްޔިތުންގެ ޖަޒުބާތާ ކުޅުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟
ސަރުކާރުގެ ކަންބޮޑުވުމަކީ، ގާނޫނުތައް ހަދާއިރު އެ ގާނޫނުތައް އިސްލާމީ އުސޫލުތަކާ ފުށުއަރާތޯ ބަލާ މުއައްސަސާތަކުން އެކަން އެންމެ ރަނގަޅަށް ނުބެލުން ކަމަށްވާނަމަ، އެއީ އިޖުރާއީ ނުވަތަ މުއައްސަސާތަކުގެ ހިންގުމާ ގުޅޭ މައްސަލައެކެވެ. ސަރުކާރުތަކުގެ މައްސަލައެކެވެ.
އެހެންކަމަށްވާނަމަ، މިހާރު އޮތް ނިޒާމު ފެއިލްވީ ކޮން ހިސާބަކުން ކަމާއި، އޮތީ ކޮން ހުސްކަމެއް ކަމާއި، އަދި އަލަށް މި ގެންނަ ނިޒާމުން އެކަން ހައްލުވާނީ ކިހިނެއްކަން ސަރުކާރުން ސާފުކޮށްދޭން ޖެހެ އެވެ. ގާނޫނު އަސާސީގެ 10 ވަނަ މާއްދާ ތަންފީޒުކުރުމުގައި ހަގީގީ ބަލިކަށިކަމެއް އުޅޭނަމަ، އެކަން ދައްކަވައި ދެއްވާށެވެ. އިޖުރާއީ ލޯވަޅެއް އުޅޭނަމަ، އެކަން ސާފުކޮށްދެއްވާށެވެ. ވަކި މުއައްސަސާއެއް ފެއިލްވެފައިވާނަމަ، އެއީ ކޮން މުއައްސަސާއެއްކަމާއި ފެއިލްވީ ކިހިނެއްކަން ރައްޔިތުންނަށް ވިދާޅުވެ ދެއްވާށެވެ.
އެހެން ނޫންނަމަ، މިފަދަ އިއުލާންކުރެއްވުމެއްގެ ސަބަބުން އާންމު ރައްޔިތުންނަށް މުޅިން ނުބައި ތަސައްވަރެއް ލިބުމުގެ ބިރު އެބައޮތެވެ. އެއީ، ރައީސް މުއިއްޒު ވެރިކަމުގައި ނެތްނަމަ، އިސްލާމްދީނާ ހިލާފު ގާނޫނުތައް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ވަދެދާނެ ފަދަ ގާނޫނީ ހުސްކަމެއް މިހާރު އޮތް ކަމަށް ރައްޔިތުންނަށް ހީވުމެވެ.
ދިވެހި މުޖުތަމައުގައާއި ގާނޫނު އަސާސީގައި އިސްލާމްދީނަށް ދެވިފައިވަނީ ވަރަށް މަތިވެރި، ހާއްސަ މަގާމެކެވެ. އެހާ މުހިންމު ކަމަކަށްވާތީ، ދީނާ ގުޅޭގޮތުން ވާހަކަދެއްކުމުގައި ސިޔާސީ ވެރިން މިއަށްވުރެ ބޮޑަށް ފަރުވާތެރިވާން ޖެހެ އެވެ. ގައުމުގެ އެންމެ މަތީ ގާނޫނުން ކަނޑައެޅިގެން ރައްކާތެރިކަން ދީފައިވާ ކަމެއްގައި، ނެތް ބިރުވެރިކަމެއް އުފެއްދުމަށް ދީން ބޭނުންކޮށްގެން ނުވާނެ އެވެ.
ދިވެހި ގާނޫނުގެ ދަށުން އިސްލާމްދީނަށް ރައްކާތެރިކަން ލިބުނީ މި ސަރުކާރު އައި ފަހަކުން ނޫނެވެ. ގާނޫނުއަސާސީގެ 10 ވަނަ މާއްދާ އުފެދުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހަކުން ނޫނެވެ. މި އުސޫލަކީ ވަކި ރައީސެއްގެ މިލްކެއް ވެސް ނޫނެވެ. އަދި މިއީ އައު ސިޔާސީ ސިފައެއް ޖައްސައިގެން ނެރެންޖެހޭ ކަމެއް ވެސް ނޫނެވެ.
ގާނޫނު އަސާސީން މިހާރުވެސް ކަށަވަރުކޮށްދީފައިވާ ކަމެއް، ރައީސަކު ސަލާމަތްކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި ދެއްކުމަކީ ދީން ހިމާޔަތްކުރުމަށްވުރެ ބޮޑަށް، ދީން ސިޔާސީ މުދަލަކަށް ހަދައި، ގާނޫނު އަސާސީން ލިބިދޭ ރައްކާތެރިކަމާ މެދު ރައްޔިތުން އޮޅުވާލުން ފަދަ ކަމެކެވެ. އެކަން ނުކުރައްވާށެވެ.
ވީމާ، ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، އިސްލާމްދީނާ ހިލާފު ގާނޫނު ނުހެދޭނެ ގޮތް ހެދުމަށް ގާނޫނެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާއިރު، އުފެދޭ ސުވާލަކީ އަލަށް މި ހުށަހަޅަނީ ގާނޫނީ ގޮތުން އިތުރު ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟ މަރުގެ ހުކުމް ތަންފީޒު ކުރައްވަން ފައްޓަވަން ކެރިވަޑައިގަންނަވާތޯ އެވެ؟ ރަލާއި އޫރުމަސް ވިއްކައިގެން އާމްދަނީ ހޯދަން ހުރި ދޮރުތައް ބަންދުކޮށްލަން ކެރިވަޑައިގަންނަވާތޯ އެވެ؟ ރިބާއަށް މަގުފަހިވާ އެކިއެކި މާލީ ނިޒާމުތައް ހުއްޓުވާލަން ކެރިވަޑައިގަންނަވާތޯ އެވެ؟ ނޫންކަމުގައިވާނަމަ، އެއްޗެއް ވިދާޅުނުވެ މަޑުން ހުންނެވުން ވެސް މާ ބުއްދިވެރިވާނެ އެވެ.









